Support Us

ރަޝިޔާއާ ދެކޮޅަށް ޙަމަލާތަކެއް ދިނުމަށް އައު ފައުޖުތަކެއް އެކުލަވައިލައިފިން: ޒިލެންސްކީ

ރަޝިޔާއާ ދެކޮޅަށް ބާރުގަދަ ޙަމަލާތަކެއް ދިނުމަށް ޓަކައި ޢަސްކަރީ އައު ފައުޖުތަކެއް އެކުލަވައިލެވިއްޖެ ކަމަށް ޔުކްރޭންގެ ރައީސް ޒިލެންސްކީ ރޭ ވިދާޅުވެއްޖެއެވެ. އަނެއްކޮޅުން ރަޝިޔާ ބުނާގޮތުގައި ޔުކްރޭންގެ ނާޒީ އައު ސަރުކާރު ވައްޓައިލައި ޔުކްރޭން އަތުގައި ހުރި ހަތިޔާރުތައް ނިގުޅައިގަނެވެންދެން ރަޝިޔާގެ ޢަސްކަރީ ޚާއްޞަ މަސައްކަތްތައް ކުރިއަށް ގެންދެވޭނެއެވެ.

ހަނގުރާމައިގެ މައިދާނަށް ބަލާއިރު ޔުކްރޭން ވެސް އެއްބަސްވާ ގޮތުގައި ހަނގުރާމައިގެ މައިދާނުގައި ރޫސީ ސިފައިން ދަނީ ކުރިއަރަމުންނެވެ. މިކަމާ ވިދިގެން ސްޕޭނާއި ލެޓްވިޔާއިން ބުނާގޮތުގައި އެ ދެ ޤައުމުން ޔުކްރޭނަށް އިތުރު ހަތިޔާރު ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ޒިލެންސްކީ ރޭ ދެއްވި ވީޑިއޯ ޚިޠާބުގައި ވިދާޅުވިއެވެ. "ހަނގުރާމައިގެ މައިދާންތަކަށް ފަތުރައިލުމަށް ޓަކައި އަހުރެމެން މި ދަނީ އައު ފައުޖުތަކެއް ތައްޔާރުކުރަމުންނެވެ." އޭނާ ހާމަކުރެއްވި ގޮތުގައި ޔުކްރޭން ސިފައިންގެ ޔަފާތު ބާރުތަކުގެ އިސްވާރުންނާއެކު ބޭއްވެވި ބައްދަލުވުންތަކުގައި ބަހުސްކުރައްވައިފައި ވަނީ "ރަޝިޔާގެ އިސްތިޢުމާރުގެ ކިބައިން ޔުކްރޭންގެ ބިންތައް މިނިވަންކުރުމާ ބެހޭގޮތުންނެވެ."

އޭނާ ވިދާޅުވިގޮތުގައި "މިއަދު ދައުލަތުގެ އެންމެ ބޮޑު މުހިއްމަތަކީ ހިފައިފައިވާ ބިންތައް މިނިވަންކުރުންކަން އެންމެން ވެސް ދަންނަން ޖެހޭނެއެވެ." އޭނާ ވިދާޅުވިއެވެ. "އެންމެ ބޮޑު އައުލަވިއްޔަތެއް ދެވިފައިވަނީ އެންމެ ކުރީ ސަފަށެވެ."

ޒިލެންސްކީ ވިދާޅުވިއެވެ. "އަހުރެމެންގެ ޢަޒްމާ އެމީހުންގެ ޢަޒްމުގައި ތަފާތެއް ނެތެވެ. ރަޝިޔާ ބަލިކުރުމެވެ." ރައީސް ޒިލެންސްކީގެ ވާހަކަފުޅުގައި ހުޅަނގަށާއި އެމެރިކާއަށް ވަރަށް ބޮޑަށް ޝުކްރު އަދާކުރެއްވިއެވެ.

ޖަރްމަނުގައި އޮންނަ އެމެރިކާގެ ޢަސްކަރީ ރަމްޝްޓައިން ބޭހުގައި ހުޅަނގުގެ ބައިވެރިން ރޭ ބޭއްވި ބައްދަލުވުމުގައި ޔުކްރޭނަށް އިތުރު އެހީ ދިނުމާބެހޭގޮތުން ބަހުސްކުރިއެވެ. އެމެރިކާގެ ދިފާޢީ ވަޒީރު އޮސްޓިން ވިދާޅުވިގޮތުގައި "ޔުކްރޭނަށް ބޭނުންވާ ހަތިޔާރާއި އެހީ ދިނުމަށް އަހުރެމެން މި ތިބީ ކަށަވެތިވެގެންނެވެ." އޭނާ ވިދާޅުވިގޮތުގައި "ރައީސް ޕޫޓިން ޤާއިމުކުރައްވަން ބޭނުންފުޅުވާ ނުފޫޒުގެ މަރްކަޒުތައް ޤާއިމު ކުރައްވަން އެމެރިކާއިން ދޫކޮށެއް ނުލާނެއެވެ."

މި ބައްދަލުވުމުގެ ކުރިން ނޭޓޯގެ އަމީން ޢާންމު ސްޓޮލްޓެންބަރގް ބުރާސްފަތި ދުވަހު ޔުކްރޭނަށް ވަޑައިގަތެވެ. މިއީ ޔުކްރޭން ހަނގުރާމަ 2022 ގެ ފެބްރުވަރީގައި ފެށުނު ފަހުން އޭނާ ޔުކްރޭނަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. އޭނާ ވިދާޅުވި ގޮތުގައި ޔުކްރޭން ނޭޓޯގެ މެންބަރަކަށް ހެދުމާމެދު އެއްވެސް މެންބަރަކު ދެކޮޅެއް ނަހައްދަވައެވެ. އޭނާ ވިދާޅުވިގޮތުގައި މިހާރު ހިނގަމުންދާ ހަނގުރާމަ ނިމުމުން އައު ޙަމަލާއެއް ނުދެވޭވަރުގެ މައިތިރިތަކުން ކިޔީވް ޙިމާޔަތްކޮށް ދެވެން ވާނެއެވެ.

ބަޚްމޫތުގެ ޙާލަތު

ހަނގުރާމައިގެ މައިދާނަށް ބަލާއިރު ޔުކްރޭނުން ރޭ ބުނިގޮތުގައި ބަޚްމޫތުގައި ރޫސީ ސިފައިން ދަނީ ކުރިއަރަމުންނެވެ. ޔުކްރޭންގެ ދިފާޢީ ވަޒީރުގެ ނައިބާ ހާނާ މަލިޓާރު އޭނާގެ ޓެލެގްރާމުގައި ލިޔުއްވި މެސެޖެއް ބުނާގޮތުގައި ޙާލަތު ވަރަށް ނުތަނަވަހެވެ. އޭނާ ވިދާޅުވިގޮތުގައި ޤަރާރުތައް ނަގަމުން މި ދަނީ ޙާލަތު ނިޔާކުރާގޮތަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު ހަނގުރާމަ ހިނގަމުންދަނީ ބަޚްމޫތުގެ ހުޅަނގު ބިތުގައެވެ. މިއީ އެ ސަހަރުން ރަޝިޔާއަށް ނުހިފި އޮތް ތަންކޮޅެވެ.

ރަޝިޔާގެ ޙަމަލާތައް

އަނެއްކޮޅުން ރޫސީ ޚާރިޖިއްޔާ ބުނާގޮތުގައި ޔުކްރޭނުން އަޅަމުންދާ ފިޔަވަޅުތަކާއި ދައްކަމުންދާ ވާހަކަތަކުން އެނގެނީ ރަޝިޔާއިން ފަށައިފައިވާ "ޢަސްކަރީ ޚާއްޞަ މަސައްކަތްތައް" ކުރިއަށް ގެންދަން މަޖްބޫރުވާ ކަމެވެ. ރޫސީ ޚާރިޖިއްޔާ ބުނިގޮތުގައި އައު ނާޒިއްޔަތު މުލުން އުފުރާލައި އެ ބާރުގެ ކިބައިން ހަތިޔާރުތައް ނިގުޅައި ގަނެވެންދެން މި މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.

އަނެއްކޮޅުން ކްރެމްލިން ބުނާގޮތުގައި ރަޝިޔާއިން ބޭރުކުރާ މުދާތަކާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އަޅަން ހުޅަނގުން އެބަ ރާވައެވެ. މި ކަމުގެ ސަބަބުން ޢާލަމީ އިޤްތިޞާދަށް ގެއްލުންތައް ލިބޭނެކަމަށް ކްރެމްލިނުން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *