ތައިވާނުގެ މަސްއަލައިގައި ޗައިނާއިން އެއްވެސް ދުލެއް ނުދޭނެކަމަށް ޗައިނާގެ ޚާރިޖީ ވަޒީރު ޗެން ގަންގް މިއަދު ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވި ގޮތުގައި މި މަސްއަލައާ ބެހޭގޮތުން ޗައިނާއާ ދެކޮޅަށް ހުޅަނގުން ކިޔާ ފާޑުކިޔުންތަކަކީ "ބުއްދި ގަބޫލުކުރާނެ" ވާހަކަތަކެއް ނޫނެވެ. އޭނާ ވިދާޅުވިގޮތުގައި ތައިވާނަކީ ޗައިނާގެ ބިމާ ވަކިކޮށް ނުލެވޭނެ ޗައިނާގެ ފަސްގަނޑުގެ ބައެކެވެ.
ތައިވާން ޗައިނާއިން ވަކިވެގަތީ 1949ގައި ޗައިނާގެ އަހްލީ ހަނގުރާމައިގައި އޭރު ވެރިކަމުގައި ތިބި މީހުން ބަލިވެ ފިލައިގެން ގޮސް ތައިވާނުގައި ޗައިނާ ނަމުގައި ވެރިކަމެއް ޤާއިމުކުރުމުން އެމެރިކާއިން އެމީހުން ޙިމާޔަތްކޮށްދިނުމުންނެވެ.
އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދާއި ޖަމާޢަތް 7ގެ ޤައުމުތަކުން ޗައިނާއަށް އިންޒާރުކުރާ ގޮތުގައި ތައިވާން ކަނޑުއޮޅީގެ މިހާރުގެ ޙާލަތަށް ރައްކައުތެރިވާން ޖެހޭނެއެވެ. މި ޙާލަތަށް ބަދަލެއް ގެނެސްފާނެ އެއްވެސް ފިޔަވަޅެއް ބޭޖިންގުން އަޅައިގެން ނުވާނެއެވެ.
ޗެން ގަންގް ވިދާޅުވިއެވެ. "ހުޅަނގުން އަބަދުވެސް މި ކިޔަނީ ޗައިނާއިން ބައިނަލްއަޤްވާމީ ނިޒާމަށް ގޮންޖަހާ ވާހަކައެވެ. ތައިވާނު ކަނޑުއޮޅީގެ ޙާލަތު ގަދަ ބާރުން ބަދަލު ކުރާން އުޅޭ ވާހަކައެވެ. މި ޙާލަތަކީ އެމެރިކާއާއި ހުޅަނގުން އުފެއްދި ޙާލަތެއް ނޫންހެއްޔެވެ؟"
ޝަންހައި މަންސާގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވިއެވެ. "މިއީ ހަމަބުއްދިއަށް ބަލައި ގަނެވޭނެ ވާހަކަތަކެއް ނޫނެވެ. އަދި މި ވާހަކަތަކުގެ ނަތީޖާ ވަރަށް ބިރުވެރިއެވެ."
އޭނާ ވިދާޅުވިއެވެ. ހުޅަނގުން އެ ބުނާ ޙާލަތަކީ "ޗައިނާގެ ސިޔާދަތުގެ ޙުރްމަތް ކެނޑުމެވެ."
ފަހަކަށް އައިސް އެމެރިކާއާއި ހުޅަނގުގެ ބައެއް ޤައުމުތަކުން ތައިވާނާއެކު ގުޅުންތައް ވަރުގަދަކުރަމުންދާތީ ޗައިނާއިން އެ ކަން ކުށްވެރި ކުރެއެވެ. ޗައިނާގެ ވަޒީރު ވިދާޅުވި ގޮތުގައި އެއީ ޗައިނާގެ ބިމުގެ އެއްބައެއްވަންތަ ކަމަށް ހުރި "ބޮޑު ބިރެކެވެ." ގަންގް ވިދާޅުވިއެވެ. "ޗައިނާގެ ސިޔާދަތާއި އަމްނު ނަގައިލުމަށް ކުރެވޭ އެއްވެސް މަސައްކަތެއްގައި ޗައިނާއިން އެއްވެސް ދުލެއް ނުދޭނެއެވެ. ތައިވާނުގެ މަސްއަލައިގައި އަލިފާނާ ކުޅޭމީހުން ފިހިގެންދާނެއެވެ."
ފަރަންސޭސި ރައީސް މެކަރޯން މި މަހުގެ ކުރީކޮޅުގައި ތައިވާނުގެ މަސްއަލައިގައި އެމެރިކާއަށް ތަބާވުން ހުއްޓައލުމަށް ހުޅަނގަށް ވަނީ ގޮވައިލައްވައިފައެވެ. ނޭޓޯގެ ޤައުމުތަކުން އެ ބަޔާނާ ދެކޮޅަށް ފާޑުކިޔައިފައިވާ ކަން ފާހަގަ ކުރެވެއެވެ.



advertisment