ސޫދާނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މި ހާތަނަށް 330 މީހަކު މަރުވެ 3,200 މީހަކު ޒަޚަމުވެފައިވާ ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ މެދުއިރުމަތީގެ ޑިރެކްޓަރު އަޙްމަދުލް މުންޡަރީ ވިދާޅުވެއްޖެއެވެ.
ސޫދާނުގައި ސަރުކާރުގެ ޢަސްކަރީ ބާރުތަކާއި ފެތުރިގަތުން އަވަސް ބާރުތަކާ (ޙަމީދަތީގެ ބާރުތައް) ދެމެދުގައި ހަނގުރާމަ ފެށީ މި ދިޔަ ހޮނިހިރު ދުވަހުއެވެ. މި ހަނގުރާމަ ފެށީ ޙަމީދަތީގެ ބާރުތައް ދެ އަހަރު ދުވަހުގެ ތެރޭގައި ސޫދާނުގެ ޢަސްކަރިއްޔާއާ އެއްކޮށް އެއްބާރަކަށް ހެދުމާ ބެހޭ މަސްއަލައިގައި ސިފައިންގެ ވެރިޔާ ބުރްހާނާއި ފެތުރިގަތުން އަވަސް ބާރުތަކުގެ ވެރިޔާ ޙަމީދަތީއާ ދެމެދުގައި ދެބަސް އުފެދުމުންނެވެ. މި ކަމާ ވިދިގެން ޙަމީދަތީގެ ބާރުތަކުން ކުއްލި ގޮތަކަށް ސިފައިންގެ މަރްކަޒުތަކަށް ޙަމަލާދިނީއެވެ. މި ކަމުގެ ސަބަބުން ސޫދާނުގެ ސިފައިންނަށް ކުއްލި ސިހުމެއް ލިބިގެން ދިޔައެވެ. ސޫދާން ސަރުކާރުން މިހާރު ވަނީ މިއީ ބާޣީ ބާރެއްކަމަށް އިޢުލާން މި ބާރު އުވައިލައިފައެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ސަރަޙައްދީ ޑިރެކްޓަރު މުންޡަރީ ވިދާޅުވާ ގޮތުގައި ސޫދާނުގެ ޞިއްޙަތާބެހޭ ވުޒާރާ ބުނާގޮތުގައި ޙަމަލާތަކުގެ ސަބަބުން ނުވަތަ ބޭސް މަދުވުމުގެ ސަބަބުން ނުވަތަ ޑަކްޓަރުންނަށް މަސައްކަތަށް ނުނުކުމެވެވުމުގެ ސަބަބުން 20 ހަސްފަތާލެއް ވަނީ ބަންދުކޮށްފައެވެ. އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އެ ޖަމްޢިއްޔާގެ ދައުރު އަދާކުރުމަށް މަސައްކަތް ކުރާނެއެވެ. އެހެނަސް މި މަސައްކަތް ކުރެވޭނީ އެ ކަމަށް ވެށި ފަހިވެގެންނެވެ. މުވަޒައްފުންނަށް މަސައްކަތް ކުރެވޭނެ ޙާލަތު ތަނަވަސްވެގެންނެވެ. ސޫދާނަށް ދަތުރުކުރެވޭނެ މަގު ތަނަވަސްވުމުން ބޭހާއި ޑަކްޓަރުން ފޮނުވާނެ ކަމަށް މުންޡަރީ ވިދާޅުވިއެވެ.



advertisment