Support Us

ސުޢޫދީ ޚާރިޖީ ވަޒީރު އަސަދާ ބައްދަލު ކުރައްވައިފި

ސޫރިޔާގެ މަސްއަލައަށް ސިޔާސީ ޝާމިލު ޙައްލެއް ގެނައުމާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ޓަކައި ސުޢޫދީ ޚާރިޖީ ވަޒީރު ފައިޞަލް ބިން ފަރަޙާން ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދާ އިއްޔެ ދިމަޝްޤުގައި ބައްދަލުކުރައްވައިފިއެވެ. ފައިޞަލް-އަސަދު ބައްދަލުކުރެއްވުމުގައި ސޫރިޔާ އަނބުރާ ޢަރަބި ވެށީގެ ތެރެއަށް ގެނައުމާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށް ޚަބަރު ލިބެއެވެ.

ސުޢޫދީ ޚާރިޖީ ވަޒީރު ފައިޞަލް ބިން ފަރަޙާން ރަސްމީ ދަތުރުފުޅެއްގައި އިއްޔެ ދިމަޝްޤަށް ވަޑައިގެންނެވީ ސޫރިޔާގެ ޚާރިޖީ ވަޒީރު ފައިޞަލް މިޤްދާދުގެ ދަޢުވަތަކަށެވެ. އޭނާ ވަނީ މީގެ ފަސް ދުވަސް ކުރިން ޖިއްދާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ. ސުޢޫދީ ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގެ މުއްދަތެއް އިޢުލާނެއް ނުކުރައްވައެވެ.

ސުޢޫދީ ރަސްމީ ނޫސް އޭޖެންސީ ވާސް ބުނާގޮތުގައި ރައީސް އަސަދާއި ވަޒީރު ފައިޞަލް ބަހުސްކުރެއްވީ ސޫރިޔާގެ މަސްއަލައަށް ސިޔާސީ ޝާމިލު ޙައްލެއް ގެނައުމަށް ޓަކައި އަޅަންޖެހޭ ލާޒިމު ފިޔަވަޅުތަކާ ބެހޭގޮތުންނާއި ސޫރިޔާ އަނބުރާ ޢަރަބި ވެށްޓަށް ގެނެސް އެ ޤައުމުގެ ދައުރު އަދާކުރެވޭނެ މަގުތައް ތަނަވަސްކޮށް ދިނުމާ ބެހޭގޮތުންނެވެ. ސޫރިޔާގެ ބިމުގެ އެއްބައިވަންތަކަމާއި  ސޫރިޔާގެ އަމްނާއި ހަމަޖެހުމާއި ސޫރިޔާގެ ޢަރަބިވަންތަކަން ދެމެހެއްޓެން ޖެހޭނެ ކަމަށް ދެ ބޭފުޅުން އެއްބަސްވެވަޑައިގެންނެވިއެވެ.

ސުޢޫދީ ޚާރިޖީ ވަޒީރު ފައިޞަލް ބިން ފަރަޙާން ވިދާޅުވާ ގޮތުގައި ސޫރިޔާއަށް ދެވޭ އިންސާނީ އެހީތައް ސޫރިޔާގެ ހުރިހާ ސަރަޙައްދުތަކަކަށް ފޯރުކޮށްދެވޭނެ ރަނގަޅު ވެށްޓެއް ތަނަވަސް ކުރެވެން  ޖެހޭނެއެވެ. އަދި ސޫރިޔާގެ  ރެފިޔުޖީންނާއި ހަނގުރާމައިގެ ސަބަބުން ވަޠަން ދޫކޮށް ގޮސްފައި ތިބި ސޫރިޔާގެ ރައްޔިތުންނަށް އެމީހުންގެ ގެދޮރަށް އެނބުރި އާދެވޭނެ  ރަނގަޅު ޙާލަތު ތަނަވަސްކޮށް ދެވެން ޖެހޭނެއެވެ. ހަނގުރާމައިގެ ސަބަބުން ސޫރިޔާގެ ރައްޔިތުން ބަރުދާސްތު ކުރަމުންދާ ބުރަތައް  ނިމުމަކަށް ގެނެވެން ޖެހޭނެއެވެ.

ސަލްމާން ރަސްގެފާނު މެދުއިރުމަތީގެ މަސްއަލަތައް ޙައްލު ކުރެއްވުމަށާއި ގަލްފު ސަރަޙައްދަށް ހަމަޖެހުންގެންނެވުމަށް ޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު ތާރީފު ކުރައްވަމުން ސުޢޫދީ  ޢަރަބިއްޔާއަށް އިތުރު ކުރިއެރުމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ސުޢޫދީ ޚާރިޖީވަޒީރު ފައިޞަލް ބިން ފަރަޙާނުގެ މި ދަތުރުފުޅަކީ ސުޢޫދީ ވަޒީރަކު 12 އަހަރުގެ ތެރޭގައި ދިމަޝްޤަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

މީގެ ފަސް ދުވަސް ކުރިން ސޫރިޔާގެ ޚާރިޖީ ވަޒީރު ފައިޞަލް މިޤްދާދު ސުޢޫދީ ޢަރަބިއްޔާއަށް ވަނީ ދަތުރުފުޅެއް  ކުރައްވައިފައެވެ. އެ ދެ ޤައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުތަކުގެ ޚިދްމަތް ފެށުމަށާއި ކޮންސަލް ޚިދްމަތްތައް ފެށުމަށް ރިޔާޟާއި ދިމަޝްޤު އެއްބަސްވިއެވެ.
ޢަރަބި ސަމިޓް

މީގެ މަހެއްހާ ދުވަސް ފަހުން ޢަރަބި ސަމިޓެއް ރިޔާޟުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވަގުތެއްގައި ސުޢޫދީ ސޫރީ ގުޅުންތަކަށް ހެޔޮ ބަދަލުތައް އަންނަމުންދާތީ މި ސަމިޓްގައި ސޫރިޔާ އަލުން ޢަރަބި ލީގަށް ގެނައުމާ ބެހޭގޮތުން މަޝްބަރާ ކުރެވޭނެ ކަމަށް ދިރާސާކުރައްވާ ބޭފުޅުން ލަފާކުރައްވައެވެ. ސޫރިޔާ ޢަރަބި ލީގްގެ މެންބަރުކަމުން ވަގުތީގޮތުން ވަކިކުރީ 2011ވަނަ އަހަރުގައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *