Support Us

ސޫދާން ސަލާމަތް ކުރެވޭތޯ އެފްރިކާ ޙަރަކާތްތެރިވާން ފަށައިފި

ސޫދާނުގައި ސަރުކާރު ސިފައިންނާއި ފެތުރިގަތުން އަވަސް ބާރުތަކާ ދެމެދުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވޭތޯ އެފްރިކާއިން ރޭ މަސައްކަތް ފަށައިފިއެވެ. އެފްރިކާ އިއްތިޙާދުގެ ކަމިޝަނަރ ޖެނެރަލް މޫސާ ފިއްކީ މުޙައްމަދު ވަގުތުން ސޫދާނަށް ވަޑައިގަތުމަށް ވަނީ ނިންމަވައިފައެވެ

އިރުމަތީ އެފްރިކާ ތަރައްޤީ ކުރުމާ ބެހޭ ސަރުކާރުގެ މުއައްސަސާ (އީޖާދު) ބުނާގޮތުގައި ކެންޔާއާއި ދެކުނު ސޫދާނާއި ޖިބޫތީގެ ރައީސުންޚުރްޠުމަށް އަވަހަށް ވަޑައިގެންނެވޭތޯ މަސައްކަތްޕުޅު ކުރައްވާނެއެވެ. އެއީ ސަރުކާރުގެ ޢަސްކަރިއްޔާއާއި ފެތުރިގަތުން އަވަސް ބާރުގެ އިސްވާރުންނާއެކު ހަނގުރާމަ ހުއްޓުމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމަށް ޓަކައެވެ.

އެފްރިކާ އިއްތިޙާދުން ރޭ ނެރުނު ބަޔާނުގައި ސޫދާނުގެ ޙާލަތާމެދު އެ އިއްތިޙާދު ވަރަށް ބޮޑަށް ކަންބޮޑުވާކަން ހާމަކޮށް ހަނގުރާމަ ކުރާ ދެ ފަރާތަށް ހަނގުރާމަ ހުއްޓައިފާ މޭޒުދޮށަށް އައުމަށް ގޮވައިލައިފާ ވެއެވެ. މި ބަޔާނުގައި ސޫދާނުގެ ޖަނަރަލުންނަށް ސޫދާނުގެ ޢާންމު ރައްޔިތުން ޙިމާޔަތް ކުރުމަށް ގޮވައިލައިފާ ވެއެވެ. މި ބަޔާނުގައި ހަނގުރާމަ ކުރަމުންދާ ދެ ފަރާތަށް ޞުލްޙަވެރި އަވަސް ޙައްލެއް ގެނައުމުގެ މަގަށް ތަބާވުމަށް ވެސް ގޮވައިލައިފާ ވެއެވެ. ސުދާނުގެ މަސްއަލައިގެ ތެރެއަށް ބޭރުގެ އެއްވެސް ބާރެއް ނުވަނުމަށް ވެސް މި ބަޔާން ގޮވައިލައިފައި ވެއެވެ. އެކަމުގެ ސަބަބުން މަސްއަލަ ތައުގީދުވެގެންދާނެތީއެވެ.

އަވަށްޓެރި ޤައުމުތަކުން ވެސް ވަނީ މަސްއަލަ ޙައްލުކުރުމުމަށް ޓަކައި ދޭތެރެމެދުގައި ހިނގާ ފަރާތެއްގެ ދައުރު އަދާކުރުމަށް ތައްޔާރަށް އޮތްކަމަށް ބުނެފައެވެ. މިޞްރާއި ދެކުނު ސޫދާނުގެ ރައީސުން އިއްޔެ ވަނީ މިކަމާބެހޭގޮތުން ފޯނުން މަޝްވަރާކުރައްވައިފައެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނާގޮތުގައި ސޫދާނުގައި ހިނގަމުންދާ ހަނގުރާމައިގައި ސަރުކާރު ސިފައިންގެ ފަޅި ގަދަވަމުން ދާތަން ފެނެއެވެ. މި ހާތަނަށް 59 މީހަކު މަރުވެފައިވާ ކަމަށް ޚަބަރު ލިބެއެވެ. އޭގެތެރޭގައި އދ ގެ ތިން މުވައްޒަފަކު ހިމެނެއެވެ.

މި ދިޔަ ހޮނިހިރުދުވަހު ކުރިމަތިލުންތައް ފެށުނީ ސިފައިންގެ ވެރިޔާ އަދި ސިޔާދަތީ މަޖިލީހުގެ ރައީސް ސްޓާފް ޖެނެރަލް ޢަބްދުލް ފައްތާހުލް ބުރްހާނަށް ވަފާތެރި ޢަސްކަރީ ބާރުތަކާއި ސިޔާދަތީ މަޖިލީހުގެ ނައިބު ރައީސް ޖެނެރަލް މުޙައްމަދު ޙަމްދާން ދިޤްލޫ (ޙަމީދަތީ) އަށް ވަފާތެރި ފެތުރިގަތުން އަވަސް ބާރުތަކާ ދެމެދުގައެވެ. މިއީ 2019ގައި މި ދެ ބޭފުޅުން ގުޅިވަޑައިގެން ރައީސް ބަޝީރު ވެރިކަމުން ދުރުކުރެއްވި ފަހުން ހިނގި އެންމެ ފުރަތަމަ ކުރިމަތިލުމެވެ. މި ދެ ބޭފުޅުންގެ ދެމެދުގައި ދެބަސްވުން އުފެދުނީ ޙަމީދަތީގެ ބާރުތައް ދެ އަހަރު ދުވަހުގެ ތެރޭގައި ސޫދާނުގެ ޢަސްކަރިއްޔާއާ އެއްކޮށްލުމުގެ މަސްއަލައިގައެވެ. ޙަމީދަތީ ހުށައަޅުއްވަނީ 10 އަހަރު ދުވަހުގެ ތެރޭގައި އެކަން ކުރުމަށެވެ. މި މަސްއަލައިގައި އުފެދުނު ދެބަސްވުންތަކާ ވިދިގެން ޙަމީދަތީގެ ބާރުތަކުން ކުއްލިއަކަށް ސޫދާނު ސިފައިންގެ ބައެއް މަރްކަޒުތަކަށް ޙަމަލާދިނީއެވެ.

ރޭ ކުޑައިރުކޮޅަކަށް ހަނގުރާމަ ހުއްޓުނު ނަމަވެސް ވަރަށް އަވަހަށް ވަނީ ކުރިމަތިލުންތައް އަލުން ފެށިފައެވެ. ސޫދާނު ސިފައިން މިހާރު ދަނީ ޙަމީދަތީގެ ބާރުތަކަށް ވައިގެ ޙަމަލާތައް ވެސް ދެމުންނެވެ. ޙަމީދަތީގެ ބާރުތައް ޚުރްޠޫމުގެ ވައިގެ ބަނދަރުތެރޭގައްޔާއި ޚުރްޠޫމުގެ އަވަށްތަކުގެ ތެރޭގައި ފެތުރިގަންފައިވާތީ އެމީހުން ބަލިކޮށްލުން ވަނީ ދަތިކަމަކަށް ވެފައެވެ. ރިޔާސީ ގަނޑުވަރުގެ ބައެއް ވެސް ޙަމީދަތީގެ ބާރުތަކުން ހިފައިފައިވާ ކަމަށް ޚަބަރު ލިބެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *