ރޭ އަލްމަސްޖިދުލް ޙަރާމުގައި ދޮޅު މިލިއަން މީހުން ނަމާދުކޮށްފައިވާ ކަމަށް ދެ ޙަރަންފުޅާ ބެހޭ އިދާރާގެ ރިޔާސަތުން މިއަދު ބުނެފިއެވެ. ރެއަކީ ރަމަޟާން މަހުގެ 25 ވިލޭރެއެވެ.
ފަންސަވީހަކީ ފަހުދިހައިގެ އޮނަހިރި ރޭތަކުގެ ތެރޭގައި ހިމެނޭ ރެއެކެވެ. ފަހު ދިހައިގެ އޮނަހިރި ރެއެއްގައި ލައިލަތުލް ޤަދްރިވިލޭރޭ ލިބޭތޯ ގަދައަޅައި މަސައްކަތް ކުރުމަށް ކީރިތި ރަސޫލާ ﷺ އިރްޝާދު ދެއްވައިފައި ވެއެވެ.
ދެ ޙަރަންފުޅާ ބެހޭ އިދާރާ ބުނާގޮތުގައި 56،400 ޒަމްޒަމް ފެންފުޅި ރޭ ބެއްސެވެ. މީގެ އިތުރަށް މައްކާގެ ޙަރަންފުޅު ތެރޭގައި ހުންނަ ޒަމްޒަމްފެނުގެ އިސްކުރުތަކުން ބޭނުން މީހަކަށް ފެން ލިބެން ހުރެއެވެ. މި އިދާރާ ބުނާގޮތުގައި ޠަވާފުކުރުމުގައި 5،949 މީހަކަށް އެހީވެދިނެވެ. ކުޑަކުދީން ގެއްލުނަނުދިނުމަށް ޓަކައި އަޅުވާ އަތު އުޅާ 3،542 ކުއްޖެއްގައި އަތުގައި އަޅުވައިދިނެވެ. ގެއްލޭ ކުދިން އުޅޭ ހިސާބު މި އުޅަލުގެ ސަބަބުން ދެނެގަނެ އެ ކުދިން ހޯދާ މައިންބަފައިން ގާތަށް ގެނެސް ދެވޭނެއެވެ
މި އިދާރާއިން މަޢުލޫމާތު ދިން ގޮތުގައި ޙަރަންފުޅު ސާފުކުރުމަށް ޓަކައި ރޭ 130 ހާސް ލިޓަރުގެ މުޠައްހިރު ބޭނުންކުރެވުނެވެ. އަދި ވައި ތާޒާކުރުމަށް ޓަކައި ތިން ހާސް ލިޓަރުގެ އަތަރު ބޭނުންކުރެވުނެވެ.



advertisment