Support Us

މަތީ ދަރަޖަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުއްވައިލައްވައިފި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުސަތު، ޚާއްޞަ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުއްވާލައި ޚާއްޞަ އިނާމާބެހޭ އުސޫލު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފިއެވެ.

މަތީ ދަރަޖަ އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައި ވަނީ، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން" http://apply.presidency.gov.mv މި ޕޯޓަލް މެދުވެރިކޮށްގެންނެވެ. ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ، މިއަދުން ފެށިގެން އަންނަ ޖޫން މަހުގެ އެކެއް ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށެވެ.

މަތީ ދަރަޖަ އިނާމު މިއަހަރު ދެއްވުމަށް ހަމަޖެހިފައިވަނީ ހަތަރު ގިންތިއަކުންނެވެ. އެއީ،

  1. މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް އިނާމުދޭ ގިންތި: މި ގިންތީގައި ހިމެނެނީ، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކާއި، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ނުވަތަ 9ގެ ސަނަދެއް ހާސިލުކުރުމުގައި، މަތީ ތަޢުލީމުދޭ މަރުކަޒަކުން ކަނޑައަޅާ އެންމެމަތީ ދަރަޖައިގައި ކޯހުން ފާސްވެ، އެ މަރުކަޒަކުންދޭ އެންމެމަތީ ޝަރަފު ލިބޭ ފަރާތްތަކެވެ.
  2. ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތި.
  3. ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ޙައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ ޢިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތި.
  4. ހުނަރުވެރި، ފަންނުވެރި މަސައްކަތްތެރި ޒުވާނުން ޤައުމީ ތަރައްޤީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދެއްވުމަށް ހިމަނުއްވާފައިވާ ގިންތި: މި އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

ޚާއްޞަ އިނާމު މިއަހަރު ދެއްވާނީ، މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *