Support Us

ދައުލަތެއްގެ ފުރިހަމަ އުސޫލު ވަނީ އިސްލާމީ ސިޔާސަތުގައި (2)

ޑިމޮކްރަސީގައި ސުވާލު އުފެދޭ ބައެއް ކަންކަން:

ޑިމޮކްރަސީއޭ ކިޔުނު، އިހު ބުނެވިދިޔަ ނުކުތާތަކަށް ބަލާއިރު ސުވާލު އުފެދޭ ކަންތައް އެބަހުއްޓެވެ. އެހެނީ ޑިމޮކްރަސީ އުފެދި ބޮޑުވުމުގައި ހިނގި މަރުޙަލާތަކުގައި އެބައިމީހުންވަނީ ތަފާތު ބާރުތަކެއް ބަލައިގެން ދީނީ ފިކުރު އިސްކޮށް ރައްޔިތުންގެ ވެރިކަމެއް ޤާއިމްކޮށްފައެވެ. އަދި ފަހުން ހުޅަނގާއި ޔޫރަޕްގައި އެންމެ ގަދަވެ އެބައިމީހުންގެ ނުފޫޒުން މިފެތުރޭ ޑިމޮކްރަސީ އެބައިމީހުންގެ ގިނަ އިންސައްތައެއް ތަބާވާ ފޮތްތަކުގެ ބަސްމަގާ ދިމައެއް ނުވެއެވެ. ޚާއްސަކޮށް އިންސާނީ އަޚުލާޤުގައި ހުންނަންޖެހޭނޭ ކަމަށް ބުނާ ބައެއް ކަންކަން އެބައިމީހުންގެ ޑިމޮކްރަސީ އުސޫލުގައި ނެތެވެ. މުސްލިމް ނޫން ޢަޤީދާގެ އަހުލުވެރިންވެސް ވަނީ އެބައިމީހުންގެ ފޮތްތައް ބާކީކޮށް އަމިއްލަ އެ އުސޫލު ނަގަހައްޓައިފައެވެ. އެހެން މޭރުމަކުން ދަންނަވާނަމަ އެބައިމީހުން ބަލައިގަތްފައި އޮތް ދީންވެރިކަމުގައި މަނާކޮށްފައިވާ ކަންކަން ކުރަންވީމާ ޑިމޮކްރަސީގެ "ފޮޅުވަތްތަކުން" ޙަލާލުކޮށްގެން ކޮށްފައެވެ.

ހުޅަނގުގެ ޢަޤީދާއާ ފުށު އަރާ ކަންތައް ޑިމޮކްރަސީގައި:

ގްރީކްގެ ސްޕާރޓާގައި އުފެދުނު ޑިމޮކްރަސީގެ އުސޫލުގައި އެބައިމީހުންގެ ޢަޤީދާގެ އެންމެ މުހިންމު ރަހަ ނެތެވެ. އެހެނީ އެބައިމީހުންގެ ތާރީޚު ބުނާގޮތުގައި (އެ ޒަމާނުގައި) ރަސްގެފާނަކީ ކަލެއްގެ ފެންވަރުގައި ވެޑުވޭ ވެރިއެކެވެ. އެ ވެރިއާއަށް މެނުވީ އެންމެ ރަނގަޅު އުސޫލު ނޭނގޭނެއެވެ. އެމީހުން ޤަބޫލުކޮށް އިޢުލާންކޮށްފައިވާ ގޮތުގައި އޭނާއަށް (ރަސްގެފާނަށް) އިލްހާމު ލިބެއެވެ. އެހެންކަމުން އެޒަމާނުގައި އެބައިމީހުންގެ ވެރި ރަސްގެފާނުންގެ ހިތް ހަމަޖައްސަވައިދިނުމަށް ދުނިޔަވީ އެދުމުގެ އުފަލުގައި އާންމުން އުޅެއެވެ. ހަމަ ކޮންމެ ޤުރުބާނީއެއްވެސް އެ ރަސްގެފާނަށްޓަކައިވެއެވެ.

މިބައިމީހުންގެ ތާރީޚުގައި ބުނާގޮތުން ހުރިހާ ބާރެއް އަންނަނީ އެމީހުން ހަދައިގެން އުޅޭ ވެރި ރަސްކަލާނގެ ކިބައިންނެވެ. އަދި ރަސްގެފާނުންގެ ވިސްނުންފުޅާއި ފިކުރުފުޅުންނެވެ. މިގޮތުން ބީސީގެ 500 އާއި 400 އާ ދެމެދު ވެރިކަންކުރި ލިއޮޗިދަސް (Leotychidas) އާއި ކްލިއޮމެނެސް (Cleomenes) އާއި އެގެސީލިއަސް (Agesilaus) އާއި ޕްލެއިސްތާރޗަސް (Pleistarchus) އަކީވެސް ވެރިކަމުގެ ނުފޫޒާއި ބާރުގެ މީސް މީހުންނެވެ. އިލާހީ އަމުރުގެ ކަލުންނެވެ. ނަމަވެސް އެބައިމީހުންގެ ވެރިކަމުގައި ހިނގައިފައިވަނީ ޑިމޮކްރަސީގައި އެ ބުނާ އުސޫލެއް ނޫނެވެ.  އެހެނީ ކަންކުރަން ޖެހޭނީ ރައްޔިތުންނަށްކަމަށް ބުނާއިރު ރައްޔިތުން ތިބެންޖެހެނީ ރަސްގެފާނުންގެ އަޅުންގެ ގޮތުގައެވެ.

ކްރިސްޓިއަން ދީނުގެ ޤަބޫލުކުރުމާ ޑިމޮކްރަސީ:

އީސާގެ ފާނުންގެ ސަނަތަށް ބަލައިލުމަކީވެސް ކޮށްލުން ރަނގަޅު ކަމެއް ކަމުގައިވާތީ އެ ދިމާއަށް ޖެހިލާނަމެވެ. އީސާގެ ފާނުންގެ ރަސޫލުކަމުގެ އަސަރު ގްރީސްގައި ހިނގައިފައިވެއެވެ. އެތަނުގެ މީހުންގެ ތެރެއިން އީސާއީ ދީނަށް ވަން މީހުން ތިބިކަން މިއަދުވެސް އެތަނުން ފާޅުވެއެވެ. ސުވާލަކީ ސްޕާރޓާއަށް އީސާއީދީން އައިއިރުވެސް ހެދި ބޮޑުވި ޑިމޮކްރަސީގެ ނިޒާމުގައި އެ ދީނުގައި އެބައިމީހުން ޤަބޫލުކުރާ ކަންކަން ނެތްކަމެވެ.

ޑިމޮކްރަސީ އަށް ތަރުޙީބުދޭ ހުޅަނގުގެ ގިނަމީހުން ބަލައިގަންނަ ދީނީ ފޮތުގައި ބުނާ ބުނުންތައް ވަނީ ބޮލާލައި ޖަހައިފައެވެ. އެހެނީ އެ ބައިމީހުންގެ ބައިބަލްގެ (ބައިބަލްގެ 7ވަނަ ވާޝަން) ގައި ވާގޮތުން "އިންސާނުން ތަބާވާންޖެހެނީ އެއް ފަރާތަކަށް. އެއީ ނަފުސާއި ރޫޙު ހެއްދެވި ފަރާތް. އަދި ނިޢުމަތްތައް އިރާދަކުރެއްވި ކަލާނގެ" ކަމުގައި ނެޓުން އާންމުކުޅަ ދިވެހި ތަރުޖަމާގައިވެއެވެ. މިހެން އޮތް އިރު އެ ފޮތުގައި ބުނާ އެ ބަހާ ޚިލާފަށް އަމިއްލަ އެދުމާއި ދުނިޔަވީ ފައިދާ ޙާސިލުވެ ވެރިންގެ ތެރޭގައި އަޣުލަބިއްޔަތުން ކަންކަންކުރެވޭގޮތަށް ރޭވިފައިވާ ދައުލަތް ހިންގުމުގެ ބާރަކީ އެބައިމީހުންގެ ޢަޤީދާއާ ނިންމުމާ ފުށުއަރާ ކަންކަމެވެ. ވެރިންނަށް ފާޑުކިޔައި ވެރިންގެ އަބުރުކަތިލުމަކީ ނުކުރެވޭނޭކަމެއްކަމުގައި އަޤީދާގައި ބުނާއިރު އެބައިމީހުންގެ ޑިމޮކްރަސީ (ނަފުސީ އިއްޒަތަށް ހަދައިފައިވާ) ގައި ވެރިންގެ އަބުރުކަތިލައި ހިތުހުރި ބަސްމަގަކުން ވެރިންނަށް އެއްޗެހި ކިޔުމަކީ މުހިންމުކަމެއްކަމުގައި ވިސްނައިދެމުންދަނީއެވެ. މިއީ ފިކުރީ ހަލާކުކުރުމެކެވެ.

މި ނޫނަސް ބައިބަލްގައި ބުނާ ބުނުންތަކާ އެބައިމީހުންގެ ޒަމާނީ "ޑިމޮކްރަސީ" އާ ފުށުއަރާ އެތައް ކަމެއް ވެއެވެ. މި ލިޔުމުގެ ފަހުގައި "އިޙްތިރާމްކުރުން"ގެ ދަށުން މީގެ ބައެއް ވާހަކަ ހިމެނޭނެއެވެ.

އަމިއްލަ އުސޫލުތަކެއް ހަދައިގެން ގެންނާކަށް ނުޖެހޭ:

މާތް ﷲ ކީރިތި ޤުރުއާނުގެ ޖާޘިޔަތު ސޫރަތުގެ 27 ވަނަ އާޔަތުގައި ވަޙީކުރައްވައިފައިވެއެވެ. "وَلِلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ ۚ وَيَوْمَ تَقُومُ السَّاعَةُ يَوْمَئِذٍ يَخْسَرُ الْمُبْطِلُونَ" މާނައީ: " އުޑުތަކާއި، ބިމުގެވެރިކަންވަނީ اللَّهއަށެވެ. އަދި قيامةގެ ވަގުތު އަންނަދުވަހު، އެދުވަހުން باطلގެ أهلވެރިން ގެއްލި ހަލާކުވެދާހުށްޓެވެ." (ކީރި ޤުރުއާނުގެ ދިވެހި ތަރުޖަމާޢިން ނަގައިފައި)

މި އާޔަތުން މުރާދުވަނީ އިންސާނުން އަމިއްލައަށް ހަދައިގެން ގެންނަ ގޮތްފޮތާއި ކަންކަމުގެ ގެއްލުން އެ އިންސާނުންނަށް ލިބޭނޭކަމެވެ. ޑިމޮކްރަސީ ވިޔަސް އެހެން ނިޒާމެއްވިޔަސް އަމިއްލައަށް ހަދައިގެން ގެނެސް އިސްލާމީ، އިލާހީ ނިޒާމު ދޫކޮށްލުމަކީ އަހުލުވެރިން ގެއްލިދާނޭ ކަމެއްކަން ކަށަވަރެވެ.

"هَٰؤُلَاءِ قَوْمُنَا اتَّخَذُوا مِن دُونِهِ آلِهَةً ۖ لَّوْلَا يَأْتُونَ عَلَيْهِم بِسُلْطَانٍ بَيِّنٍ ۖ فَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّهِ كَذِبًا" (ކަހުފް، 15) މާނައީ: "މިތިބީ އެކަލާނގެ ފިޔަވައި އަޅުކަންކުރުމަށް إلهން ތަކެއް ހަދައިގެންތިބި، އަހަރެމެންގެ قومގެމީހުންނެވެ. (އެ ބުދުތަކަށް އަޅުކަންކުރުމަށް) ފާޅުވެގެންވާ حجّةއެއް، އެއުރެން ނުގެންނަނީ ކީއްވެގެންހެއްޔެވެ؟ اللَّهއާމެދު ހަދައިގެން ދޮގެއްބުނި މީހަކަށްވުރެ، އަނިޔާވެރިކަންބޮޑު މީހަކީ ފަހެ ކާކުހެއްޔެވެ؟" (ކީރިތިޤުރުއާނުގެ ދިވެހި ތަރުޖަމާއިން ނަގައިފައި)

ޝައްކެއް ނެތް ގޮތުގައި އެއްކައުވަންތަ އިލާހުގެ ޙުކުމްތަކެއް ލިބިފައިވަނިކޮށް އެހެން ގޮތްގޮތް ހެދުމުގެ ބޭނުމެއްނެތެވެ. ވެރިކަމުގެ ބާރު މިވަނީ އެނގި ހާމަވެފައެވެ. ކަލަކު ވާކަމާއި އިންސާނާ އުފެއްދެވި ރަސްކަލާނގެ އެންމެހާ ނިޢުމަތްތައް މި ދުނިޔޭގައި ލެއްވިކަން ޤަބޫލުކުރާ ހިނދު، އެ ކަލާނގެއަށް އަޅުކަން އަދާކުރަން ޖެހޭނޭކަންވެސް ޤަބޫލުކޮށް ތިބެމެ، ހަމަ އެ ކަލާނގެ ބާވައިލެއްވި ޝަރުޢީ ޢަދާލަތުގެ ނިޒާމު ފޭކުރަނީ ފަހެ ފިކުރުގައި ކުނޑިފުކެއްވެސް ނުވަނީހެއްޔެވެ. ނޫނެކެވެ. ގެއްލި ހަލާކުވަނީ ހަމަ އަމިއްލައަށެވެ.

ޒަމާނީ ޑިމޮކްރަސީގެ އަހުލުވެރިންގެ ޝަކުވާ:

ރައްޔިތުންނަށް ހެވާއި ލާބަހުރި ވެރިކަމުގެ ނިޒާމަކީ ޑިމޮކްރެޓިކް ނިޒާމުކަމަށް ހާމަކުރާމީހުން އެނިޒާމުން ލިބިދޭ އަސާސްތަކެއްގެ ވާހަކަ ދައްކައެވެ. ރައްޔިތުންގެ އުފަލާއި ހިތްހަމަޖެހުމާއި އެރައްޔިތުންގެ އެންމެހާ ބޭނުންތަކަށް ފާގަތިކަން ގެނައުމަށް އެދޭ ކަންތައްތަކެއްގެ ލިސްޓެއްވެއެވެ. އެ ފަރާތްތަކުން ޔަޤީންކަން ދޭ ގޮތުގައި ޑިމޮކްރޭޓިކް ނިޒާމަށް ވެރިކަންކުރުމުން އިންސާނީ ޙައްޤުގެ މި ކަންކަން ފުރިހަމަވާނެއެވެ.

ތެދެކެވެ. އެ ނިޒާމުގައި ލިސްޓުކުރެވިފައިވާ ކަންތައްތަކެއް ވެއެވެ. ނަމަވެސް އަޅުގަނޑުގެ ހޯދުންތަކުން ހާމަވާ ފިކުރުގައި މިއީ އަރަތެކެވެ. އެހެނީ ކޮންމެ ނިޒާމެއް އޮތަސް ނިޒާމަށް ކޮންމެ ނަމެއް ކިޔަސް ރައްޔިތުންނާއިވެރިންނަށް ލިބެންވީ އަސާސީ ޚިދުމަތްތަކާއި ސަލާމަތްކަން ލިބެންވީ ގޮތާއި މިންވަރު ލިޔެފައި އޮވެ ހުރިހާ އެންމެން އެއަށް ތަބާވީމާ އެކަންކަން ލިބެމުން ފުރިހަމަވަމުން ދާނެއެވެ. ކޮންމެ ނިޒާމެއްގައި ސަރުކާރު ހިންގިޔަސް ޚިޔާނާތާއި އަނިޔާ މި ދަނީ ތަހައްމަލްކުރަމުންނެވެ. އެއްދުވަހުން އަނެއް ދުވަހަށް ޚިޔާނާތްތެރިވުމާއި އިހުމާލުވުމާއި "ޒަމާނީ ވައްކަން"ކުރުންތައް އިތުރުވެ ހަދަވެރިންނާއި ނާ އިންސާފުގެ ފިކުރުވެރިން ގިނަވަމުންނެވެ. ވީ އިރު ޑިމޮކްރަސީ އޮތަސް ނެތަސް އަދި އެހެން ނިޒާމެއްގެ ނަންނަން ކިޔަން ނުކިޔަސް ރައްޔިތުންނަށް ބޭނުންވަނީ ތެދުވެރިކަމާއި އިޚުލާސްތެރިކަމެވެ. އަދި އުސޫލާއި ގޮތެވެ. އިންސާނިއްޔަތުވަންތަ ޙައްޤު އޭގައި ހިމާޔަތްކުރެވޭ ނިޒާމެކެވެ. މި ދެންނެވި ނިޒާމު ފެންނަހިނދުވެސް އޮންނާނީ އިންސާނީ ޙައްޤުގެ ލިސްޓު ލިޔެވި ނިމިފައެވެ. އަމިއްލައަށް ބަދަލު ގެނެސް ލިޔާކަށް ނުޖެހެއެވެ. ފަހެ އެ ކަން ވަނީ އިސްލާމީ ދުސްތޫރުގައި ލިޔެވި ބަޔާންވެފައެވެ.

ޑިމޮކްރަސީވެރިކަމެއްގައި ޤާނޫނު އަސާސީގައި ހިމަނާ މުހިންމު ނުކުތާތައް:

ޑިމޮކްރަސީ ވެރިކަމެއްގެ ޤާނޫނުއަސާސީގައި ހިމެނިފައިވާނޭ ކަންކަމާއި ބާރުއަޅާ ކަންކަން ލިސްޓުކޮށްފައިވެއެވެ. މިގޮތުން އެންމެ ގިނައިން ފާހަގަކުރެވޭ، އިންސާނީ ޙައްޤުކަމަށް ބަލައި ރައްޔިތުންނަށް ލިބިދެވެންޖެހޭ ކަންކަމާއި އަޑު އުފުލާ އަސާސްތައް ތިރީގައިވަނިއެވެ.

  • މުވާޠިނުންގެ ބައިވެރިވުމަށް ފުރުސަތު އޮތުން (ކޮންމެ ކަމެއްގައި)
  • ހަމަހަމަކަން އޮތުން (ޚިދުމަތާއި ލުއިފަސޭހަކަން ލިބިދިނުމުގައި)
  • ސިޔާސީ ގޮންޖެހުންތަކަށް ކެތްތެރިވާން ޖެހޭކަން (މީހަކު ނޭދޭކަމެއްވުމުން އޭގެ ސިޔާސަތު)
  • މަސްއޫލިއްޔަތަށް ޒިންމާ ދާރު ހިއްސާވުމުގެ ބާރު (ޒިންމާދާރުކުރުވުން)
  • ހާމަކަން އޮންނަންޖެހޭނެ (ކޮންމެ ކަމެއްގައިވެސް)
  • އުސޫލީ މިނިވަން ތެދުވެރި އިންތިޚާބު (އިތުބާރު އިންތިޚާބެއްގެ ތެދުވެރިކަން ބަލައިގަތުން)
  • ވިޔަފާރީގެ މިނިވަންކަން (ގަނެވިއްކުމާއި އޭގެ މުޢާމަލާތުގެ އަދަބުތައް)
  • އެ ހިނދެއްގެ މަސްލަޙަތާ އެއްގޮތަށް ބާރުގެބޭނުންކުރުން (ހެވަށާއި މަސްލަޙަތަށް ބާރުގެ ބޭނުންހިފުން)
  • އިންތިޚާބުގެ ބަލައިގަތުން (އިންތިޚާބުގެ އެންމެހާ ކަމެއްގައި ނުކުންނަ ނަތީޖާ ޤަބޫލުކުރުން)
  • އިންސާނީ ޙައްޤުލިބިދިނުން (އިމުގެ ތެރޭގައި ދެވޭ ޙައްޤުތައް)
  • ވަކި ވަކި ޕާރޓީތަކުގެ މިނިވަން އުސޫލެއް އެކުލެވިފައިވުން (މިނިވަން އިންސާނީ ޙައްޤު)
  • ޤާނޫނީ އުސޫލެއް އެކުލެވުން (ހަމަޖެހޭ، ރައްޔިތުން ޤަބޫލުކުރާ ޤާނޫނުއަސާސީއެއް އޮތުން)

(ޔޫއެންގެ ނިންމުންތަކުން ނަގައިފައި)

ސުވާލަކީ މި ނުކުތާތައް ޑިމޮކްރަސީ ވެރިކަމެއްގައި ލިޔެ ބޭއްވުން ފިޔަވައި އެންމެ ރަނގަޅަށް ބެލެހެއްޓޭ ބާވައެވެ؟ ސަމާވީ ދީންތަކުގައި މި ކަންކަން ނެތީ ބާވައެވެ؟ އިސްލާމީ ޝަރީޢަތުން މި ނުކުތާތައް ޙިމާޔަތްކޮށް ރައްޔިތުންނަށް ލިބި ނުދޭ ބާވައެވެ؟ ނޫނެކެވެ. މި ހުރިހާކަމެއް އިސްލާމީ ޝަރީޢަތުގައި އިންސާނިއްޔަތުގެ އުސޫލުގައި ވެއެވެ.

ޑިމޮކްރަސީ ނިޒާމެއްގައި ފާހަގަކުރާ ކަންކަން:

ކޮންމެ ދައުލަތެއްގައިވެސް ޤާނޫނާއި ޤަވައިދުތައް ހަދަނީ ރައްޔިތުންނަށް ލާބަ ހޯދައިދިނުމަށެވެ. އެ ދައުލަތެއްގައި އުޅޭ އެންމެހާ ފަރުދުންގެ މުހުތާދުތަކަށް ރިޢާޔަތްކޮށް އެ ހިނދަށް ބޭނުންވާ ރައްޔިތުންގެ ޙައްޤުތައް ލިބިދިނުމަށެވެ. މިގޮތުން ލިބިދޭންޖެހޭ ޙައްޤުތައްކަމަށް ބުނެ ހާމަކުރާ ވަކި ވަކި ކަންކަމަކީ:-

  • ކާނާ ބޯނާ (ބަނޑުފުރާނަ މުއްތިކުރެވޭނޭ އެންމެހާ ކަމެއް)
  • ބޯހިޔާވަހިކަން (އާދައިގެ ރައްޔިތަކަށްވެސް ވާރެއާއި އަވިން ސަލާމަތްވެ ތިބުމުގެ އިންތިޒާމް)
  • ދުޅަހެޔޮކަން (ބަލިބަލިން ރައްކާތެރިވުން)
  • ތަޢުލީމު (އުނގެނުމާއި ތަރުބިއްޔަތު ލިބުމުގެ އެންމެހާ ކަމެއް)
  • ޢާއިލާބިނާކުރުން (ކާވެނިކުރުމާއި ދަރިން ހޯދައި ބެލެހެއްޓުމަށް ބޭނުންވާނޭ ފޯރުންތެރިކަން)
  • އަސާސީ ބޭނުންތައް (ބޯފެނާއި ކަރަންޓާއި ނަރުދަމާގެ ނިޒާމު)
  • ދަތުރުފަތުރުގެ ފަސޭހަކަން (އެއްތަނުން އަނެއް ތަނަށާއި ރަށްރަށަށް ގޮސް އައިސްވުމުގެ ލުއިކަން)
  • މުއާސަލާތު (ފޯނާއި ޓީވީއާއި ނެޓުގެ ވަސީލަތްތަކުން ލިބެންޖެހޭ ފުދުންތެރިކަން)
  • ޚިޔާލުފާޅުކުރުން (ތިމާގެ ހިތުގައި އުފެދޭ އެންމެހާ ޚިޔާލާއި ތަޢުރީފު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ މަގު)
  • އާމްދަނީ ހޯދުން (ދިރިއުޅުމުގެ މުހުތާދުތަކަށް ބޭނުންވާނޭ ފައިސާ ހޯދުމަށް މަސައްކަތްކުރުމުގެ ފުރުސަތު)
  • ވިޔަފާރި (ގަނެވިއްކުމުގެ ހަމަޖެހޭ އުސޫލާއި އެކަންކުރުމަށް ބޭނުންވާނޭ މީހުނަށް އެ ފުރުސަތު)
  • އިޙުތިރާމްކުރުން (ވެރިންނާއި ޢިލްމުވެރިންނާއި މުއައްސަސާތަކަށާއި ރައްޔިތުންނަށް)
  • މިނިވަންކަން (އިސްވެ ދެންނެވުނު ކަންކަންކުރުމާއި ނުކުރުމުގެ އިޚުތިޔާރާއި ދީނީ މިނިވަންކަން) (written for the IFJ by Peter McIntyre ނެރެފައިވާ ހުމަންރައިޓްސް ރިޕޯރޓުން)

 

ލިސްޓްކުރި ނުކުތާތަކަށް ހުރި ބަހުސް:

އިހަށް ބަޔާންކޮށް ފާހަގަކުރި ނުކުތާތަކަކީ އެއްވެސް އޮޅުމެއް ނެތް ގޮތުގައި ސަރުކާރަކަށާއި އެ ސަރުކާރު ނިސްބަތްވާ ދައުލަތަށާއި އެ ދައުލަތުގެ އަސްލުކަމުގައިވި ރައްޔިތުންނަށް ބޭނުންވާނޭ ކަންކަމެވެ. އެކަން ޤަބޫލުކުރަމެވެ. މި ކަން އެންމެ ރަނގަޅަށް އެނގޭ ދަލީލަކީ ކީރިތި ޤުރުއާނެވެ. ޤުރުއާނުގައި ﷲ ވަޙީކުރައްވައިފައިވެއެވެ. " وَجَعَلَ فِيهَا رَوَاسِيَ مِن فَوْقِهَا وَبَارَكَ فِيهَا وَقَدَّرَ فِيهَا أَقْوَاتَهَا فِي أَرْبَعَةِ أَيَّامٍ سَوَاءً لِّلسَّائِلِينَ (ފުއްސިލަތު ސޫރަތުގެ 10 ވަނަ އާޔަތް). މާނައީ: "އަދި އެކަލާނގެ، ފުރިހަމަ ހަތަރު ދުވަހުގެ ތެރޭގައި، އެ ބިމުގެ މަތީގައި އުފުލިފައިވާ، ހަރުލައިހުންނަ ފަރުބަދަތައް ލައްވައި، އަދި އެ ބިމުގައި ބަރަކާތްލައްވައި، އަދި އެ ބިމުގައި ވާހާތަކެތީގެ رزق މިންވަރުކުރެއްވިއެވެ. (އެއީ) سؤالކުރާ މީހުންނަށްޓަކައެވެ." (ކީރިތި ޤުރުއާނުގެ ދިވެހިތަރުޖަމާއިން ނަގައިފައި)

އިންސާނަކަށް އޭނާގެ ޙަޔާތުގައި ބޭނުންވާނޭ ކޮންމެ ކަމަކާއި އެއްޗަކީ ރިޒުޤެވެ. އެ ރިޒުޤު ކަލާނގެ ވަނީ މި ބިންމަތީގައި ލައްވަވައިފައެވެ. ވީއިރު މަތީގައި ފާހަގަވި އިންސާނާއާއި ޚަލީފާވެރިންގެ އެންމެހާކަމެއް، އޭގެ ޢިލްމާއި ޙިލްމާއެކު ވަނީ ބާވައިލައްވައިފައެވެ. ދެން އޮތް ނުކުތައަކީ މި ނިޢުމަތްތައް އިސްލާމީ ވެރިކަމުގެ ނިޒާމުގައިވޭ ބާވައޭއެވެ؟ އެއްވެސް ޝައްކެއްނެތެވެ. ވެއެވެ.

    އެއްކައުވަންތަ، ކުޅަދުންވަންތަ އިލާހު އެ ކަލާނގެ ކަލާންފުޅުގައި ވަޙީކުރައްވައިފައިވެއެވެ. "اللَّهُ خَالِقُ كُلِّ شَيْءٍ ۖ وَهُوَ عَلَىٰ كُلِّ شَيْءٍ وَكِيلٌ" (ސޫރަތް ޒުމަރު، 62 ވަނަ އާޔަތް). މާނައީ: "اللَّهއީ، ހުރިހާއެއްޗެއް ހައްދަވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ބައްލަވާވޮޑިގެންވާ، ރައްކާތެރިކުރައްވާ ރަސްކަލާނގެއެވެ." ﷲގެ ކެރިފޯރުންތެރިކަމާއެވެ. اشهد الاّ اله الاّالله واشهدانّ محمّدالرسول الله صل الله عليه وسلّم. (ކީރިތި ޤުރުއާނުގެ ދިވެހިތަރުޖަމާއިން ނަގައިފައި)

(ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
91
ޚިޔާލު ފާޅުކުރައްވާ!

2 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *