Support Us

ކޮލަމް: ނަޖުމީގެ ގަލަމުން

ނަޖުމީގެ ގަލަމުން 3: ހަޔާތުގައި އާ މަންޒިލަކަށް ދަތުރު ފެށުން

ގަން ދޫކޮށް ރާއްޖޭގެ ވެރިރަށް މާލެ އަށް މިސްރާބު ޖެހުމަކީ އަހަރެން އަޅަން ޖެހުނު ވަރަށް އުނދަގޫ ފިޔަވަޅެކެވެ. އަހަރެންގެ ކުރީގެ ދިރިއުޅުމާއި އެ ރަށާއި ދިރިއުޅުމާ ގުޅިފައިވާ ހުރިހާ ކަންތަކަކާއި ހަނދާންތަކެއް ފަހަތަށް ދޫކޮށްލަން ޖެހުނެވެ. އޭރު ދުނިޔެއަކީ ކިހާވަރެއްގެ ތަނެއް ކަމެއް ނޭނގެއެވެ. ދަތުރުކުރަންވީ ރާސްތާއެއް މަންޒިލެއްގެ ކުޑަވެސް އިލްމެއް ނެތެވެ. އެހެންނަމަވެސް އަހަރެންގެ ތަގުދީރުގެ މަތީން އުންމީދު ނަގައެއް ނުލަމެވެ. އެ އުންމީދުގައި އެ އަޒުމުގައި ކުރިއަށް ދިއުމަށް އަހަރެން އަޒުމް ކަނޑައެޅީމެވެ. އައްޑޫ އަތޮޅު ގަމުން އިނގިރޭސިން ފޭބުމުން އެތަނުގައި އަހަންނަށް ކުރިއަށް ދެވޭކަށް ނެތެވެ. އެހެންވެ ރިސްކު ނަގައިގެން މާލެ ދާން އަހަރެން ގަސްތު ކުރީމެވެ.

އެ ދަތުރަކީ ހީކުރިހާ ފަސޭހަ ދަތުރެއް ނޫނެވެ. އަހަރެންނަށް ޖެހުނީ އީކުއޭޓަރ ހުރަސްކޮށް ކުޑަ ކަނޑު ބޯޓެއްގައި، ގަދަ ކަނޑެއްގައި ދަތުރުކުރާށެވެ. އެއީ ކަޅުވިލާތަކާއި ތޫފާނުން ފުރިފައިވީ ދުވަސްކޮޅެކެވެ. ނަމަވެސް އަހަރެންގެ ނަސީބާމެދު އަބަދުވެސް އިތުބާރު ކުރީމެވެ.

މާލެ އާދެވުނުއިރު އަހަރެންގެ އަމިއްލަ ނަފްސު ފެނުނީ މުޅިން ތަފާތު ދުނިޔެއެއްގައެވެ. އަހަރެންގެ އަތުގައި މާގިނަ ފައިސާއެއްނެތެވެ. މާލޭގައި ދަންނަ މީހަކު ނެތެވެ. އެއީ ބިރުވެރި އުނދަގޫ ތަޖްރިބާއަކަށް ވިއެވެ. އަހަރެންގެ އަތުގައި އޮތީ އަހަރެން ގަމުގައި އުޅުނުއިރު ގަތް ޕެންޓެކްސް އާރުޓީއެލް ކެމެރާއަކާއި ފްލެޝް ގަން އެކެވެ. ފޮޓޯގްރަފީ އަކީ އަހަންނަށް އެނގޭ ހަމައެކަނި ހުނަރެވެ. އެހެން ކަމުން އަހަރެން ބެލީ އެ ދާއިރާއިން މަސައްކަތެއް ލިބޭތޯއެވެ.

ނަމަވެސް ވަޒީފާއެއް ހޯދުމަކީ ފަސޭހަ ކަމަކަށް ނުވިއެވެ. މާލޭގައި ހުރީ އެންމެ ދެ ސްޓޫޑިއޯއެވެ. އެތާކު އެއްވެސް މަގާމެއް ހުސްވެފައެއް ނެތެވެ. އެހެންވެ ވަޒީފާއެއް ލިބެން އޮތީ ކޮން ގޮތަކަށްތޯ އެތަންމިތަން ބަލަން ޖެހުނެވެ. ދުވަސްތައް ހަފްތާތަކަށް އަދި މަސްތަކަށް ބަދަލުވެގެން ދިޔަ އިރުވެސް އަހަރެންގެ ނަސީބު އަތަކު ނުހިފިއެވެ. އެކަމަކު އަހަރެންގެ ރަށުގެ ދުވަސްވީ ރަހުމަތްތެރިއެއް ކަމަށްވާ ސޯދިގު އެހީގައި އަހަރެންނަށް ސައީދު ކިޔާ ވަރަށް ހިތްހެޔޮ ރައްޓެއްސަކު ފެނުނެވެ.

އޭނާ އަހަރެން އޭނާގެ ގޭގައި ބަހައްޓައި ވަރަށް ރަނގަޅަށް ކަމޭ ހިތިއެވެ. އަހަންނަށް އޭރު ދިމާވެފައިވާ އަނެއް މައްސަލައަކީ މާލޭ ބަހުން ރަނގަޅަށް ވާހަކަ ދައްކަން ނޭނގޭތީ އެވެ. އައްޑޫބަހުން ވާހަކަ ދެއްކީމާ މީހުން ގާތަށް ހިނިއާދެއެވެ. އެކަމާ އަހަރެން ވަރަށް ލަދު ގަނެއެވެ. އެހެންވެ އަހަރެން ހުންނަނީ އެއްވެސް އެއްޗެއް ނުބުނަންވެގެން އަނގަ ހިމޭނުން ލައިގެންނެވެ. އަހަރެން އަޒުމް ކަނޑައެޅީ ކޮންމެވެސް ވަޒީފާއެއް ހޯދައިގެން އަމިއްލަ ދިރިއުޅުމެއް ފެށޭނެ ގޮތެއް ހޯދުމަށެވެ.

އެއްދުވަހަކު، ރާއްޖޭގެ ރައީސްގެ ގެކޮޅު ކަމަށްވާ ވެލާނާގޭގައި ފޮޓޯގްރާފަރަކަށް ވަޒީފާއެއް ހުޅުވާލި ވާހަކަ އަޑުއިވުނެވެ. އެކަމަކު އަހަރެން އެކަމަށް ކުރިމަތިލާން ފަސްޖެހުނެވެ. އެއީ އަހަރެން ކަހަލަ ދަށު ދަރަޖައިގެ މީހަކާ އެކަށީގެން ނުވާ ކަމެއް ކަމަށް ވިސްނިގެންނެވެ. އަހަރެން ވެލާނާގޭ ކައިރިން ދަނީވެސް އެގެޔާ އެންމެ ދުރު ފަރާތުންނެވެ. އެހެންނަމަވެސް ބައެއް ރައްޓެހިން ވަރަށް ޕުޝްކޮށްގެން ހިތްވަރުދީގެން އަހަރެން ޖެހިލުންވެ ހުރެ އެ ވަޒީފާއަށް ސިޓީލައިފީމެވެ.

އަހަރެން ވާދަކުރަން ޖެހުނީ މާލޭގައި އެވަގުތު ތިބި އެންމެ މޮޅެތި ފޮޓޯގްރާފަރުން ތަކަކާއެވެ. އެކަމަށް 20 ވަރަކަށް ފޮޓޯގްރާފަރުން ކުރިމަތިލާފައިވެއެވެ. އެމީހުންގެ ކުރިމަތީގައި އަހަރެންނަށް އަހަރެންގެ ނިކަމެތިކަން އިހުސާސް ކުރެވުނެވެ. އަހަރެމެން އެންމެންނަށް ވެސް ޖެހުނީ މާލޭގެ އިއްޒަތްތެރި ގަނޑުވަރު، މުލީއާގޭގައި ރައީސް ކޮންމެވެސް ބޭފުޅަކާ ބައްދަލުކުރައްވާ ފޮޓޯއެއް ނެގުމަށެވެ. އެއީ އަހަރެން ވަރަށް ހާސްކުރުވި ދަނޑިވަޅެކެވެ. ނަގަން ޖެހުނީ ސީދާ ނާސިރުގެ ފޮޓޯފުޅެކެވެ. ހަމަ ސީދާ އެމަނިކުފާނުގެ ކުރިފުޅުމަތީ ހުރެ ހަމަ ލޮލުން ބަލާލަންވެސް އޭރު ހަމަ ކޮންމެ މީހަކުވެސް ޖެހިލުން ވެއެވެ. އެ ގަނޑުވަރަކީވެސް މީހަކަށް ފަސޭހައިން ވަދެވޭ ތަނެއް ނޫނެވެ. އެހެންކަމުން މުޅި މީހާ ހުރީ ތުރުތުރުލާލައެވެ.

ވަދެފައި ތިބި މީހުންގެ ގިނަކަމާއި ޖާގަ ކުޑަކަމާއި ޒޫމް ލެންސެއް ނެތުމުން އަހަރެންނަށް ރަނގަޅަށް އެ ފޮޓޯ ނެގޭކަށް ވެސް ނެތެވެ. އެކަމަކު ނެގުނު ގޮތަކަށް ނަގާފައި އަހަރެން ފިލްމު ހަވާލުކޮށްފައި ނިކުތީ އެވަޒީފާއަށް ހޮވޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތިއެވެ. ދެން އަލުން އެތަނަށް ވަންނަން ނުޖެހޭނެ ކަމުގެ ޔަގީން ކަމާއެކުގައެވެ.

އަހަރެން އެނބުރި ގޮސް އަލުންވެސް ބެލީ އެހެން ވަޒީފާއެއް ލިބޭތޯއެވެ.

އެހެން އުޅެނިކޮށް އެއްދުވަހަކު ފެހިޓައި އެޅި ޕިޔޯނަކު އައިސް އަހަރެންގާތު މުލީއާގޭ ކައިރިއަށް ގޮސް ސައިކުރާ ނައީމް އާ ބައްދަލުކުރަން ބުނެފިއެވެ. އެއީ އަދި ވަކީން އަހަރެން ހާސްވިކަމެކެވެ. ނައީމަކީ މަޝްހޫރު ވާހަކަ ލިޔުންތެރިއެއްކަން އަހަންނަށް އެނގެއެވެ. އޭނާއާ އަހަރެންނަށް ދިވެހިބަހުން ވާހަކަ ދައްކާނީވެސް ކިހިނެއް ބާއޭ އަހަރެންގެ ހިތަށް އެރިއެވެ. އެކަމަކު ނައީމު އަހަރެންގެ ނަމާ އެއްޗެހި އައްސަވާފައި އަހަރެން އެވަޒީފާއަށް އަތުވެދާނެހޭ ސުވާލު ކުރެއްވިއެވެ. ކިތަންމެ ޖެހިލުން ވިޔަސް އަހަރެން ނޫނެކޭ ބުނާނީ ކިހިނެއް ހެއްޔެވެ. އޭގެ އަނެއް ދުވަހު އަށެއް ޖަހާއިރަށް މުލީއާގެއަށް ހާޒިރުވުމަށް ނައީމް އެންގެވިއެވެ.

ޖެހިގެން އައި ދުވަހު އަހަރެން މުލީއާގެއަށް ދިއުމުން އަހަންނަށް ވަޒީފާ ހަމަޖެހިއްޖެއެވެ. އަދި އެތަނުގައި ކުރަންވާ ނުކުރަންވާ ކަންތައް އަހަންނަށް ބުނެދެވުނެވެ. އަހަރެންގެ މުސާރައަކަށް ހަމަޖެހުނީ 200 ރުފިޔާ އެވެ. އެހެންނަމަވެސް އަހަރެން އުޅޭނެ ތަނެއް ލިބުނެވެ. ކެއުމާއި ސައި ހަމަޖެހުނެވެ. ތިޔަ ހީވީ ރަނގަޅަށެވެ. ނިދާކޮޓަރިއާއި ކެއުމާއި ސައި ހަމަޖެހުނީ ސީދާ މުލީއާގޭގައެވެ. އަހަރެން މީގެ ފަހުން އުޅެން ޖެހޭނީ އެ ގަނޑުވަރުގައެވެ.

މީގެ ފަހުން ހޯދާލާއިރު ދެ މިނިޓްތެރޭގައި ނުފެންނަ ހިސާބަށް އަހަރެން ގޮސްގެން ނުވާނެއެވެ. ދިއުމަށް ހުއްދަ އޮންނަނީ ހަކުރާގެއާއި ބީޗްކުރެސެންޓްއާއި އޮލިމްޕަހާ އެނޫންވެސް ނާސިރު ހިންގަވާ ތަންތަނަށެވެ. އެ ތަންތަނުގައި ފޯން ހުންނާތީ ކިތަންމެ އިރަކު އުޅުނަސް ހެވެވެ. އެކަމަކު ރޭގަނޑު 12:00ގެ ކުރިން މުލީއާގެއަށް ވަންނަން ޖެހެއެވެ.

އަހަރެންގެ ހަޔާތުގެ މި ފެށުނު މިބާބަކީ އަހަރެން ކުޑަކޮށްވެސް ތައްޔާރުވެގެން ހުރި ފަދަ ބާބެއް ނޫނެވެ. މުލީއާގޭގައި އުޅުމަކީ އޭގެ ޒާތުގައި ވަރަށް ގިނަ ތަޖުރިބާތަކެއް އަހަންނަށް ލިބުނު ކަމެކެވެ. އަހަރެން ގަމުގައި އުޅުނު އިރު ފަދައިން އަމުރަށް ކިޔަމަންވެ އިތުބާރު ހިފޭނެހެން ބުރަކޮށް މަސައްކަތްކޮށްފިނަމަ އަހަންނަށް އެވަޒީފާގައި ސާބިތުވެ ހުރެވިދާނެކަން އަހަންނަށް ވިސްނުނެވެ.

އަހަންނަށް މިލިބުނު އާ ފުރުޞަތާމެދު ޝުކުރުވެރިވީމެވެ. އެހެންވެ އެފުރުޞަތުގެ އެންމެ ރަނގަޅު ބޭނުން ހިފުމަށް އަހަރެން އަޒުމް ކަނޑައެޅީމެވެ.

އޭރަކު މި ވަޒީފާގެ ސަބަބުން އަހަރެންގެ ދިރިއުޅުން އަބަދަށްޓަކައި ބަދަލުވެދާނެކަން އަހަންނަކަށް ނޭނގެއެވެ. އަހަންނަށް މިއެރުނީ ހަޔާތުގެ މަންޒިލްތަކާ ދިމާއަށް ދާން އޮތް ވަރަށް ދިގު ފާލަމަކަށް ކަމެއްވެސް ނޭނގުނެވެ. ދެން ކަންތައް ހިނގިގޮތް އެހެން ފަހަރަކުން ގެނެސްދެވޭތޯ ބަލާނަމެވެ.