Support Us

އިބްރާހިމް ލަތީފު އޮޕަރޭޝަނަށް ވެއްދުމުގެ ކުރިން ނަގައިފައިވާ ސެލްފީއަކާއި ހޮސްޕިޓަލް ބޭރުގައި ނަގައިފައިވާ ފޮޓޯއެއް

ލިވަރ ބަދަލުކުރުމުގެ އޮޕަރޭޝަނަށްފަހު ދިވެއްސަކު މަރުވެއްޖެ

އިންޑިއާގެ ހޮސްޕިޓަލެއްގައި ކުރި ލިވަރ (ފުރަމޭ) ބަދަލުކުރުމުގެ އޮޕަރޭޝަނަކަށްފަހު ރަނގަޅުވަމުން އައި ދިވެއްސަކު ކިޑްނީ އާއި ފުއްޕާމޭ ހަލާކުވެ، ހިތް ހުއްޓިގެން މަރުވެއްޖެއެވެ.

(ލިވަރ ޓްރާންސްޕްލާންޓްކުރުން ނުވަތަ ފުރަމޭ ބަދަލުކުރުމަކީ ހަލާކުވެފައިވާ ފުރަމޭ ނަގައި، އެހެން މީހެއްގެ ދުޅަހެޔޮ ފުރަމޭގެ ބައެއް ލެއްވުމެވެ. އޭރުން އޭގެ ޒާތުގައި ފުރަމޭ ހެދި ބޮޑުވެ ފުރިހަމަވާނެއެވެ. ފުރަމޭ ރަނގަޅަށް މަސައްކަތްކުރުން ހުއްޓާލައިފިނަމަ ނުވަތަ ލިވަރ ފެއިލްވެއްޖެ ނަމަ، ލިވަރ ޓްރާންސްޕްލާންޓް ކުރުމަކީ އެ މީހެއްގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމެއް ކަމަށް ޑޮކްޓަރުން ބުނެއެވެ. މިއީ އިންޑިއާގައި ވެސް ވަރަށް އާންމުކޮށް ކުރާ ކާމިޔާބު އޮޕަރޭޝަނެކެވެ.)

ފުރަމޭ ބަދަލުކުރުމަށް ދުނިޔޭގައި ވެސް މަޝްހޫރު، ބެންގަލޫރުގެ ބީ.ޖީ.އެސް ގްލެންއީގަލްސް ގްލޯބަލް ހޮސްޕިޓަލްގައި، އުމުރުން 64 އަހަރުގެ އިބްރާހިމް ލަތީފު (މާޗު)ގެ ލިވަރ ބަދަލުކުރުމުގެ އޮޕަރޭޝަން ކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. ޖުމްލަ 18 ގަޑިއިރުގެ މި އޮޕަރޭޝަނަށްފަހު އޭނާ އަށް އައި.ސީ.ޔޫގައި ފަރުވާ ދެމުން އައިސް، ހޭ އަރައި، ވާހަކަ ދައްކައި، ޑޮކްޓަރުންގެ އެހީއާއެކު ހިނގައި އުޅުނު ކަމަށް ވެސް އާއިލާގެ ފަރާތުން ބުންޏެވެ.

"ނަމަވެސް އޮޕަރޭޝަނަށްފަހު ރަނގަޅުވަމުން އަންނަނިކޮށް އެހެން މައްސަލަތަކެއް އުފެދިގެން ޑޮކްޓަރުން ބުނީ ލަންގްސް މަސައްކަތެއް ނުކުރެޔޭ. ކިޑްނީ ވެސް މަސައްކަތެއް ނުކުރެޔޭ. ހަށިގަނޑުގައި އޮކްސިޖަނެއް ނުހިފަހައްޓައޭ. އެހެންކިޔާފައި ވެންޓިލޭޓަރަށް ލީތާ އެއް ދުވަސް ފަހުން ބޭބެ ނިޔާވީ،" ބެންގަލޫރުގައި ހުރެގެން ވާހަކަ ދައްކަމުން ލަތީފުގެ ކޮއްކޮ ޝާހިދާ އަލީ މިއަދު ބުންޏެވެ. "ބޭބެގެ ހާލު ސީރިއަސްވެ ވެންޓިލޭޓަރަށް ލުމުން އާއިލާގެ އިތުރު މީހުން ވެސް މިކޮޅަށް އައި. އެހެންވެ އެ މީހުންނަށް ވެސް ބޭބެގެ މޫނު ދުށުމުގެ ފުރުސަތު ލިބުނު."

ލަތީފުގެ ލިވަރ އޮޕަރޭޝަނާ ބެހޭ އިތުރު ތަފްސީލް ވެސް ޝާހިދާ ދިނެވެ.

"ބޭބެގެ ލިވަރ އޮޕަރޭޝަން ކުރަން އައިސް އެންމެ ފުރަތަމަ ޑޮކްޓަރަށް ދެއްކުމުން ޓެސްޓްތައް ހަދާފައި ޑޮކްޓަރު ބުނީ ބޭބެގެ ހިތުގައި ބްލޮކް ހުރި ކަމަށް. އެހެންވެ އެންޖިއޯޕްލާސްޓީއެއް ހަދައި ހިތުގެ ތިން ލޭނާރަށް ތިން ބެލޫން ލެއްވީ. ޑޮކްޓަރު ބުނީ ހިތުގެ އޮޕަރޭޝަނަށްފަހު މަހެއްހާ ދުވަސް ފަހުން ލިވަރ ޓްރާންސްޕްލާންޓްކުރެވޭނެ ކަމަށް. އެހެންވެ އެހާ އަގުބޮޑު އޮޕަރޭޝަނެއް ނަމަވެސް އެކަން ކުރީ. ހިތަށް އޭތި ލައްވައިގެން ﷲ އިރާދަފުޅުކުރެއްވީތީ އެއް މަހާއި 20 ދުވަސް ފަހުން ލިވަރ ޓްރާންސްޕްލާންޓަށް ދިޔައީ. ޑޮކްޓަރުން ދިން ލިވަރ ޓްރާންސްޕްލާންޓްކުރާއިރު ހިތުގެ އެއްވެސް މައްސަލައެއް ނޫޅޭނެ ކަމުގެ 90 ޕަސަންޓް ގެރެންޓީ. ﷲ އިރާފުޅުން އެކަން ވަރަށް ރަނގަޅަށް ދިޔައީ. ވަރަށް މޮޅޮ ޑޮކްޓަރުން މިތާ ތިބީ،" ޝާހިދާ ކިޔައިދިނެވެ. "އެއަށްފަހު ރަނގަޅުވަމުން އަންނަނިކޮށް ބޭބެ ކެއްސަން ފެށީ. ދެން ޓެސްޓުތައް ހެދުމުން އެނގުނީ ލަންގްސް (ފުއްޕާމޭ) އިންފެކްޓްވެފައި ހުރިކަން. އެއީ ކޮން ގޮތަކުން ވީ ކަމެއް ކަމެއް ނޭނގޭ. ޖެހިގެން އައި ދުވަހު ލަންގްސް އިން ލޭ އަންނަން ފަށައިފި. އޮކްސިޖަނެއް ނުހިފަހައްޓާ. އެހެންވެ ވެންޓިލޭޓަރަށް ލީ. އެކަމަކު މެޝިނަށް ލުމުންވެސް ރަނގަޅަށް އޮކްސިޖަން ހިފެހެއްޓޭ ވަރެއްނުވި. އަނެއް ދުވަހު ބުނީ ލަންގްސް އެއްކޮށް ފޭލިވެފައޭ. ދެން ހަމަ އެވަގުތު ބީ.ޕީ ވެއްޓިއްޖެ، ޕްރެޝަރެއް ނުހިފާއްޓާ. އެހެންވެ ދެން ހެދީ ޑައިލެސިސް. އޭގެ ފަހުން ވެސް ރަނގަޅެއްނުވޭ. ޑޮކްޓަރުން ވެސް އުންމީދު ކަނޑާލައިފި. އެ ހިސާބުން ލަންގްސް ފެއިލްވީ، ހިތް ވެސް ފޭއިލްވީ، ބޭބެ ނިޔާވީ."

މަރުހޫމު ފީބޯ އަލިމަނިކުގެ ދޮށީ ދަރިފުޅު ނިޔާވީ މިދިޔަ އަންގާރަ ދުވަހު ފަތިހުގެ ވަގުތެއްގައެވެ. އޭނާގެ ޖަނާޒާ އެ ދުވަހުގެ ހަވީރު ބެންގަލޫރުގައި ވަނީ ބާއްވައިފައެވެ.

ލަތީފުގެ ލިވަރ ހަލާކުވުމުން އޭނާއަށް ލިވަރުގެ ދެބައިކުޅަ އެއްބައި ދިނީ ލަތީފުގެ 27 އަހަރުގެ ފިރިހެން ދަރިފުޅެވެ. އޮޕަރޭޝަނަށްފަހު އޭނާގެ ހާލު ރަނގަޅު ކަމަށް ޝާހިދާ ބުންޏެވެ.

އަމިއްލަ ވިޔަފާރީގައި އުޅުނު ލަތީފުގެ ތިން ކުދިންނާއި އަންތބަކު އެބައިނެވެ.

ލަތީފުގެ މައްޗަށް ޣައިބުގައި ކަށުނަމާދުކުރުން މާދަމާގެ ހުކުރު ނަމާދަށްފަހު މާލޭ ފުރުގާން މިސްކިތުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ކަށުނަމާދުގައި ވީހާ ގިނަ ބަޔަކު ބައިވެރިވުމަށް އާއިލާގެ ފަރާތުން އެދެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *