Support Us

ފުލުހުންނާ ގުޅޭ ގޮތުން ގެންގުޅޭ ސިޔާސަތަކީ މުޖުތަމަޢާ ގުޅިގެން ޚިދުމަތް ދިނުން: ރައީސް

ފުލުހުންގެ ޚިދުމަތާ ގުޅޭ ގޮތުން މި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ މުޖުތަމަޢާ ގުޅިގެން ޚިދުމަތް ދިނުން ނުވަތަ ކޮމިޔުނިޓީ ޕޮލިސިންގް ދެމެހެއްޓުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ "ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން 2023″ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދަރުބާރުގޭގައި ކުރިއަށްދިޔަ މި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފުލުހުންނާ މެދު ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނީ ފުލުހުންނަކީ، ރައްޔިތުންނަށް ޚިދުމަތް ކުރުމަށް، ރައްޔިތުންގެ ތެރެއިން އުފެދިފައިވާ މުޖްތަމަޢުގެ އެއްބައިކަން ރައްޔިތުންނަށް ޤަބޫލުކުރެވިގެން ކަމުގައި ފާހަގަކުރައްވާފައެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ 2021 ވަނަ އަހަރު ޢަމަލުކުރަން ފެށި ފުލުހުންގެ އައު ޤާނޫނުގެ މައްޗަށް އަލިއަޅުއްވައިލައްވައިފައެވެ. އަދި މި ޤާނޫނަށް ފުރިހަމަގޮތުގައި ޢަމަލުކުރެވޭނީ މުޅި މުޖްތަމަޢު ޝާމިލުވާ ގޮތަށް ވަށައިޖެހޭ ނިޒާމެއްގެ ތެރޭގައި ފުލުހުންގެ ޚިދުމަތް ބައްޓަންކޮގެން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

އަދި ޒަމާނާ އެއްގޮތަށް ފުލުހުންގެ ޚިދުމަތް ތަރައްޤީ ކުރުމަށް، މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ނަތިޖާ އެއްގެ ގޮތުން ވޭތުވެދިޔަ ފަސް އަހަރު ބޮޑެތި ކުރިއެރުންތަކެއް ސަރުކާރުން ހޯދާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ކުރީ ސަފުގައި ޚިދުމަތް ކުރާ ފުލުހުންގެ އޮފިސަރުން، ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުމާއި، މިއަހަރުގެ ތެރޭގައި ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވާ ޓޭޒާ ގަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. ހަމަ އެއާއެކު އައްޑޫގައި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ޤާއިމުވުމަކީވެސް، ޒަމާނީ ތަޢުލީމު ލިބިފައިވާ ފުލުހުން ބިނާކުރުމުގައި ކުރިއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި ކޮންފަރެންސަކީ ފުލުހުންގެ ޚިދުމަތާ ގުޅޭގޮތުން ރާއްޖޭގެ ތާރީޚްގައިވެސް އަދި ފުލުހުންގެ ޚިދުމަތުގެ ތާރީޙުގައިވެސް މިހާތަނަށް ބާއްވާ ފުރަތަމަ ކޮންފަރެންސްކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވިދާޅުވީ މި ކޮންފަރެންސްގެ އަމާޒަކީ ދިވެހި ފުލުހުންގެ ޚިދުމަތް ޒަމާނީކޮށް ފެންވަރު ރަނގަޅުކުރުން ކަމުގައެވެ.

އަދި އެމަނިކުފާނު ވަނީ ތަޖުރިބާކާރުންގެ އިރުޝާދާއި ޢިލްމީ ޙަޤީޤަތްތަކުގެ އަލީގައި ކަންކަމާ މަޝްވަރާކުރުމުން، ނެރެވޭ ނަތީޖާ ރަނގަޅުވާނެކަން ފާހަގަކުރައްވާފައެވެ. އަދި މި ފަދަ ޢިލްމީ ކޮންފަރެންސެއް އިންތިޒާމުކުރެއްވި ކަމަށްޓަކައި، ޕޮލިސް ބޯޑަށާއި ހޯމް މިނިސްޓްރީ އަދި ދިވެހި ފުލުހުންގެ ޚިދުމަތަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސްގައި މިއަދު ފުލުހުންގެ ޚިދުމަތާ ބެހޭ ގޮތުން، 10 ދިރާސީ ކަރުދާސް ހުށަހަޅައި، ޢިލްމީ ގޮތެއްގައި މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށްވަނީ ހަމަޖެހިފައެވެ.

ފުލުހުންގެ ޚިދުމަތްތައް ކުރިއަރުވައި، ތަރައްޤީކޮށް ޕޮލިސް ރިފޯމް ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވަޢުދެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *