Support Us

ސައީދުގެ ތުލަ ކޮލަމް

ހިނި ހޮރެއްގައި އުޅޭ މީހަކަށް ކޮތަރު ކޮށްޓެއް ވާނީ ރަންގަނޑަކަށް

ރާއްޖޭގެ އާބާދީ ބެހިފައިވާ ގޮތުން، ކުދިކުދި އާބާދީ ތަކުގައި އެކަށީގެންވާ ގޮތެއްގައި އިގްތިސާދީ ޙަރަކާތްތައް ނުހިންގޭނެ ކަމަށް އެ ދާއިރާގެ މާހިރުން ވިދާޅުވެއެވެ.

އެހެން ގައުމުތަކެކޭ އެއްގޮތަށް، ވެރިކަން ކުރާ ރަށަކީ، އެހެން ރައްޔިތުންނަށް ޚިދުމަތްދޭ ގިނަ ކަންތައްތަކެއް ކުރަންޖެހޭ ރަށަކަށްވާތީ، ރާއްޖޭގައިވެސް އެކަންތައްތައް އެބީދައިން ހިނގަމުން ދެއެވެ. ރާއްޖޭގެ ކަންކަން ހިނގަމުން އަންނަ ގޮތުން ހުރިހާ ކަމެއްގައިވެސް މާލެ އަންނަން ޖެހެއެވެ.

މިދެންނެވި އިންތިޒާމުގެ ތެރެއިން، ތަފާތު ކަންކަމުގައި މާލެއައިސް، ގިނަ ޢަދަދެއްގެ ބަޔަކު މިހާރު މިވަނީ މާލޭގައި ވަޒަންވެރިވެފައެވެ. މާލޭގެ އާބާދީ މިހާރު މިވަނީ އެތަކެއް ގުނައަކުން ބޮޑުވެފައެވެ. މީހުން ގިނަވުމާއެކު، މާލޭގެ ބިންވެސް އެތަކެއް ފަހަރު މިހާރު ވަނީ ބޮޑު ކުރެވިފައެވެ. ކުރިން މި މަސައްކަތް ކުރަމުން އައީ އަވަށު ވާދައަށެވެ. މިހާރު ކޮންމެވެސް ޖައްރާފަކަށް ލާރި ދީގެންނެވެ.

މާލެއަކީ މުޅި ރާއްޖޭގެ އާބާދީއަށް ޚިދުމަތް ދޭންޖެހޭ ތަނަކަށްވާތީ، މާލެއިން ގިނަ ޢަދަދެއްގެ ބިންތައްވެސް ޚާއްސަ ކުރެވިފައި ވަނީ މިދެންނެވި ޚިދުމަތްތައް ދިނުމަށް ދައުލަތުގެ ބޭނުމަށް ނެގިފައެވެ.

މާލޭގެ ބިމަށް ނުކަތާވަރުގެ އާބާދީއެއް މާލޭގައި ރަށްވެހިވުމާއެކު، ބިމުން މައްޗަށް ޢިމާރާތްތައް އުފުލަން މަޖުބޫރުވިއެވެ. އަދި ރައްޔިތުންގެ ކެކުޅުންތަކަށް ތަސައްލީއެއް ލިބޭތޯ، ސަރުކާރުގެ ފަރާތުން ފްލެޓް ޢިމާރާތް ކުރަންފެށިއެވެ. އެގޮތުން ޢިމާރާތް ކުރެވުނު ފުރަތަމަ ފްލެޓް ގަލޮޅުގައި މިހާރުވެސް އެހެރީ ފެންނާށެވެ. ގެދޮރުގެ ދަތިކަން އޭރު އޮތް މިންވަރު އަޅުގަނޑުމެންގެ ސިކުޑީގައި ކުރަހާލެވިފައިއޮތީ، ހަތަރު ވަރަކަށް ފަންގިފިލާގެ ޢިމާރާތަކުން މިކަން ހަމަޖައްސާލެވިދާނެ ކަމަށެވެ.

އެހެނަސް، ބޯހިޔާވަހިކަން ދަތިކަން ތަހައްމަލު ކުރަންޖެހުނު ރައްޔިތުންނަށް އެކި ރިޔާސީ އިންތިޚާބާ ދިމާކޮށް ވަމުން ގެންދިޔަ ވައުދުތައް ފުއްދުމަށް ހުޅުމާލޭގެ ނަމުގައި ވަކި ރަށެއް ހިއްކައި، ފްލެޓް އަޅައި، އަދި ބައެއް ސަރަޙައްދުތަކުން ގޯތި ދީ، މީހުން ވަޒަންވެރި ކުރެވުނެވެ. މިއީ ދުރު ރާސްތާއެއްގެ ތަސައްވުރެއްގެ މައްޗަށް ބިނާކޮށް، ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ. މިކަމުގެ ފުރިހަމަ ޝުކުރު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫނު ޢަބުދުލްޤައްޔޫމަށް ޚާއްސަ ކުރަންޖެހެއެވެ.

ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް އެންމެ އަޑުހަރުކޮށް ވަކާލާތު ކުރައްވާފައިވަނީ 2008ވަނަ އަހަރު އުފެދުނު އެމްޑީޕީ ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ. ވަރަށް ގިނަ ދިމާލެއްގައި ފްލެޓް ޢިމާރާތް ކުރުމުގެ މަސައްކަތް ކުރައްވަން ފެއްޓެވިއެވެ. އެމަނިކުފާނުގެ މި މަސައްކަތަށް އޭރުގެ ބައެއް މީހުން، ފްލެޓާ ގުޅުވައިގެން އެމަނިކުފާނަށް ވަނަމެއްވެސް ދިނެވެ. އެނަމަކީ އެމަނިކުފާނުވެސް މާހިއްޕުޅާ ހަމަކުރައްވާ ނަމަކަށްވެ، ދޭތެރެ ދޭތެރެއިން މަޖާޒީ ގޮތެއްގައި އަމިއްލަފުޅަށްވެސް އެނަން ބޭނުން ކުރައްވައެވެ.

ދެހާސް ތޭރަ ވަނަ އަހަރު އުފެދުނު ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމުގެ ޕީޕީއެމްގެ ސަރުކާރުގައި ރާއްޖޭގެ އިގްތިސާދީ ތަސައްވުރު މުޅިން ބަދަލުވެގެން ދިޔައެވެ. ބޮޑެތި މަޝްރޫޢުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ހިނގަންފެށިއެވެ. ހަތަރު ވަނަ ފަންގިފިލާއާ ހަމައިގައި ހުރި ވިސްނުންތައް 25 ވަނަ ފަންގިފިލާއަށް ބަދަލުވެގެން ދިޔައެވެ. އެއީ ޙަގީގަތަކަށް ނުވާނެ ބިލާހެއް ކަމަށް ބުނަމުންދިޔަ ހުޅުމާލެ ބުރިޖްވެސް ހަގީގަތަކަށްވިއެވެ. ހުޅުމާލެއާ އިންވެގެން ހުޅުމާލެ ވަރުގެ ރަށެއް އަލުން ހިއްކައި، އެތަނުގައި އުސް ޢިމާރާތްތައް ބިނާކުރަން ފެށުނެވެ.

މި ހިސާބުން ގޯއްޗާއި ފްލެޓް ލިބޭނެ ކަމަށް ސަރުކާރުން ލިޔުން ދޫކޮށްފައި ތިބި މީހުންނަށްވެސް، އަދި އަލަށް އެކަމަށް އެދެން ތިބި މީހުންނަށް ވެސް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިއްޖެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިނާކޮށްފައިވާ ޓަވަރުތަކުގެ ކުރެހުމެއް -ފޮޓޯ:އެޗް.ޑީ.ސީ

މާލޭގައި ބޯހިޔާވަހިކަމުގެ މައްސަލައިގެ ބޮޑުކަން އަންދާޒާ ކުރެވެނީ، އެކަމަށް އެދި ފޯމް ހުށަހަޅަން ދަމާލާ ކިއޫގެ ދިގުމިނުންނެވެ. މިއީ އަދި ބޭރަށް ފެންނަ މަންޒަރެވެ. ފޮރުވިފައިވާ މަންޒަރަކީ ރައްޔިތުން ދިރިއުޅޭ ގޮތެވެ. ބައެއް އާއިލާތަކުގެ މުޅި ދުނިޔެއަކީ 10 ފޫޓު 10 ފޫޓުގެ ކޮޓަރިއެކެވެ. ސިޓިން ރޫމަކީވެސް، ބަދިގެއަކީވެސް، ނިދާ ކޮޓަރިއަކީވެސް އެއީއެވެ. މަންމައާއި ބައްޕައާއި ތިން ކުދިންނެވެ. ބަލި ހާލުން ހިނގައިނުގަނެވޭ މާމަ ނުވަތަ ކާފައެވެ. އާއިލާއަށް އަލަށް އިތުރުވާ މެމްބަރުންނާ، ހުރިހާ ކަމެއް ހިނގަނީ މިދެންނެވި 100 އަކަފޫޓުގެ ތެރޭގައެވެ.

މިހާލުގައި ދިރިއުޅޭ އެތަކެއް އާއިލާއެއް މާލޭގައި މިހާރުވެސް އެބަތިއްބެވެ. ކޮންމެ ސަރުކާރެއްގެވެސް ރިޔާސީ އެންމެ އިސް ވައުދަކީ ބޯހިޔާވަހިކަން ހައްލުކޮށްދޭނެ ވާހަކައެވެ. އެ އުއްމީދުގައި ވޯޓުލީ މީހުންގެ އުއްމީދުތައް ފުނޑުފުނޑުވެ، އިންތިހާއަށް މާޔޫސްވެ، ރުޅިގަނޑު ބަންޑުން ކޮށްލަނީ ކޮންމެވެސް މުޒާހަރާއެއްގެ ނަމުގައެވެ. ދާދިފަހުންވެސް މާލޭ މީހުންނަށް ބޯހިޔާވަހިކަން ހޯދުމަށް މުޒާހަރާއެއް ބޭއްވި ވާހަކަ ނޫސްތަކުން ޖާގަ ހޯދިއެވެ.

ގަދަ އަވީގައި ކިޔޫ ޖެހިގެން ފޯމްލީ މީހުންގެ އުއްމީދުތައް ފުނޑުފުނޑުވަނީ، ކަމެއް ލަސްކުރުމަށް މިހާރު ބޭނުންކުރާ އެންމެ އާއްމު ޖުމުލަ ބޭނުންކޮށްގެނެވެ. "އެކަމުގައި ކަރަޕްޝަން އެކުލެވެއެވެ".

ހުޅުމާލޭގައި ރައީސް ޔާމީންގެ ސަރުކާރުން ޢިމާރާތްކުރި 7،000 ފްލެޓް ލިބޭނެ ކަމަށް ޢާއްމުކުރި ލިސްޓުގައި ތިބި މީހުންނަށް އަދިވެސް އޮތީ ދިގު އިންތިޒާރެވެ. ފްލެޓްތައް ދިނީ އިންސާފުން ނޫން ކަމަށްބުނެ ރިޔާސީ ކޮމިޝަނަކުން އެކަން ތަހްގީގު ކުރަނީއެވެ. ސަރުކާރުން ބުނަނީ އެތަން މީހުން ދިރިއުޅެން ކަމުނުދާ ވާހަކައެވެ. އިޖްތިމާއީ ބޮޑެތި މައްސަލަ ދިމާވާނެ ކަމެވެ.

އަޅުގަނޑުގެ ސުވާލަކީ 10 ފޫޓު 10 ފޫޓު ކޮޓަރިއެއްގައި ހުރިހާ ކަމެއް ކުރަންޖެހޭ ޢާއިލާއެއްގެ ތެރޭގައި އިޖްތިމާއީ މައްސަލަ ނުނިކުންނާނެތޯއެވެ؟ ނުވަތަ އެއީ އިންސާނުން ދިރިއުޅެން އެންމެ ރަނގަޅު ޙާލަތުތޯއެވެ؟

ކޮންމެ ގޮތެއްވިޔަސް ހިނި ހޮރެއްގައި އުޅޭ މީހަކަށް ކޮތަރު ކޮށްޓެއް ވާނީ ޖަވާހިރަކަށެވެ. ކޮތަރު ކޮށި ލިބުނު މީހާއަށް އެތަން މައްސަލައަކަށް ނުވާއިރު، އެހެން މީހުންނަށް އެއީ މައްސަލައަކަށް ވަނީ ކޮން ގޮތަކުންތޯއެވެ؟

މިއީ 'އުފަން މަގޭ ބިމޭ' ބުނާއިރު، މި ބިމުން އެންމެ އަކަ އިންޗިއެއްވެސް މަށަށް ނުލިބުމަކީ މައްސަލައަކަށް ހަމަ ނުވަނީތޯއެވެ؟