ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވިގެން ދިޔުމާ އެކު ފަރެސް މާތޮޑާއަށާއި އެސަރަހައްދުގެ ތަރައްޤީއަށް ކުރިއަށް ދެން އޮތީ އަދި މާ ފަހި ދުވަސްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މި ސަރުކާރުން ގދ. ފަރެސްމާތޮޑާގައި ތަރައްޤީކުރި އެއާޕޯޓް ހުޅުވުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މިސަރުކާރުގެ ވައިގެ ދަތުރުފަތުރުގެ ސިޔާސަތުގައި ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް، ހުވަދު އަތޮޅުގެ އެންމެ ރަށެއް ފިޔަވައި ހުރިހާ ރަށަކުންވެސް އެންމެ ގިނަވެގެން 20 މިނެޓާއި 30 މިނެޓާ ދެމެދުގެ ރާސްތާއެއްގައި ދަތުރުކުރެވޭ އެއާޕޯޓެއް މިހާރު އޮންނާނެ ކަމަށެވެ. އަދި އެހެން އަތޮޅުތައްވެސް ސަރުކާރުގެ އެމިންގަނޑަށް ފައްތަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން މިސަރުކާރުން މިހާރު ކުރިޔަށް ގެންދާ އެއާޕޯޓުތައް ތަރައްޤީކުރުމުގެ މަޝްރޫޢުތަކުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އަދި އެ ވައިގެ ބަނދަރުތައް ޤާއިމުކޮށް ނިމޭއިރު، އެތެރޭގެ އުދުހުންތަކުގެ ވިއުގަ ވަރަށް ބޮޑަށް ގެތި ލާމެހިގެންދާނެ ކަމަށާއި ވަޒީފާގެ ފުރުޞަތުތައް އިތުރުވެ އިޤްތިޞާދީ ޙަރަކާތްތަކަށް ވަރަށް ބޮޑު ދިރުމެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތުގައި ފަރެސްމާތޮޑާގެ ރައްޔިތުންގެ ބައިވެރިވުން ފާހަގަކުރައްވައި، އެއާޕޯޓާއެކު މިހާރުވެސް އެރަށަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެއްވިއެވެ. މިގޮތުން އެއާޕޯޓް ސަރަހައްދުގައި މަރުކަޒީ އިންޖީނުގެއެއް ޤާއިމްކުރެވި، ކަރަންޓުގެ ވިއުގައިގެ ފެންވަރު ރަނގަޅު ކުރެވިފައިވާ ކަމަށާއި، ލަހެއް ނުވެ ނަރުދަމާ ނިޒާމްގެ މަސައްކަތްވެސް ނިމިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެއާޕޯޓާއި ފަރެސް މާތޮޑާ ގުޅުވައިދޭ ދާއިމީ ކޯޒްވޭގެ މަސައްކަތް ނިމުމާއެކު، ފަރެސްމާތޮޑާ ބަނދަރުން އެއާޕޯޓަށް ދަތުރުކުރާ މަގުގައި ތާރު އެޅުމުގެ މަސައްކަތްވެސް ފެށިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން އެއާޕޯޓާއެކު ވަޒީފާގެ ފުރުޞަތާއި އިޤުތިޞާދީ އެތައް ފުރުޞަތެއް ފަރެސްމާތޮޑާ އާއި ކައިރި ރަށްތަކުގެ ރައްޔިތުންނަށް ހުޅުވިގެންދާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުރިޔަށް އޮތީ އަދި މާފަހި ދުވަސްތަކެއް ކަމަށެވެ.

މިރޭ ހުޅުވުނު ފަރެސްމާތޮޑާ އެއާޕޯޓަކީ، ހުވަދުއަތޮޅުގެ ހަތަރު ވަނަ އެއާޕޯޓެވެ.

ފަރެސްމާތޮޑާ އެއާޕޯޓަކީ، 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ހެދިފައިވާ އަދި ރޭގަނޑުވެސް ފްލައިޓް ޖެއްސޭގޮތަށް، އެއާޕޯޓަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ފުރިހަމަކޮށްފައިވާ އެއާޕޯޓެކެވެ. އަދި މި އެއާޕޯޓުގެ ޕެސެންޖަރ ޓަރމިނަލަކީ، ދިވެހިރާއްޖޭގެ ރަށްތަކުގެ މަލަމަތިން ފެންނަ އޮޑިހަރުގެ ދައްކުވައިދޭ ގޮތަށް، އަދި ތިމާވެށްޓާ ރައްޓެހި ގޮތްތަކަށް ބަލައިގެން ފަރުމާކޮށް ތަރައްޤީކޮށްފައިވާ ޓަރމިނަލެކެވެ. މީގެ އިތުރުން އެހެން އެއާޕޯޓުތަކާއި މިއެއާޕޯޓު ތަފާތުވާ އަނެއް ކަމަކީ، މީހުން ފުރުވަންދާ ފަރާތްތަކަށްވެސް، މަތިންދާބޯޓަށް މީހުން އަރާމަންޒަރު ފެންނާނޭހެން އެއާޕޯޓުގެ ޓަރމިނަލް ފަރުމާކޮށްފައިވުމެވެ.