Support Us

އަންހެނުންގެ ދުވަސް 2023: މިންތީގެ ހަމަހަމަކަމަށް އީޖާދާއި ފަންނިއްޔާތު 

މިންތީގެ ހަމަހަމަ ދުނިޔެއެއް ތަޞައްވުރު ކޮށްލައްވާށެވެ. އެއްފަރާތްކުރުމާއި، އަންހެނަކަށްވީތީ ތަފާތުކުރުން ގެންގުޅުމާއި އެ މޭރުމުން ދުށުމުން އެއްކިބާވެފައިވާ ދުނިޔެއެކެވެ. ތަފާތު، ހަމަހަމަ، އަދި ހުރިހާ އެންމެން ހިމެނޭ ޝާމިލު ދުނިޔެއެކެވެ. ތަފާތުގެ އަގުތައް ވަޒަންކޮށް އުފާފާޅުކުރާ ދުނިޔެއެކެވެ.

އަޅުގަނޑުމެން އެކުގައި ތެދުވެއްޖެނަމަ އަންހެނުންގެ ހަމަހަމަކަން ޤާއިމު ކުރެވޭނެއެވެ. ޖަމާޢަތުގައި އަޅުގަނޑުމެން އެންމެންނަށް މި ވިސްނުމުގައި އެކަތިގަނޑަށް ވެވިދާނެއެވެ. ހަމަހަމަ ކަމަށް ޓަކައި ބައްދާލެވިދާނެއެވެ.

މިންތީގެ ހަމަހަމަކަން އޮންނަން އެދޭނަމަ އަންހެނުންގެ ކާމިޔާބީ ފާހަގަކުރާށެވެ. ތަފާތުކުރުމާ މެދު ހޭލުންތެރިކަން އިތުރުކުރާށެވެ. ވަކި ޖިންސެއްގެ މީހަކަށް ވީތީ ގެންގުޅެވޭ ތަފާތުކުރުން ނައްތާލުމަށް ފިޔަވަޅު އަޅާށެވެ. ވިސްނާގޮތް ބަދަލުކުރާށެވެ. ފިރިހެނަކު ނަމަ ލޮބުވެތި މަންމައާއި އަނބިމީހާއާއި އަންހެން ދަރިންގެ މަޤާމާއި ދައުރު އަދާކުރުމަށް ފުރުސަތު ދޭށެވެ. އަންހެނެއް ނަމަ މުޖުތަމަޢުގައި އަދާކުރާންއޮތް ދައުރު ހަނދާން ނައްތާނުލާށެވެ.

މި އަހަރު ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ޝިއާރަކީ، "ސުމޭކު: މިންތީގެ ހަމަހަމަކަމަށް އީޖާދާއި ފަންނިއްޔާތު" އެވެ. މި ޝިޢާރުން ބާރުއަޅަނީ މިންތީގެ ހަމަހަމަކަން ކުރިއަރުވައި އަންހެނުން ބާރުވެރިކުރުމަށް ސުމޭކު ވަސީލަތްތަކުގެ މުހިންމުކަމެވެ. އަންހެނުންނާއި އަންހެން ކުދިން ފަންނިއްޔާތަށް ލޯހުޅުވައި އީޖާދީ ވިސްނުމާއި ފިކުރަށް އިމެއް އަދި ހިފެހެއްޓުމެއް ނެތް ފަހި ފުރުސަތު ދިނުމަށެވެ. އަންހެނުން ފަންނިއްޔާތުގެ ތެރެއަށް ވެއްދުމުން އިތުރު އުފެއްދުންތެރި ހައްލުތަކެއް ލިބި، އަންހެނުންގެ ބޭނުންތައް ފުއްދައި، މިންތީގެ ހަމަހަމަކަން ކުރިއެރުވުމަށް އާ އުފެއްދުންތަކެއް އުފެއްދުމުގެ ފުރުސަތު ބޮޑުވާނެއެވެ.

ޒަމާނީ ފަންނިއްޔާތުގެ ވިއުގަތަކުގެ ތެރެއިން އަންހެނުންނަށް ކުރާ ގޯނާއާއި އަނިޔާ ވަނީ ބޮޑުވެފައެވެ. ފޫނުބެއްދޭ ނުވަތަ އިޔާދަ ނުކުރެވޭ ބޮޑު ގެއްލުމަކާ ކުރިމަތިވެދާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. މާލީ ގޮތުން ހިސާބުކޮށްފި ނަމަ 2025 ވަނަ އަހަރުގެ ނިޔަލަށް 1.5 ޓްރިލިއަން ޑޮލަރަށް މި ގެއްލުން އަރާނެކަމަށް އަންދާޒާ ކުރެވެއެވެ. މި އާދަ ފަހަތަށް ޖެއްސުމަށްޓަކައި 51 ޤައުމެއްގެ މައްޗަށް ކުރި ދިރާސާއަކުން ދައްކާ ގޮތުގައި 38 އިންސައްތަ އަންހެނުންނަށް އޮންލައިން ވައިލެންސްގެ މައްސަލައާ ކުރިމަތިލާން ޖެހޭނެ އެވެ.

އީޖާދާއި ފަންނިއްޔާތާއި ސުމޭކަށް އަންހެނުން ހޭލުންތެރިކޮށް، އުގެނުމާއި އުގަންނައިދިނުމުގައި އީޖާބީ ރޫޙެއް ގެންގުޅުމަކީ އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތައް އިތުރުކޮށްދޭނެ ކަމެކެވެ.

ސުމޭކާއި ފަންނިއްޔާތުގެ ކުރިއެރުންތަކުގެ ސަބަބުން ތަރައްގީއާއި އިންސާނީ ގޮންޖެހުންތަކާ ކުރިމަތިލާން ފަސޭހަވާނެއެވެ. މިގޮތުން 2030 ވަނަ އަހަރުގެ މިންތީގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އިންތިހާއަށް ފުރުސަތު ފަހިވާނެއެވެ. ހިތާމައަކީ ސުމޭކު އިންގިލާބުގެ ފުރުސަތުތަކުގެ ސަބަބުން މިންތީގެ ހަމަހަމަކަމަށް ކުރިއެރުން ލިބުމުގެ ބަދަލުގައި ކުރިމަތިލާންޖެހިފައިވަނީ ނުރައްކަލާކަމެވެ. ސުމޭކުގެ ހުނަރާއި ފަންނިއްޔާތުތައް ލިބިގަތުމުގެ ދާއިރާއިން ބޮޑުވަމުން އަންނަ ނުތަނަވަސްކަން އިތުރުވަމުންދާއިރު، ސުމޭކުން މިންތީގެ ތަފާތުކުރުން ބޮޑުވެއެވެ. ނަތީޖާއެއްގެ ގޮތުން އަންހެނުން ފަހަތަށް ޖެހެއެވެ. އެހެންކަމުން ދެމެހެއްޓެނިވި މުސްތަގުބަލަކަށް ފަންނިއްޔާތާއި ސުމޭކުގެ ތައުލީމުގެ ބޭނުންތެރިކަމަކީ ވަރަށް މުހިންމު ކަމެކެވެ. މި ޝިއާރުގެ ދަށުން މަސައްކަތް ކޮށްފިނަނަ އަންހެނުންގެ ތެރެއިން އިތުރަށް ފަންނިޔާތުގެ މާހިރުންނާއި އައު އިޖާދުކުރުމުގެ މާހިރުން އުފެދޭނެއެވެ. އަދި އަންހެނުންނަށް ލިބޭ ނަފްސާނީ އަދި ޖިސްމާނީ އަނިޔާތައް މަދުކުރެވޭނެއެވެ.

 ބައެއް މުހިންމު ލަފުޒުތައް:

ސުމޭކު – ޑިޖިޓަލް

ފަންނިއްޔާތު – ޓެކްނޮލޮޖީ

 

* މައުލޫމާތު: ޢަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް