Support Us

ލިޓަން މަރާލައިފައި ވަނީ ނޭނގި ހުއްޓައި މޫދަށް ކޮއްޕާލައިގެން، ބޭނުމަކީ ފައިސާތަކެއްގެ ދަހިވެތިކަން

ދެ މީހުންނާއެކު ވިލިމާލެއިން ފުރި ފަހުން ގެއްލިގެން ހޯދި "ހެދޭކުރި" ދޯނީގައި މަސައްކަތްކުރި ބަންގްލަދޭޝް މީހާ މަރާލައިފައި ވަނީ އޭނާ އަށް ނޭނގި ހުއްޓައި، ކ. ގަލުފަޅު ސަރަޙައްދު ކައިރިއަށް މޫދަށް ކޮށްޕައި ވައްޓާލައިގެން ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީ.ޖީ) އިން ބުނެފިއެވެ.

ޕީޖީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފިއުލް ޕަވަރ ކުންފުނީގެ "ހެދޭކުރި" ދޯނީގައި މަސައްކަތްކުރި މުޙައްމަދު ލިޓޮން މަރާލާފައިވަނީ އޭނާއާއެކު އެ ދޯނީގައި އުޅުނު ގދ. ތިނަދޫ، މަނާރު، މުޙައްމަދު ނިޒާމް ކަމަށާއި އެކަން ހިނގައިފައި ވަނީ ހުސްވި ޑިސެންބަރު މަހުގެ 28 ވަނަ ދުވަހުގެ އިރުއޮއްސި 7 އާއި 8.30 އާ ދެމެދުގައި ކަމަށެވެ. ލިޓޮން މަރާލުމުގެ ބޭނުމަކީ ލިޓޮން އަތުގައި ހުރި ފައިސާތަކެއްގެ ބޭނުމުގައިކަން ހޯދިފައިވާ ކަމަށާއި މި ގޮތުން "ހެދޭކުރި" ދޯނީގައި ހުރި ލިޓޮންގެ 51،000ރ. އަށް ވުރެ ގިނަ ފައިސާ ނިޒާމް ވަގަށް ނަގާފައިވާ ކަމަށް ވެސް ޕީޖީގެ އޮފީހުން ބުނެއެވެ.

ޕީޖީން ބުނީ ނިޒާމާއި ލިޓޮން، ޑިސެމްބަރު 28 ގައި "ހެދޭކުރި" ދޯނީގައި ވިލިމާލެއިން ފުރައިގެން ދިއުމަށްފަހު، އޭގެ ފަހުން ލިޓޮންއަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލައިގައި ނިޒާމްގެ މައްޗަށް ތިން ދައުވާއެއް ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ.

ނިޒާމްގެ މައްޗަށް ކުރާ ދައުވާތައް

  1. ޤާނޫނުލްއުޤޫބާތުގެ 110 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން، ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ.
    އަސާސީ އަދަބު: 10 އަހަރަށް ޖަލަށްލުން/ ޤިޞާޞް އާއި ދިޔަ.
  2. ޤާނޫނުލްއުޤޫބާތުގެ 211 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، 210 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން، ވައްކަންކުރުމުގެ ކުށުގެ ދަޢުވާ. އަސާސީ އަދަބު: 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުން.
  3. މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ 107 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، ޑައިމޯފިނުން މުޢާމަލާތުކުރުމުގެ ކުށުގެ ދަޢުވާ. އަދަބު: 15 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމާއެކު 25,000ރ. އިން ފެށިގެން 500,000ރ. އާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުން. މަސްތުވާތަކެތިން މުޢާމަލާތުކުރުމުގެ ދަޢުވާ ކޮށްފައިވަނީ ނިޡާމް ކުއްޔަށް ހިފައިގެން އުޅޭ މއ. ޝާދީވިލާ އުތުރުބައިގެ ކޮޓަރިއެއް ފުލުހުން ބަލައި ފާސްކުރިއިރު، ބަރުދަނުގައި ޖުމްލަ 3.2565 ގްރާމް ޑައިމޯފިން ފެނިފައިވާތީ. ނިޡާމް މަސްތުވާތަކެތި ގަނެފައިވަނީ ހެދޭކުރި ދޯނިން ވަގަށް ނެގި ފައިސާއިން ކަމަށް ތުހުމަތުކުރެވޭ.

 

"ހެދޭކުރި" ދޯނީގައި ވިލިމާލެއިން ފުރައިގެން ދިއުމަށްފަހު ނިޒާމާއި ލިޓޮންގެ ހަބަރެއް ނުވެގެން ފުލުހުން އެ މީހުން ހޯދަމުން ކަނޑުމަތި ބަލަމުން ދަނިކޮށް ނިޒާމް ފެނުނީ މާލޭގެ ގެސްޓް ހައުސެއްގައި އުޅެނިކޮށެވެ. އަދި މިވީހާ ތަނަކަށް ލިޓަންގެ ހަށިގަނޑެއް ނުފެނެއެވެ.

"ހެދޭކުރި" ދޯނި ގެއްލުމާއި ނިޒާމް ފެނުން (ކުރުކޮށް)

  • 28 ޑިސެމްބަރު 2022: "ހެދޭކުރި" ދޯނި ވިލިމާލެއިން ފުރި.
  • 29 ޑިސެމްބަރު 2022: "ހެދޭކުރި" ދޯނި ހުޅުލެ ކައިރިން އޮޔާދަނިކޮށް ފެނުނު.
  • 31 ޑިސެމްބަރު 2022: "ހެދޭކުރި" ދޯނީގައި ވިލިމާލެއިން ފުރި ދެ މީހެއްގެ ޚަބަރެއް ނުވެގެން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފެށި. އެއީ، ގދ. ތިނަދޫ، މަނާރު، މުޙައްމަދު ނިޡާމް، 45، އަދި ބަނގްލަދޭޝްގެ މުހައްމަދު ލިޓަން، 35، ކަމުގައިވެސް ފުލުހުން ބުނި.
  • 2 ޖަނަވަރީ 2023: "ހެދޭކުރި" ދޯނީގައި ވިލިމާލެ އިން ފުރި ދެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދަނިކޮށް އޭގެ ތެރެއިން ނިޒާމް މާލޭގައި ކޮފީޝޮޕެއްގައި އިންދާ އާންމުންގެ މީހަކު މީސްމީޑިއާގައި އޭނާގެ ފޮޓޯއެއް އާންމުކުރި.
  • 3 ޖަނަވަރީ 2023: މާލެތެރޭގައި އުޅެނިކޮށް ފުލުހުން ނިޒާމް ހައްޔަރުކުރި
  • 2 މާރިޗު 2023: ގަސްދުގައި ލިޓަން މަރާލި މައްސަލައިގައި ނިޒާމްގެ މައްޗަށް ތިން ދައުވާއެއް އުފުލި
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *