Support Us

މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވާހަކަ ދައްކަވަނީ -ފޮޓޯ: ސިޓީ ކައުންސިލް

ކޮންމެ ކަމެއް އަމީނީ މަގުގައި ތާރު އަޅާ ގޮތަށް ކުރީމާ ފަހުން ވާނީ ބޮޑު މުސީބާތަކަށް: މުއިއްޒު

މާލެ ސިޓީގެ 50 ހާސް އާއިލާއަށް ގެދޮރުވެރިކަން ދެވެން އޮއްވައި އެންމެ 4،000 ގޯތި ދޭން ނިންމަން ޖެހޭ ސަބަބެއް ނެތް ކަމަށާއި ހަމަ ކޮންމެ ކަމެއް އަމީނީ މަގުގައި ތާރު އަޅާ ގޮތަށް ކުރީމާ ފަހުން އެކަން ވާނީ ބޮޑު މުސީބާތަކަށް ކަމުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން މޭޔަރު ރޭ ވިދާޅުވީ މިއަދު މާލެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ގެދޮރާއި ބިމުގެ ދަތިކަން ކަމަށެވެ.

"އަޅުގަނޑަށް ފާހަގަކުރެވޭ އެންމެ ބޮޑު އެއްކަމަކަށް މިރޭ ވެސް ފާހަގަކުރާނީ ގެދޮރާއި ބިމުގެ ދަތިކަން. މިއީ މާލެ ސިޓީގެ ރައްޔިތުންނަށް އިންތިހާއަށް ބޭނުން ޖެހިފައިވާ ކަމެއް. މާލޭގެ ރައްޔިތުންނަށް ގެވަޅު ލިބެން ޖެހޭނެ ކަމަށް އެ ކަން ކުރެވޭނެ ކަމަށް އަޅުގަނޑު ދެންނެވީ އެ ކަން އަޅުގަނޑަށް ކަށަވަރުވާތީ. ކުރެވޭނެ ކަމުގެ ޔަޤީންކަން އޮތީތީ. ކަމާ ބެހޭ ހުރިހައި ހޯދުންތަކެއް ހޯދައި މައްސަލައިގެ ހައްލު ހޯދައިފާ. މި އަދު ވެސް އެ ހައްލު އަޅުގަނޑުމެން އަތުގައި މި އޮތީ. އެއީ ގުޅިފަޅުން 280 ހެކްޓަރުގެ ބިން ހިއްކުން. ފުށިދިއްގަރު ފަޅުން 900 ހެކްޓަރުގެ ބިން ހިއްކުން. އަދި ގިރާވަރު ފަޅުން 200 ހެކްޓަރުގެ ބިން ހިއްކުން. އޭރުން ޖުމުލަ އެވީ 1380 ހެކްޓަރުގެ ބިން. މި ބިންތައް ހިއްކައި ގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ޖެހިފައިވާ ފަރާތްތަކަށް ދޭންވީ، ގޯތި ބޭނުންވާ މީހުންނަށް ގޯތި ފްލެޓު ބޭނުންވާ މީހުންނަށް ފްލެޓު ދޭންވީ. މާލެ ސިޓީގައި ގެދޮރުގެ ދަތިކަން ފޯރާފައިވާ 50،000 އާއިލާއަށް މި ނިސްބަތުގެ ބިމުން ގޯއްޗާއި ފުލެޓުދީ ދިގު މުއްދަތަކަށް މައްސަލައަށް ހައްލު ހޯދައިދެވޭނެ. އެއާއެކު ރައްޔިތުންނަށް ބުރަކަމެއް ނާންނާނެ  ލުއި އަގުގައި ހައުސިން ލޯން ސްކީމްތައް މަރުކަޒީ ބޭންކުން ރެގިޔުލޭޓް ކޮށްގެން ބޭންކްތަކުން ލިބޭނޭ ގޮތް ހަމަޖައްސައި، ހައުސިންގ ސަބްސިޑީ ސްކީމެއް ތަޢާރަފް ކުރުމުން އެއޮތީ ރައްޔިތުންނަށް އުފާވެރި ދުނިޔެއެއް ހޯދައިދެވިފައި. މީ ކުރެވޭނެ ކަންކަން. ކުރަންޖެހޭ ކަންކަން. އެތައް ރައްޔިތުންނެއްގެ ވޭނީ އިޙްސާސްތަކަށް މި ކަމުން ފަރުވާ ދެވޭނެ. މި ކަމަކީ ކުރެވޭނެ ކަމެއްކަމުގެ ދަލީލަކަށް ހުޅުމާލެ ދެވަނަ ފިޔަވަހި އެ އޮތީ ހިއްކާ އާ ސަހަރެއް ބިނާކޮށްފާ. އެ ތަނުގައި އެތައް ރައްޔިތުނެއް އުފަލާއެކު މިހާރު އެތިބަ ދިރިއުޅެނީ،" ހެދިގޮނޑުދޮށުގައި އޮތް މި ބައްދަލުވުމުގައި މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ މާލެ ސިޓީގެ ރައްޔިތުންނަށް ތަނަވަސް ދިރިއުޅުމެއް ހޯދައިދޭން ސިޓީ ކައުންސިލުން މިހާތަނަށް ކުރި އެއްވެސް މަސައްކަތަކަށް ސަރުކާރުން އިޖާބައެއް ނުދިން ކަމަށެވެ. ނަމަވެސް ސިޓީ ކައުންސިލުން ބޭނުންވަނީ "މާލޭގައި ގެދޮރުވެރިކަމަށް ޖެހިފައިވާ 50،000 އާއިލާއަށް އެކަން ހައްލުކޮށްދިނުމުގައި ސަރުކާރުން ސިޓީ ކައުންސިލްގެ ބައިވެރިވުމާއި މަޝްވަރާއާއެކު މަސައްކަތްކޮށްދެއްވުން" ކަމުގައި އޭނާ ވިދާޅުވިއެވެ.

"ގެދޮރުވެރިކަން ނެތުމަކީ ހިތްދަތިކަމެއް. ވޭންހުރިކަމެއް. މިހާ ފަސޭހައިން މިކަންކަން ކޮށްދެވެން އޮއްވައި މާލޭ ސަރަހައްދުން އެތައް ހާސް އަކަފޫޓުގެ ބިން ދިވެހީން ނޫން ބަޔަކަށް ދެވޭ ނަމަ އެއީ ވިސްނާލަން ޖެހޭކަމެއް. އޭގެ ނިކަމެތިކަން ދިވެހި ރައްޔިތުން އުފުލަން ޖެހޭނެ. މާލެ ސިޓީގެ ރައްޔިތުންގެ 50000 އާއިލާއަށް ގެދޮރުވެރިކަން ދެވެން އޮއްވައި އެންމެ 4000 ގޯތި ދޭން ނިންމަން ޖެހޭ ސަބަބެއް ނެތް. ހަމަ ކޮންމެ ކަމެއް އަމީނީ މަގުގައި ތާރު އަޅާ ގޮތަށް ކުރީމާ ފަހުން އެކަން ވާނީ ބޮޑު މުސީބާތަކަށް އިނގޭތޯ! ޚަދަރުތައް ހަގުނަ ވާނެ. އެކި ގޮތްގޮތުން މަޞްލަޙަތު ގެއްލޭނެ."

މާލެ ސިޓީ ކައުންސިލުން މާލޭ ރައްޔިތުންނާ ބައްދަލުކުރުމުގެ ހަފުލާގެ ތެރެއިން… -ފޮޓޯ: ސިޓީ ކައުންސިލް

"ތާރު އެޅިފައި އޮތީ މުސައްލައެއްހައި ތަންކޮޅެއްގައި"

މާލޭގެ މަގުތަކުގެ މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ އެކަމަށް ހައްލުކުރަން ކައުންސިލުން ދިރާސާތައް ކުރި ކަމަށެވެ.

"ދިރާސާކުރީމު. ކަމާ ބެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރީމު. އެ ގޮތުން އަމީނީ މަގުގެ ތާރު އަޅައި ޒަމާނީ ދިއްލުންތަކުން މަގު ދިއްލައި މާމެލާމެއްޔާއި ގަސްގަހާގެހިން މަގުގެ ދެ ފަރާތް ޒީނަތްތެރިކުރުން 39 މިލިޔަނަށް އަޅުގަނޑުމެން ހަމަޖައްސައިފައި އޮއްވައި އެ މަސައްކަތް ކުރިޔަނުދީ މަސައްކަތް ހުއްޓުވާފައި ނުވަ މަސް ދުވަހު ބޭއްވުމަށް ފަހު، އެ މަސައްކަތް އެހެން ބަޔަކާ ހަވާލުކުރީ 84 މިލިޔަން ފުރިޔާއަށް. ހަތް މަސް ދުވަހު ތެރޭ ނިންމަން ބުނި މަސައްކަތަށް ހަ މަސް ވީ އިރު އަދި ތާރު އެޅިފައި އޮތީ، މުސައްލައެއްހައި ތަންކޮޅެއްގައި. ކުރިޔަށް ގެންދެވިފައި އޮތީ މަސައްކަތުގެ އެންމެ 10%. މިއާ ޚިލާފަށް ސިޓީ ކައުންސިލުން ނިންމާފައި އޮންނާނީ އަމީނީ މަގު ހިމެނޭ ގޮތަށް މާލޭގެ ބޮޑު 16 މަގެއްގައި ތާރު އަޅައި 90 މަގުގައި އަލުން ގާ އަތުރައި ޒަމާނީ ފެންވަރަށް ޒީނަތްތެރިކުރަން. މަސައްކަތް ނުހުއްޓުވި ނަމަ، ސިނަމާލޭ ބުރިޖު ނިމުނު ފަދައިން މި މަސައްކަތް ވެސް އޮތީހީ ނިމިފައި،" މުއިއްޒު ވިދާޅުވިއެވެ.

"ޙަޤީޤަތުގައި ވެސް އަޅުގަނޑު މި ވާހަކަ މި ދައްކަނީ ވަރަށް އަސަރާއެކު. މާ ބަނޑު އަންހެނުންނާ އުމުރުން ދުވަސްވީ ހަރު ބޭފުޅުން ސައިކަލުގައި މާލޭ މަގުތަކުން ދަތުރުކުރައްވާ އިރު، އެ މަގުތަކުގެ އަޑިގުޑަންކަމުގެ ސަބަބުން ދިމާނުވެނުދާނެ ޞިއްޙީ މައްސަލަތަކާ މެދު އަޅުގަނޑު ކަންބޮޑުވޭ.  ހަމަ އެހެންމެ ރައްޔިތުންގެ އުދާސްތައް އަޅުގަނޑުމެން މި ދަނީ އަހަމުން. އަޅުގަނޑުމެން ރައްޔިތުންގެ ޙާލު ބަލަން ދިޔައީ ވޯޓުލާން އޮތް ދުވަހުގެ ކުރީ ދުވަހަކު ނޫން. ކެމްޕޭނުގައި ވަޢުދު ވީ ގޮތަށް އަޅުގަނޑުމެން މިހާރު ވެސް މި ދަނީ ހަފުތާއަކު ތިން ދުވަހު ރައްޔިތުންގެ ގޭގެއަށް ޒިޔާރަތްކުރަމުން. އަޑު އަހަމުން. ލޮލުން ދެކެމުން. މާލެ ސިޓީގެ ރައްޔިތުންގެ ވޭންތައް އަޅުގަނޑުމެން ސަރުކާރަށް މި ދަންނަވަނީ."

ޕާކިން މައްސަލައިގެ ހައްލަކީ ޖޫރިމަނާކުރުމެއް ނޫން

މާލެއަށް ކުރިމަތިވެފައިވާ ޕާކިން މައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ އެކަމަށް އޮތް ހައްލަކީ އުޅަނދުތައް ޖޫރިމަނާކުރުން ނޫން ކަމަށެވެ.

"މި ކަމުގެ ވެސް ހައްލަކީ ރައްޔިތުންގެ އުޅަނދުތައް ޖޫރިމަނާކުރުމެއް ނޫން. ހައްލަކީ ޕާކުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން. މާލެ ސިޓީ ކައުންސިލުން ވަނީ މި ކަމާ ބެހޭ ދިރާސާތައްކޮށް ނިންމާ އަށް ޕާކިން ބިލްޑިންގް ބިނާކުރަން ކުރަންޖެހޭ ހުރިހައި މަސައްކަތެއް ކޮށް ނިންމާފައި. ރައްޔިތުންނަށް މި ހިތް ފަސޭހަކަން ހޯދައިދިނުމަށް ވެސް އަޅުގަނޑުމެން ހަމައެކަނި ބޭނުންވަނީ ސަރުކާރުގެ ހުއްދަ. އެހެންކަމުން މާލޭގެ ޕާކިން މައްސަލަ ހައްލުކުރާން މާލެ ސިޓީ ކައުންސިލުން އިމާރާތްކުރަން ފަރުމާކޮށްފައިވާ އަށް ޕާކިންގ ބިލްޑިންގް އަޅާން ސަރުކާރުން އެއްބާރުލުން ދެއްވަން ސަރުކާރަށް ތަކުރާރުކޮށް ގޮވާލަން. އަދި އެއާއެކު ގަރާޖު ސިޓީގެ ނިޒާމު ވަގުތުން އުވާލަން ގޮވާލަން. އަދި ޕާކިންގ މައްސަލައިގައި ޖޫރިމަނާކޮށްފައިވާ ރައްޔިތުންގެ ޖޫރިމަނާ މިހާރުން މިހާރަށް މާފުކޮށްދެއްވުމަށް ގޮވާލަން. ރައްޔިތުންގެ ޖީބަށް އަތް ބޭނުމުގެ ބަދަލުގައި ރައްޔިތުންނަށް ހައްލު ހޯދައިދިނުމުގެ އަޚުލާޤު ދަސްކުރަން އަޅުގަނޑު ސަރުކާރަށް ގޮވާލަން،" މޭޔަރު ވިދާޅުވިއެވެ.

60 މަގުފާރަވެރިން

މާލޭ ޕާކިންގެ މައްސަލަތަކުގައި އެހީތެރިވެ އިމާރާތްތަކަށް ވަދެ ނިކުތުމަށް ޓަކައި ހުސްޖާގަ އުފެއްދުމަށާއި އެ ކަންކަމުގެ އިންތިޒާމުތައް ބަލަހައްޓައި އެހީތެރިވުމަށް މަގުފާރަވެރިންގެ ގޮތުގައި 60 މުވައްޒަފުން އަންނަ މަހުން ފެށިގެން މަގުމަތީގައި ޙަރަކާތްތެރި ވާން ފަށާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

"ޕާކިންގ މައްސަލަ ހައްލުނުވުމުން ކުރިމަތިވަނީ ވަގުތައް ތަންތަނަށް ހާޒިރުނުވެވުމާއި ވެހިކަލްތައް ހަލާކުވުމުގެ މައްސަލަ އެކަންޏެއް ނޫން. ގޭގެޔާއި އެކި އިމާރާތްތަކަށް ވަދެނިކުމެ ހެދުމުގެ ދަތިކަން ވެސް މި ކަމާ ގުޅިފައިވޭ. އެ ކަމުގެ ހައްލަކަށް މާލެ ސިޓީ ކައުންސިލުން ހުށަހަޅަނީ ޕާކުކުރާ އުޅަނދުތައް ވަކި ކަތިމިނެއްގައި ބެހެއްޓުމުގެ އުސޫލަކަށް ރައްޔިތުން ހޭނުން. މި ދެންނެވި ކަތިމިން ބޮޑުކުރުން. އަދި އިމާރާތްތަކަށް ވަދެ ނިކުތުމަށް ޓަކައި ހުސްޖާގަ އުފެއްދުން. އެ ކަންކަމުގެ އިންތިޒާމުތައް ބަލަހައްޓައި ރައްޔިތުންނަށް އެހީތެރިވުން. މި ކަމަށް ޓަކައި މަގުފާރަވެރީން ތިބޭ ގޮތަށް މިހާރު ވަނީ ޕައިލެޓް ޕްރޮޖެކްޓެއް އިޢުލާނުކުރެވިފައި. انشا الله އެޕްރީލް 1 ގައި ސިޓީ ކައުންސިލްގެ މަގުފާރަވެރިންގެ ގޮތުގައި 60 މުވައްޒަފުން މަގުމަތީގައި ޙަރަކާތްތެރި ވާން ފަށާނެ،" މޭޔަރު ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން މާލޭ ރައްޔިތުންނާ ބައްދަލުކުރުމުގެ ހަފުލާގެ ތެރެއިން… -ފޮޓޯ: ސިޓީ ކައުންސިލް

މިސްކިތްތަކުގެ މަރާމާތަށް ބަޖެޓެއް ނުދޭ

މާލޭ ސިޓީ ކައުންސިލުގެ މި ދައުރުގެ ސިޔާސަތަކީ މާލޭގެ އެންމެ ރީތި އަދި އެންމެ ރައްކާތެރި ތަންތަނުގެ ގޮތުގައި މިސްކިތްތައް ހެދުން ކަމަށާއި ނަމަވެސް އެ ކަމަށް ވެސް އެކަށީގެންވާ ބަޖެޓެއް ނުލިބޭ ކަމުގައި މޭޔަރު ވިދާޅުވިއެވެ.

"އެހެން ނަމަވެސް ކައުންސިލްގެ އާއްމު ދަނީން މިހާތަނަށް ވެސް 16 މިލިޔަން ރުފިޔާ މިކަމަށް ޚަރަދުކޮށްފައިވާނެ. މިފަދަ ޚަރަދުތައް ކުރުމަށް ފައިސާ ނުލިބުމުގެ ހިތްދަތި އިޙްސާސާއެކު އުފާވެރިކަމާއި ޝުކުރުގެ ބަސްތައް ތަކުރާރާރުކޮށްލަނީ ތިޔަ ލޮބުވެތި އާންމު ރައްޔިތުންނަށް. ސަބަބަކީ މާލޭގެ މިސްކިތްތައް މަރާމާތުކުރުމާއި ޒީނަތްތެރިކުރުމަށް ޓަކައި ހުޅުވުނު މިސްކިތު ފަންޑަށް އާންމުންގެ ފަރާތުން ލިބުނު ތަރުޙީބަށް ޓަކައި. އާންމުންގެ ފަރާތުން އެއް މިލިޔަން ރުފިޔާ ހަދިޔާކުރެއްވި. މީގެ އިތުރަށް ހެޔޮ އެދޭ ބައެއް ފަރާތްތަކުން ބައެއް މިސްކިތް ރީތިކޮށް ބެލެހެއްޓުމާ މުޅިން ހަވާލުވި. ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލުކުރާއިރު މިހާރު މިސްކިތްތައް އެ ދަނީ މަރާމާތުކުރެވެމުން. މިހާތަނަށް ތިޔަ ލޮބުވެތި ރައްޔިތުން ހަދިޔާކުރެއްވި އެއް މިލިޔަން ރުފިޔާގެ އިތުރަށް ސިޓީ ކައުންސިލުން މިހާރު މިދަނީ ސިޓީ ކައުންސިލްގެ އާއްމުދަނީން މިދަނީ އަށް މިލިޔަން ރުފިޔާގެ މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ ރޯދައަށް މަސައްކަތްތައް ނިންމާލެވޭނެ." މޭޔަރު ވިދާޅުވިއެވެ.

ވިލިމާލޭގެ ކޮންމެ ގެޔެއްގެ އަސްކަންޏާ ހަމައަށް ބަގީ

މޭޔަރ ވިދާޅުވީ މާލެ ސިޓީ މާލެ ސިޓީއަކަށް ވަނީ ވިލިމާލެއާ ވެސް އެކުގައި ކަމަށާއި ވިލިމާލޭގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ވެސް ވަރަށް ގާތުން ބަލަމުން ގެންދަވާ ކަމަށެވެ. އެ ގޮތުން ފާއިތުވި ދޮޅު އަހަރު ކާމިޔާބު މަސައްކަތްތަކެއް ކުރެވިއްޖެ ކަމުގައިވެސް މޭޔަރު ވިދާޅުވިއެވެ.

"މާރިޗު ނުވައެއްގައި އިރާދަކުރެއްވިއްޔާ ވިލިމާލޭގައި ކައުންސިލްގެ ފަރާތުން ބަގީގެ ޚިދުމަތް ދޭން ފެށޭނެ. ކޮންމެ ގެޔެއްގެ އަސްކަންޏާ ހަމައަށް ބަގީ ދަތުރުކުރާނެ. އަގުތައް ލުއިވާނެ. މީގެ އިތުރަށް ވިލިމާލޭގައި ޕިކްނިކް ދިޔުމަށް ޚާއްޞަ ސަރަހައްދަކާއި އިލެކްޓްރިކް ވެހިކަލް ޗާރޖުކުރާ ސްޓޭޝަނަކާއި ޒަމާނީ ކާބޯތަކެތި ވިއްކާ ގާޑިޔާތަކާއި ތަފާތު ކުޅިވަރު ހިމެނޭ ކުޑަކުދިންގެ ޕާކަކާއި އެންމެ ބޮޑު ސައިޒުގެ ފުޓްސެލް ދަނޑުތައް ފަދަ ގިނަ މަޝްރޫޢުތަކެއް ކުރިޔަށް ގެންދިޔުމުގެ އެކި މަރުޙަލާތަކުގައި ވާކަން އުފަލާއެކު ފާހަގަކުރަން،" މޭޔަރު ވިދާޅުވިއެވެ.

ސަރުކާރުން ހުރަސް ނާޅައިފި ނަމަ އެއްދޮނުގައި ތިން ބުޅި ޖެހޭ ލޯކަލް މާރުކޭޓެއް

މޭޔަރު ވިދާޅުވީ މާލޭގައި މިހާރު ހުރި ލޯކަލް މާރުކޭޓު އީދަށް ފަހު ބަންދުކޮށް އެ ޚިދުމަތް އެހެން ތަނަކަށް ބަދަލުކުރެވޭނެ ކަމަށާއި އަދި އެ ތާނގައި ހަތަރު ބުރީގެ އެންމެ ޒަމާނީ އިމާރާތެއް ބިނާކުރެވޭނެ ކަމަށެވެ.

"މި އިމާރާތުގެ ޖާގަ ތަނަވަސް ވާނެ. ޚިދުމަތްތައް ފަސޭހަވެފައި އަވަސްވާނެ. އެ އިމާރާތުގައި ތިން މާރުކޭޓެއް ހުންނާނެ. އެއީ އެންމެ ޒަމާނީ ފެންވަރުގެ މަސްމާރުކޭޓަކާއި ލޯކަލް މާރުކޭޓަކާއި ދަތުރުވެރީންގެ މާރުކޭޓެއް. އޭރުން ތިޔަ ބޭފުޅުންނަށް އެއްދޮނުގައި ތިން ބުޅި ޖަހާލެވޭ ގޮތްވީ. ކުޑަ ވަގުތުކޮޅެއްގައި ހުރިހައި ބާވަތެއްގެ ބާޒާރެއް އެއްތާކުން ކޮށްލެވުނީ. ސަރުކާރުން ހުރަސް ނާޅައިފި ނަމަ 2023ވަނަ އަހަރުގެ ޑިސެންބަރު މަހު މި މާރުކޭޓު ވެސް ނިމޭނެ،" މޭޔަރު ވިދާޅުވިއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *