ތ. ހިރިލަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ބައްދަލުކުރައްވައިފިއެވެ.

ހިރިލަންދޫ ސްކޫލުގައި އޮތް މިބައްދަލުވުން ފަށްޓަވައި ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހިރިލަންދޫއިން އެމަނިކުފާނަށާއި ވަފުދުގައި ހިމެނޭ ބޭފުޅުންނަށް ދެއްވި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ހިރިލަންދޫގެ ކައުންސިލާއި އ.ތ.މ ކޮމިޓީއާއި ރަށުގެ ތަރައްޤީއަށް ބޭނުންވެފައިވާ ކަންކަމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ މައުލޫމާތު އޮޅުން ފިލުއްވިއެވެ.

މިބައްދަލުވުމުގައި، ހިރިލަންދޫ ކައުންސިލުން ވަނީ، މިހާރުވެސް އެރަށުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާ ކަމަށާއި، އަދި ބައެއް މަޝްރޫޢުތައް ނިމިފައިވާކަން ފާހަގަކުރައްވާފައެވެ. ކައުންސިލުން އިތުރަށް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ދަތުރުފަތުރުގެ ދަތިތަކާއި، ބަނދަރުގެ ދަތިކަމާއި، ރަށްގިރުމުގެ މައްސަލައާ، މަސްކިރުވުމުގައި ދިމާވާ ދަތިތަކާއި، ރަށާއި ކައިރީގައި ރިޒޯޓެއް ނެތުމުންް ޒުވާނުންނަަށް ވަޒީފާގެ ފުރުޞަތުތައް ލިބުމުގައި ހުރި ދަތިތައް ހިމެނެއެވެ. މީގެ އިތުރުން މިބައްދަލުވުމުގައި އ.ތ.މ ކޮމިޓީން ވަނީ ރަށުގެ ސިއްޙީ ޚިދުމަތް އިތުރަށް ރަނގަޅު ކުރުމަށް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ހިރިލަންދޫ ކައުންސިލާއި އ.ތ.މ ކޮމިޓީ އާއެކު ބޭއްވި މިބައްދަލު ކުރެއްވުމުގައި، ސަރުކާރުން ހިރިލަންދޫގެ ތަރައްޤީއަށް ރާވާފައިވާ މަޝްރޫޢުތަކާ ގުޅޭ މައުލޫމާތު ހިއްސާކުރެއްވިއެވެ. އަދި ކައުންސިލުންނާއި އ.ތ.މ ކޮމިޓީން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ހައްލެއް ހޯއްދަވައި ދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހިރިލަންދޫއަށް ކުރެއްވި މި ދަތުރުފުޅުގައި ހިރިލަންދޫ ކައުންސިލާއި އ.ތ.މ ކޮމިޓީ އާއެކު ބޭއްވެވި ބައްދަލު ކުރެއްވުމަށްފަހު ވަނީ ހިރިލަންދޫ ވޮލީ ކޯޓު ހުޅުއްވައިދެއްވައި، މޯލްޑިވްސް ވޮލީބޯލް ވެޓެރެންސް ޓީމާއި ހިރިލަންދޫ ވޮލީޓީމާ ދެމެދު ކުޅުނު ވޮލީ މެޗުގައި ބައިވެރިވެ ވަޑައިގެންފައެވެ.