Support Us

ނަތަންޔާހޫގެ އަނބިކަނބަލުން އިންނެވި ސެލޫނެއް ޙިޞާރުކޮށްފި

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ އަނބިކަނބަލުން ސާރާ އިސްތަށިފުޅު ކޮށްޓަވަން ސެލޫނެއްގައި އިންނެވިކަން އެނގިގެން މުޒާހިރީން އެ ސެލޫން ޙިޞާރުކޮށްފިއެވެ. ނަތަންޔާހޫއާ ދެކޮޅަށް މުޒާހަރާކުރި މީހުން އެ ސެލޫން ޙިޞާރުކުރުމުން އެތަނުން ސާރާ ނެރެވުނީ އެތައް ސަތޭކަ ފުލުހުންނެއް ފޮނުވައި މުޒާހަރާ ރޫޅައިލައި އެތައް ބަޔަކު ހައްޔަރުކޮށްގެންނެވެ. 

ބަދީޢޫތު އަޙްރަނޫތު ދުވަހު ނުސް ބުނާގޮތުގައި ނަތަންޔާހޫއާ ދެކޮޅަށް އިއްޔެ ތައްލު އަބީބުގައި މުޒާހަރާކުރަމުންދިޔަ މީހުންނަށް ސާރާ ސެލޫނެއްގައި އިންނެވިކަން އެނގިގެން އެމީހުން އެ ސެލޫން ޙިޞާރުކޮށް ސަރުކާރާ އިދިކޮޅު ޝުޢޫރުތައް ފާޅުކުރިއެވެ. އެމީހުން ބުންޏެވެ. "ޤައުމު އަނދަމުންދާއިރު ސާރާ އިސްތަށިފުޅު ކޮށްޓަވަނީ… މިއީ ވަރަށް ލަދުވެތިކަމެއް…" 

އިއްޔެ އަކީ ތައްލު އަބީބުން މީގެ ކުރިން ނުފެންނަ ފަދަ މަންޒަރުތަކެއް ފެނިގެން ދިޔަ ދުވަހެކެވެ. ޤަޟާއީ ބާރުތައް އިސްލާޙުކުރަން ނަތަންޔާހޫ ސަރުކާރުން ޤާނޫނުތައް ބަދަލުކުރަމުންދާތީ އިސްރާއީލުގައި ދަނީ މުޒާހަރާތައް ބާއްވަމުންނެވެ. މި މުޒާހަރާތައް ރޫޅައިލުމަށް ޓަކައި ފުލުހުންދަނީ ހިސާބަށްވުރެ ބާރުގަދަ ވަސީލަތްތައް ބޭނުންކުރަމުންނެވެ. އިއްޔެ މުޒާހަރާ ރޫޅައިލުމަށް ޓަކައި ސަލާމަތީ ބާރުތަކުން އަހާއި  މުގުރާއި އަޑުބޮން ބޭނުންކުރިއެވެ. އަދި އެތައް ބަޔަކު ހައްޔަރުކުރިއެވެ.

ނަތަންޔާހޫގެ ސަރުކާރާއި މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ކަނާތު ފިޔައިގެ ހައްދުފަހަނަޅައިފައިވާ ޕާޓީތަކާއި ހަރުކަށި ދީނީ ޕާޓީތަކުން ބޭނުންވަނީ ޤާނޫނުތައް ބާޠިލުކުރުމުގެ ބާރާއި ސަރުކާރުން ނެރޭ އަމުރުތައް ބާޠިލުކުރުމުގެ ބާރު ސުޕްރީމު ކޯޓުގެ އިޚްތިޞާޞުގެ ދަށުން ނެގުމަށެވެ. އަދި ޤާޟީން އިޚްތިޔާރުކޮށް  ޢައްޔަންކުރުމުގެ ބާރު ސަރުކަރަށް ލިބިދިނުމަށެވެ.

އިސްރާއީލުގެ ބަރްލަމާނުގެ ޤާނޫނާއި ދުސްތޫރާ ބެހޭ ކޮމެޓީން މިހާރު ވަނީ މި އިޞްލާޙުތަކަށް އުޞޫލެއްގެ ގޮތުން އެއްބަސްވެފައެވެ. މި ކަމާބެހޭގޮތުން ބަރްލަމާނުގައި ނެގި ވޯޓު އިދިކޮޅު މެންބަރުން ވަނީ ބޮއެކަޓު ކުރައްވައިފައެވެ. އިދިކޮޅުން ވިދާޅުވިގޮތުގައި މި ބިލް ފާސްކޮށް ތަޞްދީޤު ކުރެވިއްޖެނަމަ އިސްރާއީލު ދީމުޤްރާޠީ ދައުލަތަކަށް ނުވާނެއެވެ. 

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ނޫސްވެރީންނާ ބައްދަލު ކުރައްވާ ވިދާޅުވިއެވެ. "މުޒާހަރާކުރުމުގެ ޙައްޤު އޮތަސް ގަޑުބަޑު އުފެއްދުމުގެ ޙައްޤު ލިބިގެން ނުވެއެވެ." 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *