ކުރިން ހަމަޖެހިފައިވާ ގޮތުގެ މަތިން ތުރްކީގެ ރިޔާސީ އިންތިޚާބު މިއަންނަ މޭމަހުގެ 14ވަނަ ދުވަހު ބޭއްވޭނެ ކަމަށް ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުޣާން މިއަދު އިޢުލާން ކުރައްވައިފިއެވެ. ރައީސް އުރްދުޣާން ވިދާޅުވި ގޮތުގައި ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ "ޒިލްޒާލުގެ ކާރިސާއިން ނާޖާއިޒު ސިޔާސީ ފައިދާތަކެއް ނެގުމަށެވެ."
ރައީސް އުރްދުޣާން މި ކަން އިޢުލާން ކުރެއްވީ ތުރްކީގެ ދެކުނުގެ ސްޓޭޓްތަކަށް އައި ބާރުގަދަ ޒިލްޒާލުތަކުގެ ސަބަބުން ލިބުނު ގެއްލުންތަކާއި ދުނިޔެ ދޫކުރި މީހުންނާއި ގެއްލުން ލިބުނު މީހންގެ ޢަދަދު ބޮޑުކަމުން ތުރްކީގެ ރިޔާސީ އިންތިޚާބާއި ބަރްލަމާނީ އިންތިޚާބު ފަސްކުރެވިދާނެކަމުގެ އަޑުތައް އިތުރުވެ ޖަދަލުތައް ގިނަވުމުންނެވެ.މި ޒިލްޒާލުގެ ސަބަބުން 45 ހާސް މީހުން މަރުވެފައިވެއެވެ. އަދި މިލިއަނެއްހާ މީހުން ވަނީ ގެދޮރު ގެއްލި މަގުމަތިވެފައެވެ. އެތައް ހާސް ޢިމާރާތެއް ވަނީ ވެއްޓިފައެވެ. އުރްދުޣާންގެ ސަރުކާރުން މިހާރު ވަނީ ހުރިހާ އެންމެންނަށް ވަގުތީ ބޯހިޔާވަހިކަން ތަނަވަސްކޮށްދީފައެވެ. ތުރްކީ ސަރުކާރު ބުނާގޮތުގައި ފައިސާގެ އެހީވެސް މިހާރު ވަނީ ފޯރުކޮށްދީފައެވެ.
ވެރިކަން ކުރާ ޢަދާލަތާއި ތަރައްޤީ ޕާޓީގެ ބަރްލާމާނީ މެންބަރުންނާ މުޚާޠަބު ކުރައްވާ ރައީސް އުރްދުޣާން ވިދާޅުވިއެވެ. "އިރާދަކުރެއްވިއްޔާ މި އުންމަތުގެ މީހުން 14 މޭގައި އެމީހުންގެ މައްޗަށް ލާޒިމުކުރާ ކަންތައްތައް ކުރާނެއެވެ."
ތުރްކީގެ ރައީސް ވިދާޅުވި ގޮތުގައި "ކާރިސާއަށް ފަހު އަލުން ބިނާކޮށް އާރާސްތު ކުރުމަށް ޓަކައި ޚާއްޞަ ފަންޑެއް" ހުޅުވޭނެއެވެ. އެއީ ޒިލްޒާލުގެ ސަބަބުން ހަލާކުވި ސަހަރުތައް އަވަހަށް ބިނާކުރުމަށް ޓަކައެވެ. އޭނާ ހާމަކުރެއްވި ގޮތުގައި އެއް އަހަރު ދުވަހުގެ ތެރޭގައި މި ރަށްތައް ކުރިއަށް ފުރިހަމަކޮށް ބިނާކޮށް ނިންމައިލެވޭނެއެވެ.
އުރްދުޣާން ވަޢުދުވެވަޑައިގެންނެވިގޮތުގައި ޒިލްޒާލާ ބެހޭ ކަންތައްޔަޖކުގައި ފަރުވަކުޑަކޮށްފައިވާ ފަރާތްތައް "ސިޔާސީ ގޮތުންނާއި އިދާރީގޮތުންނާއި ޤަޟާއީ ގޮތުން" ސުވާލުކޮށް ފިޔަވަޅު އެޅޭނެއެވެ.



advertisment