ރަޝިޔާގެ ކުލީ ސިފައިންގެ ކުންފުންޏެއް ކަމުގައިވާ ވެގްނަރ ކުންފުނިން ޔުކްރޭން ހަނގުރާމައިގައި ޗައިނާގެ Spacety Co ކުންފުނީގެ ހެދިހަނދުތަކުން ނަގާ ފޮޓޯތައް ބޭނުންކުރަމުން ދާކަމަށް އެމެރިކާގެ ޚާރިޖިއްޔާއިން ބުނުމުން ވެގްނަރ ކުންފުނީގެ ރައީސް ބްރެގޮޖިން އެ ވާހަކަ ދޮގުކުރައްވައިފިއެވެ. ބްރިގޮޖިން އޭނާގެ ޓެލެގްރާމުގައި ވިދާޅުވެފައިވާ ގޮތުގައި އެހެން ޤައުމުތަކުގެ ހެދިހަނދުތަކުން ނަގަމުންދާ ފޮޓޯތައް އޭނާގެ ކުންފުންޏަށް ގަންނާކަށް ނުޖެހެއެވެ.
އޭނާ ހާމަކުރެއްވި ގޮތުގައި އޭނާގެ ކުންފުނީގެ މިލިކިއްޔާތުގައި 20 ހަނދު މިހާރުވެސް ހަވާގައި އެބަ ހުއްޓެވެ. އޭނާ ހާމަކުރެއްވި ގޮތުގައ އެ ކުންފުނީގެ ބައެއް ހަނދުތަކަކީ ބަލައި ފާރަލުމަށް އަރުވައިފައިވާ ހަނދުތަކެކެވެ. އަނެއްބައި ހަނދުތަކަކީ ރާޑަރުގެ މަސައްކަތްކުރާ ނިޒާމުތަކެކެވެ.
ވެގްނަރ ޢަސްކަރީ ކުންފުނީގެ ވެރިޔާ ވިދާޅުވާގޮތުގައި ހެދިހަނދުގެ ޒަރީޢާއިން އޭނާގެ ކުންފުނިން ދަނީ ދުނިޔޭގެ ހުރިހާ ޤައުމުތަކަކަށް ފާރަލަމުންނެވެ. އޭގެތެރޭގައި އެމެރިކާގެ ޚާރިޖީ ވުޒާރާ ވެސް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.
ވެގްނަރގެ ރައީސް މި ބަޔާން ދެއްވީ އެމެރިކާގެ ޚާރިޖިއްޔާގެ އިރުމަތީ އޭޝިޔާއާއި ޕެސިފިކް ކަނޑާބެހޭ އިދާރާގެ ވަކީލު ޑެނިއަލް ކްރިޓެންބްރިންކް ވިދާޅުވި ބަސްފުޅުތަކަކަށް ރައްދުދެއްވަމުންނެވެ. އޭނާ ވިދާޅުވިގޮތުގައި ޗައިނާގެ ސްޕޭސްޓީ ކުންފުނީގެ ހެދިހަނދުތަކުން ވެގްނަރ ކުންފުންޏަށް ޔުކްރޭނުގެ ހަނގުރާމަ ހިނގަމުންދާ ސަރަޙައްދުތަކާ ބެހޭ ފޮޓޯތައް ދެއެވެ.



advertisment