ރަޝިޔާގެ ސަލާމަތީ ކަންތައްތައް ހަރުދަނާކުރުމަށް ޓަކައި ޔުކްރޭނުގެ ތަޖްރިބާ ވަރަށް މުހިއްމުކަމަށާއި އޭގެ ބޭނުން ރަޝިޔާއިން ކުރާނެ ކަމަށް ރޫސީ ރައީސް ޕޫޓިން ވިދާޅުވެއްޖެއެވެ.
ޕޫޓިން ކަށަވަރުކޮށްދެއްވި ގޮތުގައި ރަޝިޔާގެ ޤައުމީ ސަލާމަތަށް ބިރުހުރި ކޮންމެ ކަމަކަށް ޟަރޫރީ ހުރިހާ ވަސީލަތްތަކަކުން ރަޝިޔާއިން ރައްދުދޭނެކަން އެމެރިކާއާއި ނޭޓޯ ދަންނަން ޖެހޭނެއެވެ. ރޫސީ ދައުލަތުގެ މުއައްސަސާތައް ފަސާދައިން ސަލާމަތް ކުރަން ޖެހިފައިވާ ކަން ވެސް ޕޫޓިންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރޫސީ ރައީސް ޕޫޓިން ހާމަކުރެއްވި ގޮތުގައި މި ދިޔަ އަހަރު ރަޝިޔާގައި ވަނީ ނިރުބަވެރި ޢަމަލުތައް އިތުރުވެފައެވެ. އޭނާ ވިދާޅުވިގޮތުގައި މިއީ ޔުކްރޭނުގެ އަތެއް އޭގައިވާ ޢަމަލުތަކެކެވެ. އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާގެ ސަލާމަތީ އިދާރާއިން އެ ޤައުމުގެ ސަލާމަތަށް ބިރުހުރި ކޮންމެ ނުރައްކަލަކަށް ވަގުތުން ރައްދުދޭނެއެވެ. އެފަދަ ޢަމަލުތައް މަނާކުރުމަށް ޓަކައި އަޅަންޖެހޭ ޟަރޫރީ ފިޔަވަޅުތައް އަޅާނެއެވެ. އޭނާ ރަޝިޔާގެ އިއްތިޙާދީ އަމްނާ ބެހޭ މުއައްސަސާ (އެފްއެސްބީ) އަށް ޔުކްރޭނުންނާއި ހުޅަނގުން ހިންގަމުންދާ ޖާސޫސީ ޙަރަކާތްތަކާއި ތަޚްރީބީ ޙަރަކާތްތަކާ ދެކޮޅަށް ވަރަށް ސަމާލުވެ އޮތުމަށް ގޮވައިލެއްވިއެވެ.
ރޫސީ ރައީސް ވިދާޅުވިއެވެ. "ހުޅަނގަކީ ރަޝިޔާގައި ޖާސޫސީ މަސައްކަތްތައް އާދަކޮށް ކުރާ ބައެކެވެ. މިއަދު އެމީހުން ވަނީ އިތުރު ބަޔަކު މިކަމުގެ ތެރެއަށް ވައްދައިފައެވެ. އިތުރު ފަންނިއްޔަތާއި ވަސީލަތްތައް ވައްދައިފައެވެ. މި ފަދަ އައު ވަސީލަތްތައް ދެނެގަނެ އަވަސް ފިޔަވަޅު އަޅަންޖެހޭނެ" ކަމަށް ޕޫޓިން ވިދާޅުވިއެވެ.
ރޫސީ އިއްތިޙާގެ ދުގައި އަލަށް ބައިވެރިވި ހަތަރު ސަރަޙައްދުތެރޭގައި އިއްތިޙާދުގެ ސަލާމަތީ ބާރުތައް ޙަރަކާތްތެރިވާން ޖެހޭނެކަމަށް ވެސް ޕޫޓިން ވިދާޅުވިއެވެ.
އަނެއްކޮޅުން ކްރެމްލިންގެ ރަސްމީ ތަރްޖަމާނު ބިސްކޯވް ވިދާޅުވާ ގޮތުގައި ޔުކްރޭނުގެ މަސްއަލަ ޙައްލުކުރުމާ ބެހޭގޮތުން ޗައިނާއިން ހުށައެޅިހުށައެޅުންތަކަކީ މޮސްކޯގެ މަންހަޖާ އެއްފަސްވާ ހުށައެޅުންތަކެކެވެ.އޭނާ ރަޝިޔާގެ އިޒްވެސްޓިޔާ ދުވަހު ނޫހަށް ހާމަކުރެއްވި ގޮތުގައި ރަޝިޔާގެ ލަޑުދަނޑިތައް ޙާޞިލުކޮށްދިނުމަށް ޓަކައި ހުޅުވިފައިވާ ކޮންމެ ދޮރަކަށް މޮސްކޯ މަރްޙަބާ ކިޔާނެއެވެ.
އޭނާ ހާމަކުރެއއްވި ގޮތުގައި ނިޔުކްލިޔަރ ހަތިޔާރު މަދުކުރުމާ ބެހޭ މުޢާހަދާ އައުކުރުމާ ބެހޭގޮތުން އެމެރިކާއާއެކު ވާހަކަ ދައްކާނީ ރަޝިޔާގެ އަޑު ވޮޝިންގްޓަނުން އަހާނެނަމައެވެ.
އޭނާ ވިދާޅުވި ގޮތުގައި ރޫސީ ރައީސް ވަނީ ސްޓާރޓް މުޢާހަދާއަށް ޢަމަލުކުރުން ވަގުތީގޮތުން ހުއްޓައިލައްވައިފައެވެ. މި މުޢާހަދާއާ ބެހޭ ގޮތުން އިތުރު އެއްވެސް ފިޔަވަޅެއް އެޅުއްވޭނީ ރައީސް ޕޫޓިނަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އަނެއްކޮޅުން ޔުކްރޭނުގެ ރައީސް އޮފީހުގެ އިދާރީ ވެރިޔާ އެންޑްރޭ ޔަރްމާކް އޭނާގެ ޓެލެގްރާމުގައި ލިޔުއްވައިފައިވާ ގޮތުގައި ޔުކްރޭނުން ދަނީ ޞުލްޙަޔާ ބެހޭ ޢާލަމީ ސަމިޓެއް ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ. މި ސަމިޓަށް ކިޔީވުން ސުލްޙަޔާ ބެހޭ ދެލިކަރުދާހެއް ހުށައަޅާނެއެވެ. މި ސަމިޓް ގައި ދުނިޔޭގެ ގިނަ ޤައުމުތަކެއް ބައިވެރިވުން އެދޭކަމަށް އޭނާ ވިދާޅުވިއެވެ. މި ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚެއް އަދި ބޭއްވޭނެ ތަނެއް އޭނާ ހާމައެއް ނުކުރައްވައެވެ.



advertisment