ކީމާވީ ވިހަ މާއްދާތައް ބޭނުންކޮށްގެން ޔުކްރޭނުގައި އެމެރިކާއިން "ރަޝިޔާއަށް ޖެއްސުންކުރުމުގެ" މަސައްކަތްތަކެއް ކުރުމަށް ތައްޔާރުވަމުންދާކަމަށް ރޫސީ ދިފާޢީ ވުޒާރާއިން މިއަދު ބުނެފިއެވެ.
ރޫސީ ލަޝްކަރުތައް ޙަޔަވީ، ކީމާވީ، ރޭޑިއޭޝަންތަކުން ޙިމާޔަތްކުރުމާބެހޭ ބާރުގެ އިސްވާރު އީގޯރު ކިރިލޯވް ނޫސްވެރީންނަށް ހާމަކުރެއްވި ގޮތުގައި "ޔުކްރޭނުގައި އެމެރިކާއާއި އެ ޤައުމުގެ އެކުވެރީން ރޫސީ ބާރުތަކަށް ޖެއްސުންކުރުމަށް ޓަކައި ވިހަ ކީމާވިއްޔަތު ބޭނުންކުރުމުގެ ނުބައި ރޭވުންތައް އެބަ ގެންގުޅެއެވެ."
އޭނާ ވިދާޅުވިގޮތުގައި މި ފަދަ ޢަމަލުތައް ހިންގާ ޖާނީން ރަޝިޔާއިން ދެނެގަނެ އެމީހުންނާ ދެކޮޅަށް ވަގުތުން ފިޔަވަޅުއަޅާނެއެވެ.
ރަޝިޔާގެ ދިފާޢީ ވުޒާރާއިން އިތުރަށް ބުނިގޮތުގައި ރަޝިޔާގެ ދެކުނުގެ ދެ ސަރަޙައްދަކަށް ޑްރޯން ޙަމަލާތަކެއް ދެވޭތޯ ޔުކްރޭނުން ރޭ މަސައްކަތްކުރިއެވެ. އެހެނަސް މި ދެ ޙަމަލާ ވަނީ ނާކާމިޔާބުކޮށްލެވިފައި ކަމަށް އެ ވުޒާރާއިން ބުންޏެވެ. މި ދެ ޙަމަލާގެ ސަބަބުން ރޫސީވިލާތަށް އެއްވެސް ގެއްލުމެއްވެސް ނުލިބޭކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.
ބަޚްމޫތު ހަނގުރާމަ
ހަނގުރާމައިގެ މައިދާނަށް ބަލާއިރު ޔުކްރޭން ބުނާގޮތުގައި ބަޚްމޫތު ސަހަރުގެ ޙާލަތު ވަރަށް ނާޒުކެވެ. ރަޝިޔާ ސިފައިން ވަނީ މި މުހިއްމު ސަހަރު އިރުމަތީ ފަރާތުން ވަށައިލައިފައެވެ.
ޔުކްރޭނުގެ އެއްގަމު ސިފައިންގެ ވެރިޔާ އޮލެކްސެންޑަރ ސިރަސްކީ ވިދާޅުވާ ގޮތުގައި މި ސަހަރުގެ ވަށައިގެންވާ ސަރަޙައްދުތައް އޮތީ ވަރަށް ނުތަނަވަސް ޙާލަތެއްގައެވެ. ސިފައިންގެ މީޑިއާ ޓެލެގްރާމް މެދުވެރިކޮށް ބުނާގޮތުގައި "ދުޝްމަނުން ދަނީ ވެގްނަރ ފައުޖުތައް ކުރިއަށް ނެރެ އަހުރެމެންގެ ދިފާޢުތައް ފޫއަޅުވައިލުމަށް މަސައްކަތް ކުރަމުންނެވެ."
ޔުކްރޭން ރައީސް ޒިލެންސްކީ ވިދާޅުވިއެވެ "ބަޚްމޫތު ސަރަޙައްދުގެ ޙާލަތު ވަރަށް ދައްޗެވެ. ދުޝްމަނުން ދަނީ އަހުރެމެންގެ މަރްކަޒުތައް ޙިމާޔަތް ކުރުމަށް ބޭނުންކުރާ ހުރިހާ ވަސީލަތްތަކެއް ފުނޑުފުނޑުކުރަމުންނެވެ."
އަނެއްކޮޅުން ރަޝިޔާއަށް ތާއީދުކުރާ ޑޮނެސްކްގެ ބާރުތައް ބުނާގޮތުގައި ބަޚްމޫތަށް ވާޞިލުވެވެން އޮތް ހުރިހާ މަގުތަކެއް އޮތީ އަހުރެމެންގެ ބަޑީގެ ވަޒަން ފޯރާ ހިސާބުގައެވެ.
ޔުކްރޭނުން ދަނީ ފަހަތަށް ޖެހެމުން
ރޮއެޓަރޒް ބުނާގޮތުގައި ބަޚްމޫތުގެ ދެކުނު ސަރަޙައްދުގައި މެނުވީ މިހާރު ޔުކްރޭނުގެ ބާރެއް ނެތެވެ. އެހެން ސަރަޙައްދުތަކުގައި ޔުކްރޭނުގެ ބާރެއް ނެތެވެ. ރޮއެޓަރޒް ބުނާގޮތުގައި ގަޑުފެންތައް ވިރެމުންދިޔުމާއެކު ޔުކްރޭން ސިފައި ދަނީ ޚަންދަޤުތައް ކޮންނަމުންނެވެ.
ވާހަކަދައްކަން އޮތީ ތައްޔާރަކަށްނޫން
އަނެއްކޮޅުން ކްރެމްލިންގެ ރަސްމީ ތަރްޖަމާން ބިސްކޯވް ވިދާޅުވާ ގޮތުގައި ވާހަކަދައްކައިގެން މަސްއަލަ ޙައްލުކުރަން ކިޔީވުން އެދޭކަމުގެ އެއްވެސް އިޝާރަތެއް އަދިއެއް ނެތެވެ. ބިސްކޯވް ވިދާޅުވި ގޮތުގައި މޭޒުދޮށަށް ގޮސްގެން މަސްއަލަ ޙައްލު ކުރެވިދާނެއެވެ. އެހެނަސް ރަޝިޔާއިން އެ ޤައުމުގެ ޢަސްކަރީ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އިސްކަންދޭނެއެވެ.



advertisment