ހުޅަނގު އައްސޭރީގެ ނާބްލުސް ސަހަރުގެ ރަށްބޭރުގައި އޮންނަ ޙައްވާރާ ނަމަކަށް ކިޔާ ރަށުގެ ޒައިތޫނާ މައިދާނުގައި ފަލަސްޠީނުގެ ޒުވާނުންނާއި ޔަހޫދީ ވަޒަންވެރީންނާ ދެމެދުގައި ކުރިމަތިލުންތަކެއް ހިނގައިފިއެވެ.
އިސްރާއީލުގެ ޓީވީ ޗެނެލްތަކުން ދުރަށް ދެއްކި މަންޒަރުތަކުން ޒައިތޫނާ މައިދާނުގައި ކާރުގެ ފުރޮޅުތަކުގައި ރޯކުރަމުންދާތަން ފެނިފައިވެއެވެ.
އަނެއްކޮޅުން އިސްރާއީލު ބުނާގޮތުގައި އަރީޙާ ކައިރީގައި ކާރަކަށް ބަޑިޖެހުމުގެ ސަބަބުން ޒަޚަމުވި އިސްރާއީލު މީހަކު ރޭ މަރުވެއްޖެއެވެ. މި ޙަމަލާދިން މީހުން ހައްޔަރުކުރުމަށް ޓަކައި އިސްރާއީލު ސިފައިން ވަނީ މި ހިސާބު ވަރުގަދައަށް ޙިޞާރުކޮށްފައެވެ. އިސްރާއީލުގެ ޗެނެލް 12 ބުނާގޮތގައި މި ޙަމަލާދިން ފަލަސްޠީނު މީހާ ތަފާތު ތިން ހިސާބެއްގައި ތިން ކާރަކަށް ޙަމަލާދީފައި ވެއެވެ. ފަލަސްޠީނު މީހާ ދުއްވަމުން ދިޔަ ކާރު އަންދައިލައިފާ އޭނާ ވަނީ އޭނާގެ އެކުވެރިޔާއާއެކު ފިލައިފައެވެ.
އިސްރާއީލުގެ ތަޙްޤީޤުތައް ބުނާގޮތުގައި މި މީހާ ދެ ކާރަކަށް ޙަމަލާދިނެވެ. ތިންވަނަ ކާރަށް ދިން ޙަމަލާ ކާމިޔާބެއް ނުވިއެވެ.
ފަލަސްޠީނުގެ ޖިހާދީ ޖަމާޢާތްތަކުން މި ޙަމަލާއަށް ތާރީފުކޮށް ބަޔާންތައް ނެރުނެވެ. ޙަމާސް ބުނިގޮތުގައި މިއީ އިސްރާއީލުންނާއި ޔަހޫދީ ވަޒަންވެރީންގެ ޙަމަލާތަކަށް ދެވުނު ރައްދު ޙަމަލާއެކެވެ. ފަލަސްޠީނުގެ އިސްލާމީ ޖިހާދު ޙަރަކާތުން ވެސް މި ޙަމަލާއަށް މަރްޙަބާ ކިއެވެ.
ޙައްވާރާއާއި ނާބްލުސް ސަހަރުގެ ވަށައިގެން އޮންނަ ފަލަސްޠީނުގެ ރަށްތަކުގައި ޔަހޫދީ ވަޒަންވެރީން މި ދިޔަ އާދީއްތަ ދުވަހު ވަނީ ޢުދްވާނީ ޙަމަލާތަކެއް ދީފައެވެ. މި ޙަމަލާތަކުގެ ސަބަބުން ފަލަސްޠީނު މީހަކު މަރުވެ އެތައް ބަޔަކު ވަނީ ޒަޚަމުވެފައެވެ. މީގެއިތުރަށް ފަލަސްޠީނުގެ އެތައް ގެއެއް ވަނީ ތަޅައިލައިފައެވެ. އަދި އެތައް ކާރެއް ވަނީ އަންދާލައިފައެވެ. މި ޙަމަލާތައް ދިން އެއްވެސް މީހަކު އިސްރާއީލުން ހައްޔަރެއް ނުކުރެއެވެ.
އިސްރާއީލުގެ ދިފާޢީ ވަޒީރު ޔޫއާފު ގެލެންޓް ވިދާޅުވާ ގޮތުގައި ހުޅަނގު އައްސޭރިއާއި ޣައްޒާ ސަރަޙައްދަކީ މިއަދު ވަރަށް ދަތި ވަރަށް ތައުގީދު ޙާލަތެއްގައި އޮތް ސަރަޙައްދުތަކެކެވެ.
އިސްރާއީލު ބުނާގޮތުގައި ހުޅަނގު އައްސޭރި މައިތުރިކުރުމަށް ޓަކައި ސަލާމަތީ ބާރުތަކުން ހަތަރުވަނަ ފައުޖެއް ރޭ ފޮނުވައިފައެވެ.
ސަލާމަތީ ކަންތައްތައް ބޮއްސުންލައިގެން ދިޔުމާވިދިގެން ފަލަސްޠީނުގެ ޚާރިޖީވަޒީރު ރިޔާޟުލް މާލިކީ ބައިނަލްއަޤްވަމީ މުޖްތަމަޢުއަށް މަސްއޫލިއްޔަތުތައް އަދާކުރުމަށް ޓަކައި ތެދުވުމަށާއި ފަލަސްޠީނު ރައްޔިތުންނަށް ބޭނުންވާ އަމާންކަން ތަނަވަސްކޮށްދިނުމަށް ޓަކައި އަވަހަށް ފިޔަވަޅުއެޅުމަށް ވަނީ ގޮވައިލައްވައިފައެވެ.
އެމެރިކާއިން ގޮވައިލުން
ޔަހޫދީ ވަޒަންވެރީން ފަލަސްޠީނު މީހުންނަށް ޙަމަލާތައް ދިނުން ފުޅައުކުރަމުންދާތީ މި މަސްއަލަތައް ބެލުމަށާއި މިކަމާ ދެކޮޅަށް ފިޔަވަޅުއެޅުމަށް އެމެރިކާއިން މިއަދު އިސްރާއީލަށް ގޮވައިލިއެވެ.އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާނު ނެޑް ޕްރައިސް ވިދާޅުވިގޮތުގައި އެމެރިކާއިން އުންމީދު ކުރަނީ އިސްރާއީލުން ފަލަސްޠީނު މީހުންނަށް ލިބިފައިވާ ގެއްލުންތަކަށް ބަދަލުދޭނެކަމަށާއި ހަރުކަށި ޢަމަލުތައް ހުއްޓުވުމަށް ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
ޙައްވާރާގައި ހިންގައިފައިފައިވާ ޢަމަލުތައް އދގެ އަމީން ޢާންމު ގުޓަރެޝް ވެސް މިއަދު ކުށްވެރިކުރެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "މަދަނީންނާ ދެކޮޅަށް ހިންގޭ ބަދަލުހިފުމުގެ ޢަމަލުތައް ބަލައެއް ނުގަނެވޭނެއެވެ."
މި އަހަރު ފެށުނު ފަހުން އިސްރާއީލުގެ ވަޒަންތަކުގެ ސަބަބުން ފަލަސްޠީނުގެ 66 މީހަކު މަރުވެފައިވެއެވެ. މީގެތެރެއިން 11 މީހަކު މަރުވީ މި ދިޔަ ބުދަދުވަހު އިސްރާއީލު ސިފައިން ނާބްލުސްއަށް އަރައި ހިންގި ޤަތުލުޢާންމުގައެވެ.
އިސްރާއީލުން ބުނާގޮތުގައި ފަލަސްޠީނު މީހުންގެ ރައްދު ޙަމަލާތަކުގެ ސަބަބުން އިސްރާއީލުގެ 14 މީހަކު މިއަހަރު މަރުވެފައިވެއެވެ.



advertisment