މިޞްރާއި ތުރްކީގެ ގުޅުންތައް ރަނގަޅުވަމުން އަންނައައުމުގެ ސަބަބުން މިޞްރުގެ ރައީސް ސީސީއާއި ތުރްކީގެ ރައީސް އުރްދުޣާން ވަރަށް ކައިރި މުސްތަޤްބަލެއްގައި ބައްދަލުކުރައްވައިފާނެ ކަމަށް ނިމުތުކުރެއްވޭ ކަމަށް މިޞްރުގެ ޚާރިޖީ ވަޒީރު ސާމިޙު ޝުކްރީ ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ދެ ޤައުމުގެ ގުޅުންތައް ރަނގަޅުވަމުން އަންނަނީ އެ ދެ ޤައުމުގެ މަޞްލަޙަތާއި ހަމަޖެހުމާއި ފާގަތިކަމަށް މަގުކޮށަމުންނެވެ.
މިޞްރުގެ ޚާރިޖީ ވަޒީރު މި ގޮތަށް ވާހަކަފުޅު ދެއްކެވީ ތުރްކީގެ އަޟްނާ ސްޓޭޓްގައި ތުރްކީގެ ޚާރިޖީ ވަޒީރު އުޣުލޫއާއެކު ބޭއްވެވި ނޫސް ބައްދަލުވުމެއްގައެވެ. ވަޒީރު ޝުކްރީ ތުރްކީއަށް ވަޑައިގަތީ ތުރްކީއަށާއި ސޫރިޔާއާއަށް އައި ބާރުގަދަ ޒިލްޒާލުތަކުގައި ޙާލުގައި ޖެހިފައިވާ މީހުންނަށް މިޞްރުން ދޭން ފަށައިފައިވާ އެހީގެ ޕްރޮގްރާމު "އެކަތިގަނޑަކަށް ވުމުގެ މެސެޖް"ގެ ދަށުން އެ ދެ ޤައުމަށް ކުރައްވާ ދަތުރުފުޅެއްގެ ތެރޭގައެވެ.
މިޞްރުގެ ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅަކީ މިޞްރުގެ ޚާރިޖީ ވަޒީރަކު 2013ގެ ފަހުން ތުރްކީއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ރައީސް މުޙައްމަދު މުރްސީ ވެރިކަމުން ވައްޓައިލުމާ ވިދިގެން ތުރްކީ މިޞްރު ގުޅުންތައް ވަނީ ނުބައިވެފައެވެ.
ސަމިޓެއް ދެ ޤައުމުން ދެކޭ ގޮތަށް
އުރްގުޣާނާ ސީސީގެ ސަމިޓެއް ބޭއްވިދާނެތޯ ސުވާލުކުރުމުން ޝުކްރީ ވިދާޅުވިއެވެ. "އެއްވެސް ޝައްކެއްނެތެވެ. މުނާސަބު ވަގުތުގައި ދެ ރައީސުން ބައްދަލު ކުރައްވާނެއެވެ."

މިޞްރުގެ ވަޒީރު ސާމިޙު ޝުކްރީ ވިދާޅުވިއެވެ. "އަހުރެމެންގެ އެކުވެރި އުޚްތު ތުރްކީއާއެކު ތިބޭނޫއެވެ. ދެ ޤައުމުގެ ގުޅުންތައް އަންނަނީ ރަނގަޅުވަމުންނެވެ." އޭނާ ވިދާޅުވި ގޮތުގައި ތުރްކީއާ ކުރިމަތިވި ބޮޑު ކާރިސާއިން އަރައިގަތުމުގެ ބާރާއި ޢަޒްމު ތުރްކީއަށް ލިބިގެންވެއެވެ.
މިޞްރުގެ ވަޒީރު ވިދާޅުވިގޮތުގައި މިޞްރުން ތުރްކީއަށް މިދޭ އެހީން އެ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމުގެ ބަދަހިކަން އެނގެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ތުރްކީއަށާއި ސޫރިޔާއަށް ފޮނުވުނު އެހީގެ ޤާފިލާތައް ސުވޭސް ކެނެލް ހުރަސްކޮށް ދިޔުމުގައި ޤާހިރާއިން ލުއިފަސޭހަތައް ވަނީ ދީފައެވެ.
މިޞްރުން މި ދިޔަ ބުރާސްފަތި ދުވަހު އެހީ ހިފައިގެން ތުރްކީއަށް ދެ މަތިންދާބޯޓު ދިޔައެވެ. މި ދެ ބޯޓުގެ ދަތުރާ ގުޅިގެން މިޞްރުގެ ކަނޑުގެ ސިފައިން މަނަވަރެއްގައި 650 ޓަނުގެ އިންސާނީ އެހީ ތުރްކީގެ މަރްސީން ބަނދަރަށް ގެންދިޔައެވެ. ފެބްރުވަރީ 8 ގައި މިޞްރުން ޢަސްކަރީ ފަސް މަތިންދާބޯޓުގައި ތުރްކީއަށް އިންސާނީ އެހީތައް ފޮނުވިއެވެ. އޭގެތެރޭގައި ފޭލިގެއާއި ގޮދަނޑިއާއި ކާބޯތަކެއްޗާއި ބޭސް ހިމެނެއެވެ.



advertisment