Support Us

ޢަޤަބާ ސަމިޓްގައި ބަހުސްކުރެވޭނީ ފަލަސްޠީނުގެ ޖިހާދު ނައްތައިލުމާ ބެހޭގޮތުން

އުރްދުންގެ ޢަޤަބާގައި މިއަދު ބޭއްވޭ ސަމިޓްގައި ފަލަސްޠީނު ސަރުކާރު ބައިވެރިވުމަކީ "ޚިޔާނަތެއް" ކަމަށް ފަލަސްޠީނުގެ ޖިހާދީ ތަފާތު ޖަމާޢަތްތަކުން ސިފަކޮށްފިއެވެ. މި ބައްދަލުވުމުގައި ބައިވެރި ވާނީ އެމެރިކާއާއި މިޞްރާއި އުރްދުނާއި އިސްރާއީލާއި ފަލަސްޠީނުގެ ވެރިކަމުގެ އިދާރިއްޔަތެވެ. އިސްރާއީލުގެ މީޑިއާތައް ބުނާގޮތުގައި މި ބައްދަލުވުމުގައި ބަހުސްކުރެވޭނީ ހުޅަނގު އައްސޭރީގައި ޙަރަކާތްތެރިވާ ފަލަސްޠީނުގެ ޖިހާދީ ޖަމާޢަތްތައް ނައްތައިލުމަށް ޓަކައި ޙަރަކާތްތެރިވުމާ ބެހޭގޮތުންނެވެ.

ފަލަސްޠީނުގެ ވެރިކަމުގެ އިދާރިއްޔަތު ޖަޒީރާއަށް ރޭ ކަށަވަރުކޮށްދިން ގޮތުގައި މި އިދާރިއްޔަތުން މި ބައްދަލުވުމުގައި ބައިވެރިވާނެއެވެ. ފަލަސްޠީނުގެ ޖިހާދީ ޖަމާޢަތްތަކުން ވަނީ ފަލަސްޠީނު ސަރުކާރުގެ މި ނިންމުން ކުށްވެރިކޮށް އެއީ "ފަލަސްޠީނުގެ ރައްޔިތުންގެ ޤުރްބާނީތަކަށް ހެރި ޚަންޖަރެއް" ކަމަށް ބުނެފައެވެ.

އެމެރިކާގެ މަސްއޫލުވެރިއަކު ވިދާޅުވިގޮތުގައި މި ބައްދަލުކުރުމުގެ އަމާޒަކީ އިސްރާއީލުން ހުޅަނގު އައްސޭރީގައި ބިނާކުރަމުންދާ ޔަހޫދީ އާބާދިތައް ހުއްޓައިލުމަށާއި ފަލަސްޠީނުގެ މީހުންގެ ގެދޮރު ތެޅުން ހަ މަސްދުވަހުގެ މުއްދަތަށް ހުއްޓައިލުމާ ބެހޭ ތަފާހުމުތަކަކަށް އެއްބަސްވުމެވެ. މި މުއްދަތުގެ ތެރޭގައި އެއަށްވުރެ ތަނަވަސް ފަށަތްޔަކަށް ދިޔުމަށް ތައްޔާރުވާނެއެވެ. މި ބައްދަލުވުމުގައި ޢަރަބި އެހެން ފަރާތްތައް ބައިވެރިކުރުމާ ބެހޭގޮތުން އިސްރާއީލުން ވަނީ ނޫނެކޭ ބުނެފައެވެ.

މި މަސްއޫލުވެރިޔާ ވިދާޅުވިގޮތުގައި ރަމަޟާންމަހާއި މާރިޗުމަހުގެ ތެރޭގައި އަންނަ ޔަހޫދީ ޢީދުތަކުގެ ތެރޭގައި މަސްރަޙު އިތުރަށް ފަޅައިގެން ދިޔަނުދިނުމަށް ޓަކައި އުރްދުނާއި މިޞްރާއި އެމެރިކާއިން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެއެވެ.

އުރްދުނުން ބުނާގޮތުގައި އެ ޤައުމުގެ ޢަސްކަރީ ހެލިކޮޕްޓަރެއްގައި މި ބައްދަލުވުމުގައި ބައިވެރިވާ ފަލަސްޠީނު ސަރުކާރުގެ ވަފްދުގައި ހިމެނިވަޑައިގަންނަވާ ފަލަސްޠީނުގެ ފަތަޙަ ޖަމާޢަތުގެ ތަންފީޒީ މަޖިލީހުގެ ޕްރައިވެޓް ސެކްރަޓަރީ ޙުސައިނުއް ޝައިޚާއި ފަލަސްޠީނު ސަރުކާރުގެ ޖާސޫސީ އިދާރާގެ ޑިރެކްޓަރު މާޖިދު ފަރަޖާއި ފަލަސްޠީނުގެ ރިޔާސީ އޮފީހުގެ ރަސްމީ ތަރްޖަމާނު ނަބީލް އަބޫ ރުދައިނާ އާއި ފަލަސްޠީނުގެ ރައީސުގެ ޑިޕްލޮމަސީ މުޝީރު މަޖްދުލް ޚާލިދީ ރާމަﷲއިން ވަނީ އުރްދުނަށް ގެންގޮސްފައެވެ.

އުރްދުނުގެ ރަސްމީ މަޞްދަރެއް ފަރަންސޭސި ނޫސް އޭޖެންސީއަށް ހާމަކުރި ގޮތުގައި "ސިޔާސީ ސަލާމަތީ" ބައްދަލުވުމެއް މިއަދު ބޭއްވޭނެއެވެ. އުރްދުންގެ އައްސޭރި ރަށެއް ކަމުގައިވާ ޢަޤަބާގައި ބޭއްވޭ މި ބައްދަލުވުމުގައި ފަލަސްޠީނާއި އިސްރާއީލުގެ މަންދޫބުން ބައިވެރިވެ ފަލަސްޠީނުގެ ބިންތައް "ފިނިކުރުމާ ބެހޭގޮތުން" ބަހުސްކުރާނެއެވެ. މި ބައްދަލުވުމުގައި އެމެރިކާއާއި މިޞްރާއި އުރްދުން ބައިވެރިވާނެއެވެ.

މި މަޞްދަރު ބުނާގޮތުގައި މިއީ ފަލަސްޠީނާ އިސްރާއީލު ވަރަށް ގިނަ ދުވަސްތަކަކަށްފަހު ބައިނަލްއަޤްވާމީ ބައިވެރިވުމަކާއެކު ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.

ޖިހާދީ ޖަމާޢަތްތައް ކުށްވެރިކުރުން

މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ސަލާމަތީ ބައްދަލުވުމުގައި ފަލަސްޠީނު ސަރުކާރު ބައިވެރިވާތީ ފަލަސްޠީނުގެ ޖިހާދީ ޖަމާޢަތްތަކުން ރޭ އެކަން ކުށްވެރިކުރިއެވެ. މި ޖަމާޢަތްތަކުން ރޭ ނެރުނު ބަޔާން ބުނާގޮތުގައި މި ބައްދަލުވުމުގައި ފަލަސްޠީނު ސަރުކާރު ބައިވެރިވުމުކީ "ފަލަސްޠީނު ރައްޔިތުންގެ ޤުރްބާނީތަކަށް ހެރި ޚަންޖަރެކެވެ. އަދި މިއީ ޝަހީދުންގެ ލެއަށް ވާ ޚިޔާނަތެކެވެ." މި ޖަމާޢަތްތައް ބުނާގޮތުގައި މިއީ ފަލަސްޠީނު ރައްޔިތުންނަށާއި އެމީހުންގެ ޤަޟިއްޔާއާ ދެކޮޅަށް ރޭވޭ އައު މުއާމަރާއެކެވެ. އަދި މިއީ ޖިހާދީ މަސައްކަތްތައް މުލުން ލުހެލާން ކުރާ މަސައްކަތެކެވެ. މި ބަޔާންކުރާގޮތުގައި މިއީ ފަލަސްޠީނުގެ ޤައުމީ މަޖިލީހުގެ އެއްބަސްވުންތަކާއި އިޖްމާޢާ ޚިލާފުކަމެކެވެ.

ޙަމާސުން ބުނިގޮތުގައި ޢަޤާބާގެ ބައްދަލުވުމުގައި ފަލަސްޠީނު ސަރުކާރު ބައިވެރިވުމަކީ އެ ޖަމާޢަތުން ދެކޮޅު ހަދާ ކަމެކެވެ. ޙަމާސުން ބުންޏެވެ. "މިއީ އަހުރެމެންގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ދެމުންގެންދާ ތަފާތު ޢުދްވާނީ ޙަމަލާތަކުގައި މަތިޖެހުމަށް ޓަކައި ކުރާ ކަމެކެވެ." ޙަމާސުން ބުނިގޮތުގައި އެމެރިކާއާއި އިސްރާއީލުގެ ވަޢުދުތަކަކީ "ފެން ވަޢުދުތަކެކެވެ. އެއީ ނާކާމިޔާބު ވަޢުދުތަކެކެވެ."

ފަލަސްޠީނުގެ ޕީޕަލްސް ޕާޓީއާއި ޕީޕަލްސް ފްރޮންޓުން ނެރުނު ގުޅިފައިވާ ބަޔާނުގައި އުރްދުންގެ މި ބައްދަލުވުމުގައި ބައިވެރިނުވުމަށް ފަލަސްޠީނު ސަރުކާރަށް ގޮވައިލައިފައި ވެއެވެ. އަދި މި ބައްދަލުވުން ކެންސަލް ކުރުމަށް ވެސް އަންގައިފައި ވެއެވެ.

ޖަނީނުގެ ޖިހާދީ ޖަމާޢަތުގެ ބަޔާން ބުނާގޮތުގައި އުރްދުން ބައްދަލުވުމުގެ ސަބަބުން މަގުފަހިވެގެންދާނީ ފަލަސްޠީނު މީހުންނާއި ޢާއިލާތަކުގެ ޙައްޤުގައި އިތުރު ޖަރީމާތައް ހިންގުމަށެވެ.

މި ދިޔަ ބުދަދުވަހު އިސްރާއީލު ސިފައިން ނާބްލުސްއަށް އަރައި ހިންގި ޖަރީމާތަކުގައި ފަލަސްޠީނުގެ 11 މީހަކު ވަނީ މަރައިލައިފައެވެ. އެތައް ސަތޭކަ ބަޔަކު ވަނީ ޒަޚަމުކޮށްލައިފައެވެ.

ނީރުންވެފައިވަ މަޢުލޫމާތުތައް

ޢަޤަބާ ސަމިޓާބެހޭގޮތުން އިސްރާއީލުގެ މީޑިއާތައް ނީރުންކުރަމުންދާ ޚަބަރުތައް ބުނާގުތުގައި ޢަޤަބާ ސަމިޓްގައި ބަހުސް ކުރެވޭނީ ހުޅަނގު އައްސޭރީގައި ފެތުރެމުންދާ ނުތަނަވަސްކަން ކުޑަކުރުމާ ބެހޭގޮތުން އެމެރިކާއިން ދެކޭ ޚުޔާލުތަކަކާ ބެހޭގޮތުންނެވެ.

އެމެރިކާގެ ރޭވުންތައް ބުނާގޮތުގައި އިސްރާއީލާ ދެކޮޅަށް ފަލަސްޠީނުން އދ އަށް ދާ ދިޔުން ހުއްޓުވުމަށް އެމެރިކާއިން މަސައްކަތް ކުރާނެއެވެ.

އިސްރާއީލުގެ ނޫސްތައް ބުނާގޮތުގައި މި ބައްދަލުވުމުގައި ޤައުމީ ސަލާމަތާ ބެހޭ ޔަހޫދީ މަޖިލީހުގެ ރައީސް ތްސާޙީ ހެންގްބީ މި ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

އިސްރާއީލުގެ ރަސްމީ ޗެނެލްތައް ބުނާގޮތުގައި ޢަޤަބާ ސަމިޓަކީ އެމެރިކާއާއި މިޞްރާއި އުރްދުނުގެ އިސްނެގުމެއްގެ މަތިން ބޭއްވޭ ބައްދަލުވުމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *