ޔުކްރޭނުގެ މަސްއަލައިގައި ރަޝިޔާއާއި ޔުކްރޭނާ ދެމެދުގައި ޞުލްޙަ ޤާއިމުކުރުމާ ބެހޭގޮތުން ޗައިނާ ސަރުކާރުން 12 މާއްދާއެއް ހިމެނޭ ހުށައެޅުމެއް މިއަދު ހުށައަޅައިފިއެވެ.
މިއަދަކީ ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް ފެށި ޢަސްކަރީ ޚާއްޞަ މަސައްކަތްތަކަށް އެއް އަހަރު ފުރުނު ދުވަހެވެ. ޗައިނާގެ މި ހުށައެޅުމުގައި ނިޔުކްލިއަރ ހަތިޔާރު ބޭނުންކުރުމާ ދުރަށް ދިޔުމަށް ގޮވައިލައިފާ ވެއެވެ.
ފަރަންސޭސި ނޫސް އޭޖެންސީ ބުނާގޮތުގައި ޗައިނާގެ ޚާރިޖިއްޔާގެ އިންޓަރނެޓް ޞަފްޙާގައި ފަތުރައިފައިވެއެވެ. ޗައިނާގެ މި ހުށައެޅުމުގައި މޮސްކޯއާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް ވަގުތުން އުވައިލުމަށް ގޮވައިލައިފައި ވެއެވެ. އަދި ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ މީހުން ބޭރަށް ނެރުމަށް ޓަކައި އިންސާނިއްޔަތުކަމުގެ ހުރިހާ މަގުތަކެއް ހުޅުވައިލުމަށް ވެސް ގޮވައިލައިފައި ވެއެވެ. ޔުކްރޭން ހަނގުރާމަޔާ ބެހޭގޮތުން ޗައިނާގެ މި ހުށައެޅުން ބުނާގޮތުގައި އެ ޤައުމަކީ މި ހަނގުރާމައިގައި ވަކި ފަރާތަކަށް ނުޖެހޭ ޤައުމެކެވެ. މި ހުށައެޅުން ތުހްމަތުކުރާ ގޮތުގައި ހުޅަނގުން ދަނީ މި އަރާރުން އިތުރަށް "ކައްކުވަމުން"ނެވެ.
ވާހަކަދެއްކުމަށް ޗައިނާއިން ގޮވައިލާ
ޗައިނާއިން މި ހުށައެޅި ލިޔުމުގެ ނަމަކީ "ޔުކްރޭން މަސްއަލައަށް ސިޔާސީ ޙައްލެއް ގެނައުމަށް ޓަކައި ޗައިނާގެ ސިޔާސަތު" އެވެ. ރަޝިޔާއާއި ޔުކްރޭނާ ދެމެދުގައި ސީދާ ވާހަކަދެއްކުންތައް ވީހާ އަވަހަކަށް ފެށުމަށް ޓަކައި ރަޝިޔާއާށާއި ޔުކްރޭނަށް ވާގިވެރިވުމަށް ޗައިނާއިން މި ހުށައެޅުމުގައި ގޮވައިލައިފައި ވެއެވެ.
މި ހުށައެޅުމުގައި ބޭޖިންގް ބުނާގޮތުގައި ނިޔުކްލިއަރ ހަތިޔާރުގެ ބިރުދެއްކުމަކީ ޗައިނާ ބަލައިގަންނާނެ ކަމެއް ނޫނެވެ. އެއްވެސް ޙާލެއްގައި ނިޔުކްލިއަރ ހަނގުރާމައެއް ހިނގައިގެން ނުވާނެއެވެ.
ޗައިނާގެ ހުށައެޅުމުގައި މަދަނީންނަށާއި މަދަނީ ތަންތަނަށް ޙަމަލާދިނުމާ ދުރުހެލިވުމަށް ވެސް ގޮވައިލައިފާ ވެއެވެ. ޗައިނާއިން ބުންޏެވެ. "ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނަށް ހުރިހާ ފަރާތްތަކަކުން ވެސް ކަށަވެތިވާން ޖެހޭނެއެވެ."
އދ ން ރަޝިޔާއަށް ފިއްތުމެއް
އަނެއްކޮޅުން ބަލާއިރު އދގެ ޢާންމު ޖަމްޢިއްޔާގެ ވަރަށް ބޮޑު އަޣްލަބިއްޔަތަކުން ރަޝިޔާ އެކަހެރިކުރުމަށް ގޮވައިލާ ޤަރާރެއް ރޭ ފާސްކޮށްފިއެވެ. މި ޤަރާރުގައި ޔުކްރޭން ހަނގުރާމަ ހުއްޓައިލުމަށާއި ރަޝިޔާގެ ބާރުތައް ޔުކްރޭނުގެ ބިންތަކުން އަވަހަށް ބޭލުމަށް ރަޝިޔާއަށް ގޮވައިލައިފާ ވެއެވެ. އދގައި ޤަރާރުގައި "ޢަދްލުވެރި ދާއިމީ ޝާމިލު ޞުލްޙައެއް" ޔުކްރޭނުގައި ޤާއިމުކުރުމަށް ގޮވައިލައިފައި ވެއެވެ.
އދގެ ޢާންމު ޖަމްޢިއްޔާއިން ރޭ މި ޤަރާރު ފާސްކުރީ 141 ވޯޓުގެ ބޮޑު އަޣްލަބިއްޔަތަކުންނެވެ. 32 ޤައުމަކުން މި ޤަރާރަށް ވޯޓުދިނުމާ ދެކޮޅުހެދިއެވެ. މި ޤަރާރާ ދެކޮޅު ހަދައިފައިވަނީ ރަޝިޔާއާއެކު ހަ ޤައުމަކުންނެވެ. ވޯޓު ދިނުމުން އެކަހެރިވި ޤައުމުތަކުގެ ތެރޭގައި އިންޑިޔާއާއި ދެކުނު އެފްރިކ ފަދަ މުހިއްމު ޤައުމުތަކެއް ހިމެނެއެވެ.
އދގެ ޢާންމު ޖަމްޢިއްޔާގެ ޤަރާރުތަކަކީ އެއަށް ޢަމަލުކުރުން ލާޒިމުވާ ޤަރާރުތަކެއްނޫނެވެ. އެހެނަސް އެއީ ދުނިޔޭގެ ޢާންމު ރައުޔު ބުނެދޭ މިންގަނޑެކެވެ. މިއީ ޔުކްރޭނުގެ މަސްއަލައާ ބެހޭގޮތުން އދގެ ޢާންމު ޖަމްޢިއްޔާގައި ބޭއްވުނު 11ވަނަ ޖަލްސާއެވެ.



advertisment