އިސްތިރާތީޖީ ހަތިޔާރު ކޮންޓްރޯލް ކުރުމާ ބެހޭ ގޮތުން އެމެރިކާއާއި ރަޝިޔާއާ ދެމެދުގައި ސޮއިކޮށްފައިވާ "ސްޓާރޓް" މުޢާހަދާއަށް ޢަމަލުކުރުން މޮސްކޯއިން ހުއްޓައިލުމަށް މޮސްކޯއިން ކަނޑައަޅައިފިކަން ރޫސީ ރައީސް ވްލެޑިމީރު ޕޫޓިން މިއަދު ވަނީ އިޢުލާން ކުރައްވައިފައެވެ. އޭނާ މި ކަން އިޢުލާން ކުރެއްވި ރޫސީ އިއްތިޙާދުގެ ފެޑަރަލް މަޖިލީހަށް މިއަދު ދެއްވި އަހަރީ ޚިޠާބުގައެވެ.
ޕޫޓިން ތުހްމަތު ކުރެއްވި ގޮތުގައި ހުޅަނގުން ޔުކްރޭން ބޭނުންކުރަމުންދަނީ ރަޝިޔާ "ނައްތައިލުމަށް"ޓަކައެވެ. ޕޫޓިން ވިދާޅުވިއެވެ. "ރަޝިޔާ މިއަދު ވަނީ ދެމިއޮތުމުގެ މަސްއަލައިގައި ނުރައްކަލަކާ ކުރިމަތިލާން ޖެހިފައެވެ. ހަނގުރާމައިގެ މައިދާނުގައި ރަޝިޔާ ބަލިކުރުމަކީ މުސްތަޙީލު ކަމެކެވެ. މި އަރާރުން ޢާލަމީ ކުރިމަތިލުމަކަށް ބަދަލުކޮށްލުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އެކަށީގެންވާ ވަސީލަތްތަކުން އެކަށީގެންވާ ގޮތަށް އަޅުގަނޑުމެން ފިޔަވަޅުތައް އަޅަމުންދާނަމެވެ."
ރަޝިޔާގެ ސިޔާސީ ޢިއްޒަތްތެރީންނާއި ބޮޑުންނާއި ޢަސްކަރީ އިސްވާރުންގެ ކުރިފުޅުމަތީގައި ރައީސް ޕޫޓިން ވިދާޅުވިއެވެ. "އަޅުގަނޑު ވާހަކަދައްކަމުން މި ދަނީ ރަޝިޔާއަށް ވަރަށް ދަތި އަދި ވަރަށް މުހިއްމު ވަގުތެއްގައެވެ. މުޅި ދުނިޔެ އަސާސީ ބަދަލުތަކެއް ދެކެމުންދާ މަރްޙަލާއެއްގައެވެ."
ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް ފަށައިފައިވާ ޢަސްކަރީ ޚާއްޞަ މަސައްކަތްތަކަށް އަހަރެއް ފުރިގެންދާ ދުވަސްތަކުގައި ރައީސް ޕޫޓިން ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "ހަނގުރާމައަށް ހުޅަނގުން އޮއްސަމުންދާ ފައިސާގެ ހައްދެއް ނެތެވެ. ހުޅަނގުން ވަނީ މާރިދު ނާށިގަނޑުތެރެއިން ބޭރަށް ނެރެފައެވެ. ހުޅަނގުގެ ބޮޑުން އެބޭފުޅުންގެ އަމާޒުފަތްގަނޑު ވަންހަނާއެއް ނުކުރައްވައެވެ. އެއީ ރަޝިޔާ އިސްތިރާތީޖީކޮށް ބަލިކޮށްލުމެވެ. މާނައަކީ އަޅުގަނޑުމެން އަބަދުގެއަބަދަށް ނައްތައިލުމެވެ."
ހަނގުރާމަ ފެށީ ހުޅަނގުން
ހަނގުރާމަ އިސްވެ ފެށީ ހުޅަނގުން ކަމަށް ޕޫޓިން ވިދާޅުވިއެވެ. އެމެރިކާގެ ޒަޢާމަތުގެ ދަށުގައި މަސައްކަތް ކުރަމުންދަނީ ބައިނަލްއަޤްވާމީ ކަންތައްތަކުގައި "އެބައިމީހުންނަށް ޙައްދެއް ނެތް ބާރެއް ހޯދުމަށެވެ. ރަޝިޔާއިން މަސައްކަތް ކުރަމުން މި ދަނީ އެ ބާރު ހުއްޓުވުމަށެވެ." ޕޫޓިން ވިދާޅުވިގޮތުގައި ހުޅަނގުގެ ޒަޢީމުންގެ ބަސްފުޅުތަކާއި ވަޢުދުފުޅުތަކަކީ ޔުކްރޭން ތައްޔާރުކުރެއްވުމަށް ބޭނުންފުޅުވާ ވަގުތު ހޯއްދެވުމަށް ޓަކައި ދައްކަވަމުން ގެންދެވި ހުސް ވާހަކަތަކެކެވެ. ރަޝިޔާއިން އޭރުވެސް މަސައްކަތް ކުރަމުން އައީ "އެންމެންނަށް ހަމަހަމަ ޢަދްލުވެރި ސަލާމަތީ ޖާމިނުވުންތަކެއް ތަނަވަސްކޮށްދޭށެވެ. އެކަމަށް ޓަކައި ރަޝިޔާއިން އޮތީ ހުޅުވިގެންނެވެ. ވާހަކަދެއްކުމަށް ތައްޔާރުވެގެންނެވެ."
"ދުނިޔެ ދުވަހަކުވެސް ނުދެކޭ ފަދަ ދަތިކުރުމުގެ އިޤްތިޞާދީ ފިޔަވަޅުތައް ރަޝިޔާއާ ދެކޮޅަށް އަޅައިގެން ހުޅަނގުން މަސައްކަތްކުރަނީ ރޫސީ އިޤްތިޞާދު ފުޑައިލާށެވެ." މޮސްކޯ މި ކަމަށް ގޮންޖަހާ ކަމަށް ޕޫޓިން ވިދާޅުވިއެވެ. މި ކަމުގެ ސަބަބުން ހުޅަނގަށް އެތައް ޓްރިލިއަން ޑޮލަރެއް ގެއްލެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް ޕޫޓިން ވަރަށް ބާރުލައްވައިފައި ވިދާޅުވި ގޮތުގައި ރަޝިޔާގެ އިޤްތިޞާދީ އޮހުމަށް ހުއްޓުމެއް ނުގެނެވޭނެއެވެ.

ތަފާސްހިސާބުން އަޅައިބެލުން
ރައީސް ޕޫޓިން ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި ޑޮންބާސަށް ފަހު ދެން ޙަމަލާދޭނީ ކްރެމިޔާއަށެވެ. އަޅުގަނޑުމެން މި ދިފާޢު ކުރަނީ އަޅުގަނޑުމެންގެ ވަޠަނެވެ. ޔުކްރޭން ހަތިޔާރުވެރިކުރުވުމަށް ޓަކައި ހުޅަނގުން ވަނީ 150 ބިލިއަން ޑޮލަރު ނަގައިލައިފައެވެ. އެމީހުން ދުނިޔޭގެ ފަޤީރު ޤައުމުތަކަށް 2020ގައި ދީފައިވަނީ އެންމެ 60 ބިލިއަން ޑޮލަރެވެ. މި ދެ ޢަދަދާމެދު ވިސްނާލާށެވެ."
ޕޫޓިން ވިދާޅުވިއެވެ. "ހުޅަނގު ކުޅެމުންދަނީ ތަފާތު ގަނޑުތަކަކުންނެވެ. އެމީހުން އާދަވެފައިވަނީ ދުނިޔޭގެ މޫނަށް ކުޅުޖެހުމަށެވެ."
ޕޫޓިން ވިދާޅުވިއެވެ. "އަޅުގަނޑުމެން ޔުކްރޭން ރައްޔިތުންނާ ދެކޮޅަށް ހަނގުރާމައެއް ނުކުރަމެވެ. މި ނިކަމެތި ރައްޔިތުން މިވަނީ އިޤްތިޞާދީގޮތުންނާއި ޢަސްކަރީގޮތުންނާއި ސިޔާސީގޮތުން ހުޅަނގުގެ އަޅަކަށް ވެފައެވެ." ޕޫޓިން ތުހްމަތު ކުރެއްވި ގޮތުގައި ހުޅަނގުން ޔުކްރޭން ހަދައިފައި މިވަނީ "ހަނގުރާމައިގެ މައިދާނަކަށެވެ. "
ރައީސް ޕޫޓިން ކަށަވަރުކޮށްދެއްވި ގޮތުގައި ހުޅަނގުން ޔުކްރޭނަށް ދެމުންގެންދާ ހަތިޔާރުތަކުގެ ރާސްތާ ދުރުވިވަރަކަށް ރަޝިޔާއިން ދުޝްމަނުން އެމީހުންގެ ބިމާ ދުރަށްލާނެއެވެ.
ރަޝިޔާއާ ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ބައިނަލްއަޤްވާމީ ފިޔަވަޅުތަކަށް އިޝާރަތް ކުރައްވާ ޕޫޓިން ވިދާޅުވިއެވެ. "އެއިން ހުޅަނގަށް އެއްވެސް ކަމެއް ޙާޞިލުވެފައެއް ނުވެއެވެ. އަދި ނުވެސްވާނެއެވެ." އޭނާ ވިދާޅުވި ގޮތުގައި އެމީހުން ހީކުރިވަރަށްވުރެ ރަޝިޔާގެ އިޤްތިޞާދު މާ ރަނގަޅެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ރައްޔިތުން ޙިމާޔަތް ކުރުމަށާއި އިޤްތިޞާދު ހަމަޖެހުމުގެ މަތީގައި ބޭއްވުމަށެވެ." އޭނާ ވިދާޅުވިގޮތުގައި ހުޅަނގުން ރޫސީ މުޖްތަމަޢު ގަނޑުބަޑުކުރުމަށް ކުރަމުންދާ މަސައްކަތްތައް ވަނީ ފޭލްވެފައެވެ.

ސްޓާރޓް މުޢާހަދާއަށް ޢަމަލުކުރުން ހުއްޓައިލުން
ރޫސީ ރައީސް މިއަދުގެ މުހިއްމު ޚިޠާބު ކުރިއަށް ގެންދަވަމުން ވިދާޅުވިގޮތުގައި ރަޝިޔާއާއި އެމެރިކާއާ ދެމެދުގައި ސޮއިކުރެވިފައިވާ ސްޓާރޓް މުޢާހަދާއަށް ޢަމަލުކުރުން ރަޝިޔާއިން މިއަދު ހުއްޓައިލައިފިއެވެ. މިއީ އެ ދެ ޤައުމުގެ އަތުގައި ހުންނަން ޖެހޭ ނިޔުކްލިއަރ ކޮށާރު ކޮންޓްރޯލް ކުރާ މުޢާހަދާއެވެ. ރޫސީ ރައީސް ވިދާޅުވިގޮތުގައި މޮސްކޯއިން މި ފިޔަވަޅު އެޅީ "މަޖްބޫރުވެގެންނެވެ."
މި މުޢާހަދާގައި އެމެރިކާއާއި ރަޝިޔާއިން ސޮއިކޮށްފައި ވަނީ 2010ގައެވެ. މި މުޢާހަދާގައި ސޮއިކުރައްވައިފައި ވަނީ ރައީސް ބަރަކް އޮބާމާއާއި ރައީސް ޑިމިޓްރީ މެޑްވެޑޭވެވެ.މި މުޢާހަދާ ބުނާގޮތުން ކޮންމެ ޤައމެއްގެ ހަތިޔާރު ކޮށާރުގައި ވެސް ހުންނަން ޖެހޭނީ 1550 ނިޔުކްލިއަރ ބޮލާއި ބޮންއަޅާ އިސްތިރާތީޖީ 700 ބޯޓެވެ. މި މުޢާހަދާގެ މުއްދަތަކީ 10 އަހަރެވެ.
އެމެރިކާގެ ސަފީރާ ޚާރިޖިއްޔާއަށް ގެންދިޔުން
ރައީސް ޕޫޓިންގެ ޚިޠާބު ނިމުނުތާ ކަޑައިރުކޮޅެއްގެ ތެރޭގައި ރަޝިޔާގައި ހުންނަވާ އެމެރިކާ ސަފީރާ ލެން ޓްރާސީ ރަޝިޔާގެ ޚާރިޖިއްޔާއަށް ގެންގޮސް އެމެރިކާގެ "އުދްވާނީ ރާސްތާ" އާ ބެހޭގޮތުން ވޮޝިންގްޓަން ކުށްވެރިކޮށް ބަޔާނެއް ޙަވާލުކުރިއެވެ. މި ބަޔާނުގައި "ޔުކްރޭނުގެ އަރާރުމުގެ ތެރެއަށް ވޮޝިންގްޓަން ޣަރަޤުވަމުންދާދިޔުން ދުވަހެއް ދުވަހަކަށް ފުންވަމުންދާކަމަށް" ބުނެފައިވެއެވެ.
ޕޫޓިންގެ ޚިޠާބު ބަލައެއް ނުގަނެވޭނެ
ރައީސް ޕޫޓިން ޚިޠާބަކީ ބަލައިގަނެވޭނެ ވާހަކަތަކެއް ނޫންކަމަށް އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސޮލިވާން ވަގުތުން ވިދާޅުވިއެވެ. އޭނާ ވިދާޅުވިއެވެ. "އެއްވެސް މީހަކު ރަޝިޔާއަށް ޙަމަލާއެއް ނުދެއެވެ. ޔުކްރޭނިޔާއިން ނުވަތަ އެހެންވެސް ފަރާތަކުން ރަޝިޔާއަށް ޙަމަލާދޭ ވާހަކައަކީ ތާކުންތާކު ޖެހޭ ވާހަކައެއް ނޫނެވެ."



advertisment