Support Us

ކުރިން އިޢުލާން ކުރުމެއްނެތި ރައީސް ބައިޑްން ޔުކްރޭނަށް

އެމެރިކާގެ ރައީސް ޖޯ ބައިޑްން ކުރިން އިޢުލާނު ނުކުރައްވާ ޔުކްރޭނުގެ ވެރިރަށް ކިޔޭވަށް މިއަދު ވަޑައިގެންފިއެވެ. މިއީ ޔުކްރޭން ހަނގުރާމަ ފެށި ފަހުން އެމެރިކާގެ ރައީސް ޔުކްރޭނަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި ރައީސް ޒިލެންސްކީއާއެކު ރައީސް ބައިޑްން ސޭން މިޚާއީލްގެ މައިދާނުގައި ކިޔޭވުން ހަދައިފައިވާ ހަނގުރާމައިގެ ހަނދާނީ ފާރަށް ޒިޔާރަތް ކުރެއްވިއެވެ. އެމެރިކާގެ އެކްސިޔޫސް ވެބް ސައިޓް ބުނާގޮތުގައި ރައީސް ބައިޑްން ޔުކްރޭނުގެ ކެބިނެޓްގެ މުހިއްމު ބައެއް ވަޒީރުންނާ ވެސް ބައްދަލު ކުރެއްވިއެވެ.

ރައީސް ބައިޑްން ކިޔޭވްގައި އުޅުއްވަނިކޮށް އިންޒާރުގެ ކަށިގަނޑު ކިޔޭވްގައި އެޅިގެން ދިޔައެވެ. އެހެނަސް ރަޝިޔާގެ ޙަމަލާއެއް ދިންކަމާ ބެހޭގޮތުން އެއްވެސް ޚަބަރެއް ފެތުރިފައެއް ނުވެއެވެ. ބައެއް ރިޕޯޓަރުން ބުނާގޮތުގައި މިއީ ކިޔީވުން އެ ސަހަރުގެ ނާމާންކަން ރައީސް ބައިޑްނަށް ދައްކާލުމަށް ޓަކައި އެމީހުން އަމިއްލައަށް އެޅި ކަށިގަނޑެކެވެ.

ބައިޑްން ރައީސް ޒިލެންސްކީއާ ބައްދަލުކުރައްވަމުން ވިދާޅުވި ގޮތުގައި ޔުކްރޭނަށް އެހީގެ އައު ޕާރުސަލެއް ފޮނުވޭނެއެވެ. މިއީ 500 މިލިއަން ޑޮލަރުގެ ޢަސްކަރީ އައު އެހީތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. މި ކަން އޭނާ ޕޯލެންޑްގައި އިޢުލާން ކުރައްވާނެކަމަށް ވެސް ބައިޑްން ވިދާޅުވިއެވެ. އަދި ރަޝިޔާގެ ހަނގުރާމައިގެ އާލަތަށް އެހީވާ ކުންފުނިތަކާއި މަހްޖަނުންނާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އެޅުމާބެހޭގޮތުން ވެސް މާދަމާ އިޢުލާނެއް ކުރައްވާނެކަމަށް ރައީސް ބައިޑްން ވިދާޅުވިއެވެ.

ރައީސް ބައިޑްން ވިދާޅުވި ގޮތުގައި އެމެރިކާއާއި އެމެރިކާގެ ބައިވެރިން ޔުކްރޭނަށް ވަރަށް މުހިއްމު ހަތިޔާރުތަކެއް ދޭނެއެވެ. އޭގެތެރޭގައި އާޓިލަރީ އުޅަނދުތަކާއި އިދިކޮޅު ހަތިޔާރާއި ބޮޑުބަޑީގެ އުންޑަތަކާއި ރާޑަރު ނިޒާމުތައް ހިމެނޭނެކަމަށް ރައީސް ބައިޑްން ވިދާޅުވިއެވެ.

ރައީސް ބައިޑްން ވިދާޅުވިއެވެ. "ޔުކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށްޓެވިއިރު ޕޫޓިން ހީފުޅު ކުރެއްވީ ޔުކްރޭނަކީ ބަލިކަށި ޤައުމެއް ކަމަށެވެ. އަދި ހުޅަނގު އޮތީ ބައިބައިވެފައިކަމަށެވެ.އޭނާއަށް ހަނގުރާމައިގައި ކުރިއަށް ވަޑައިގެންނެވޭނެ ކަމަށެވެ. އެހެނަސް އޭނާއަށް މި އުޅުއްވެވެނީ ބޮޑު އޮޅުމެއްގެ ތެރޭގައެވެ. އެވެ. ޔުކްރޭން ދިފާޢު ކުރުމަށް އަހުރެމެން ވަނީ އެޓްލާންޓިކް ކަނޑުން ފެށިގެން ޕެސިފިކް ކަނޑާ ހަމައަށް ވަރުގަދަ އެއްބައިވަންތަކަމެއް ޤާއިމުކޮށްފައެވެ. އެއީ ޢަސްކަރީގޮތުންނާއި އިޤްތިޞާދީ ގޮތުން ޔުކްރޭނަށް އެހީވުމަށްޓަކައެވެ. ވާގިވެރިވުމަށް ޓަކައެވެ."

ރައީސް ބައިޑްންގެ ދަތުރުފުޅާ ބެހޭގޮތުން ކޮމެންޓް ކުރައްވަމުން ޒިލެންސްކީ ވިދާޅުވިއެވެ. "މިއީ ރައީސް ބައިޑްން ޔުކްރޭނުގެ އެންމެހާ ރައްޔިތުންނަށް ވާގިވެރިވެ ވަޑައިގަންނަވާނެކަމުގެ ވަރުގަދަ އިޝާރަތެކެވެ."

އޭނާ ވިދާޅުވިއެވެ. "އެމެރިކާގެ ރައީސްގެ ހަރުދަނާ ސިޔާސަތާއި ދެއްވަމުންގެންދަވާ އެހީފުޅުތަކުގެ މަތިން އަހުރެމެން ހަނދާނެއް ނުނައްތާނަމެވެ. ދީމުޤްރާޠީ ދުނިޔެއަށް ނަޞްރު ހޯދާދިނުމަށް އަހުރެންމެންނަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަމެވެ." އޭނާ ވިދާޅުވިގޮތުގައި 2023ވަނަ އަހަރު ކާމިޔާބުގެއަހަރަށް ވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *