އަށް ގައުމެއްގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރުން އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް އަރުވައިފިއެވެ. މިރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އެރުވި އަށް ޤައުމުގެ ސަފީރުންނަކީ، މޮންގޯލިއާގެ ސަފީރު ގަންބޯލްޑް ޑަމްބަވް އާއި ފްރާންސްގެ ސަފީރު ޖޯން-ފްރަންސުއާ ޕަކްތެތް އާއި ރަޝިޔަން ފެޑެރޭޝަނުގެ ސަފީރު ލިވަން އެސް ޖަގަރްޔަން އާއި ސާރބިއާ ސަފީރު ސިނިސާ ޕަވިޗް އާއި ހެލެނިކް ރިޕަބްލިކްގެ ސަފީރު ދިމިޓްރިއޮސް އިޔޮއަންނޫ އާއި ރިޕަބްލިކް އޮފް ސްލޮވޭނިއާގެ ސަފީރު މަތާޔާ ވޮޑެބްއ ގޯޝް އާއި ރިޕަބްލިކް އޮފް ނެމީބިއާގެ ސަފީރު ގެބްރިއެލް ޕީ. ސިނިމްބޯ އަދި ކެނެޑާގެ ސަފީރު އެރިކް ވޯލްޝް އެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި އެ ޤައުމުތަކުގެ ގުޅުން އިތުރަށް ބަދަހިކޮށް ދެމެހެއްޓުމުގައި ސަފީރުން އަދާކުރައްވާ މުހިންމު ދައުރު ފާހަގަކުރެއްވިއެވެ. އަދި ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި މި ސަރުކާރުން ރައްޔިތުންގެ ތަރައްޤީގެ އުންމީދުތައް ހަޤީޤަތަކަށް ހަދައިދެވިފައިވާ ކަމަށާއި، އެކަން ޙާޞިލްކުރުމުގައި، ބައިނަލްއަޤުވާމީ އެހީތެރިކަމާއި އެއްބާރުލުން ހޯދުމުގައި، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާކޮށްފައި ވަނީ، އިންސާނީ ޙައްޤުތައް ކުރިއަރުވައި، ޙިމާޔަތްކުރުމާއި، ޑިމޮކްރަސީ ހަރުދަނާކުރުމާއި، އަދި މޫސުމާގުޅޭ ސިޔާސަތުތައް ކުރިއެރުވުން، މިތިން އަސާސްގެ މައްޗަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އިޤުތިޞާދަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ގެންނަމުންދާ ބަދަލުތަކުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދަތުރުފަތުރުކުރުމުގައި ލުއިފަސޭވުމަކީ، ޘަޤާފީ ގުޅުންތަކާއި، އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް ހިއްވަރު ލިބި، ޞުލްޙަމަސަލަސްކަމާއި، ތަނަވަސްކަމާއި، ކުރިއެރުވުމަށް ވާޞިލްވެވޭނެ ފާލަމެއްކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއިން އެހެން ޤައުމުތަކަށް އޮން އެރައިވަލް ވިސާ ދެމުން އަންނަ ކަމަށާއި އެޤައުމުތަކުންވެސް ދިވެހިންނަށް ދަތުރުފަތުރުކުރުމުގައި ލުއިގޮތްތައް ހަމަޖައްސައިދެއްވާނެ ކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅު ނިންމަވާލެއްވީ، ރާއްޖެއާއި އެ ޤައުމުތަކުގެ މެދުގައި އޮތް ގުޅުން، އާ ސަފީރުންގެ ދައުރުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވަމުންނެވެ.



advertisment