Support Us

ސަލާމަތާ ބެހޭ މިޔުނިޚް މަހާސިންތާގެ އަމާޒު ހާމަކޮށްފި

ޖަރްމަނުގެ ދެކުނު ސަރަޙައްދެއް ކަމުގައިވާ ބާވާރިޔާގައި އަމްނާބެހޭ މިޔުނިޚު މަހާސިންތާ ހޮނިހިރު ވިލޭރޭ ފެށިގެން ކުރިއަށް އެބަދެއެވެ. މި މަހާސިންތާގައި އެންމެ ބާރަށް ވާހަކަދެކެވެމުންދަނީ ޔުކްރޭން ހަނގުރާމައާއި މި ހަނގުރާމައިގެ ސަބަބުން އިޤްތިޞާދަށް ކުރަމުންދާ ހަވާސަރުތަކާ ބެހޭގޮތުންނެވެ. 

އެމެރިކާ މަތިން ދަތުރުކުރަނިކޮށް ވައްޓައިލި ޗައިނާގެ ބެލޫނީގެ މަސްއަލައިގައި އެމެރިކާ- ޗައިނާ ގުޅުންތައް ނުތަނަވަސްވެފައިވާތީ މިޔުނިޚް ބައްދަލުވުމުގެ ހަވާސާ މަތީގައި އެމެރިކާ- ޗައިނާ ބައްދަލުވުމެއް ބޭއްވިދާނެ ކަމަށް ލަފާކުރެވެއެވެ.

ތިން ދުވަހުގެ މުއްދަތަށް ދެމިގެންދާ މަތީ ފެންވަރުގެ މި ބައްދަލުވުމުގައި 96 ޤައުމެއް ބައިވެރި ވެއެވެ. އޭގެތެރޭގައި ވަރަށް ގިނަ ޤައުމުތަކުގެ ރައީސުންނާއި ސަރުކާރުތަކުގެ ވެރީން ހިމެނިވަޑައިގަންނަވައެވެ.

މި މަހާސިންތާގެ އިފްތިތާޙީ ޖަލްސާގައި ޔުކްރޭނުގެ ރައީސް ޒިލެންސްކީ ވީޑިއޯ ޗެނެލް މެދުވެރިކޮށް ދާދިވަރުކޮށް މި ބައްދަލުވުމާ މުޚާޠަބު ކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ. މި ބައްދަލުވުމަށް ރަޝިޔާއަކަށް ދަޢުވަތެއް ނުދެއެވެ. ރަޝިޔާގެ ޚާރިޖީ ވަޒީރަކީ މި ބައްދަލުވުންތަކުގައި އާދަކޮށް ބައިވެރިވެ ވަޑައިގަންނަވަމުން ވަޑައިގެންފައިވާ ބޭފުޅެކެވެ. 

މި ބައްދަލުވުމުގައި ބަޙުސްކުރުމަށް ހަމަޖެހިފައިވަނީ ޔުކްރޭން ހަނގުރާމަޔާއި މި ހަނގުރާމައިގެ ސަބަބުން ކާބޯތަކެތީގެ އަގަށާއި ތެލުގެ އަގަށް ކުރަމުންދާ ނުބައި އަސަރާ ބެހޭގޮތުންނެވެ.

އެމެރިކާގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވަނީ ރައީސްގެ ނައިބު ކަމަލާ ހެރިސެވެ. ޗައިނާ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވަނީ ޚާރިޖީ ވަޒީރު ވާންގް ޔީ އެވެ. ނޭޓޯގެ ފަރާތުން އެ ޖަމްޢިއްޔާގެ އަމީން ޢާންމު ޔެންސް ސްޓޮލްޓެންބަރގެވެ. 

ރޮއެޓަރޒް ބުނާގޮތުގައި ޔުކްރޭން ހަނގުރާމައާ ހެދި ވަރަށް ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ. އޭގެތެރޭގައި ޔޫރަޕްގެ ޢަސްކަރީ ބާރުތައް ވަރުގަދަކުރަންވީ ކިހާމިންވަރަކަށްތޯއާއި ޔޫރަޕްގެ ސަލާމަތީ ކަންތައްތަކުގައި އެމެރިކާއަށް ބަރޯސާވާންވީ ކިހާވަރަކަށްތޯއާއި  ދިފާޢަށް ޓަކައި ޔޫރަޕްގެ ޤައުމުތަކުން ހޭދަކުރަންވީ ކިހާވަރަކަށްތޯ ފަދަ ސުވާލުތައް ހިމެނެއެވެ. 

މިޔުނިޚް މަހާސިންތާގައި ޖަރްމަނުގެ މުސްތަޝާރު އޮލާފް ޝުލްޒާއި ފަރަންސޭސި ރައީސް އިމަނުވޭލް މެކަރޯން ޔުކްރޭން ހަނގުރާމައާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމަށް ޓަކައި މުދާޚަލާ ކުރައްވައިފައި ވެއެވެ. ޝުލްޒް ވިދާޅުވި ގޮތުގައި ޖަރްމަނުން މިހާރު ވާނީ ޔުކްރޭނަށް އެންމެ ޒަމާނީ ހަތިޔާރުތައް ދީފައެވެ. އޭނާ ވިދާޅުވިގޮތުގައި ޔުކްރޭނަށް އެހީވުމުގައި ރަޝިޔާއާ ދެކޮޅަށް ހަނގުރާމައެއް ހިގިޔަ ނުދިނުމަށް ޓަކައި ބަރލިނުން ޢަމަލުކުރަމުންދަނީ ތަވާޒުނުވާ ގޮތަށެވެ. ޝުލްޒު ވިދާޅުވިގޮތުގައި ދުވަހަކުވެސް އެއްގަލަކަށް ނާރާ މިންވަރަށް ޔޫރަޕް މިއަދު އެއްގަލަކަށް އަރައިފައިވާކަން ރޫސީ ރައީސް ޕޫޓިނަށް އެނގިވަޑައިގަންނަވަން ޖެހޭނެއެވެ. 

ފަރަންސޭސި ރައީސް މެކަރޯން ވިދާޅުވިގޮތުގައި ރަޝިޔާއާއެކު ޞުލްޙައާ ބެހޭގޮތުން ވާހަކަދައްކާއިރު ބާރުގަދަކަމާއެކު އިދިކޮޅު ޙަމަލާތައް ދެވޭވަރަށް ޔުކްރޭނަށް ހަތިޔާރު ދޭންޖެހޭނެއެވެ. އޭނާ ވިދާޅުވިގޮތުގައި ހުޅަނގުގެ ބައިވެރީން ތިބީ ޔުކްރޭން ހަނގުރާމަ ދިގު މުއްދަތަކަށް ކުރިއަށް ގެންދާން ތައްޔާރުވެގެންނެވެ. 

ޔުކްރޭނުގެ ރައީސް ޒިލެންސްކީ ވިދާޅުވިގޮތުގައި ޔުކްރޭނަކީ ރަޝިޔާގެ އެންމެ ފަހު ލަނޑުދަނޑިއެއް ނޫނެވެ. ކުރީގެ ސޮވިއެޓް ޔުނިއަންގެ ދަށުގައި އޮތް އެހެނިހެން ޤައުމުތަކަށް ވެސް ރައީސް ޕޫޓިން ޙަމަލާދެއްވާނެކަމަށް ޒިލެންސްކީ ވިދާޅުވިއެވެ.

ޒިލެންސްކީ ވިދާޅުވިގޮތުގައި އޭނާގެ ޤައުމަށް ބޭނުންވާ ހަތިޔާރު ދިނުމުގައި އެއްވެސް ހިފެހެއްޓުމެއް ޤައިދެއް އޮވެގެން ނުވާނެއެވެ. ޔުކްރޭން ޔޫރަޕްގެ އިއްތިޙާދުގެ މެންބަރަކަށް ހެދުމުގެ ވަގުތު ޖެހިއްޖެ ކަމަށާއި ނޭޓޯއަށް ޔުކްރޭން ވައްދަންޖެހިފައިވާ ކަމަށް ޒިލެންސްކީ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *