އިސްރާއީލުގެ ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫގެ ބައެއް އަރިސް ބޭފުޅުން ހާމަކުރައްވާގޮތުގައި އޭނާގެ ޤަޟާއީ ވަޒީރު ޔާރީފް ލެވިން އޭނާ ވައްޓައިލެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާތީ ނަތަންޔާހޫ ވަރަށް ކަންބޮޑުވެވަޑައިގަންނަވައެވެ.
ނަތަންޔާހޫ އިސްރާއީލުގެ ޤަޟާއީ ނިޒާމަށް ބަދަލުތަކެއް ގެންނަވަން މަސައްކަތް ކުރައްވާތީ އިސްރާއީލުގައި އޭނާއާ ދެކޮޅަށް މުޒާހަރާތައް ދަނީ ބޭއްވެމުންނެވެ. ނަތަންޔާހޫ މަސައްކަތް ކުރައްވަނީ ސުޕްރީމު ކޯޓަށް ވުރެ ބަރްލަމާނުގެ ބާރުގަދަ ކުރެއްވުމަށެވެ. ސުޕްރީމު ކޯޓުގެ ނިންމުންތައް ބާޠިލުކުރުމުގެ ބާރު ބަރްލަމާނަށް ދެއްވުމަށެވެ. ނަތަންޔާހޫ މަސައްކަތް ކުރައްވަނީ އިދިކޮޅު ޕާޓީތަކާއެކު މި މަސްއަލައިގައި މަޝްވަރާކުރައްވައިގެން މަސްއަލަ ޙައްލު ކުރައްވޭތޯއެވެ.
އިސްރާއީލުގެ ދީނީ ޕާޓީތަކުގެ އެހީއާއި ވެރިކަން ކުރާ ލީކޯޑް ޕާޓީގެ ބައެއް މެންބަރުންގެ ތާއީދާއެކު ނަތަންޔާހޫ ވެރިކަމުންނާއި ޕާޓީގެ ޒަޢާމަތުން ވަކިކޮށް އެ މަޤާމަށް އޭނާ އިސްވެވަޑައިގަތުމަށް މަސައްކަތް ކުރައްވަމުންދާކަން ފާހަގަކުރެވެއެވެ.
އިސްރާއީލު ސަރުކާރުގެ ޤާނޫނީ މުޝީރާ ޣާލީ ބަހްރާބު ވިދާޅުވާ ގޮތުގައި ސަރުކާރުން ޖުޑީޝަރީއާއި ޤަޟާއީ ނިޒާމު ހަލާކުކޮށްލަން މަސައްކަތްކުރާނަމަ ސަރުކާރު ހިންގެވުމަށް ނަތަންޔާހޫ ނުކުޅެދިވެ ވަޑައިގެންފައިވާކަން އޭނާ އިޢުލާނުކުރައްވާނެއެވެ.
ލެވިނަކީ ބޮޑުވަޒީރުގެ ނައިބުކަމުގައި ވާތީ މި ޙާލަތުގައި ބޮޑުވަޒިރުކަން ލިބިވަޑައިގަންނަވާނީ އޭނާއަށެވެ. އޭރުން އޭނާއަށް ލީކޯޑް ޕާޓީގެ ޒަޢާމަތު ތިން މަސް ދުވަހުގެ މުއްދަތަށް ލިބިވަޑައިގަންނަވާނެއެވެ. މި ކަމުގެ ސަބަބުން އޭނާގެ ބާރު ޕާޓީތެރޭގައި ވަރުގަދަވެގެންދާނެއެވެ.
އިސްރާއީލުގެ ސިފައިންގެ ކުރީގެ ބައެއް އިސްވާރުންނާއި ސަލާމަތީ އިދާރިއްޔަތުގެ ބައެއް އިސްބޭފުޅުން ވެސް ނަތަންޔާހޫ ޤަޟާއީ ނިޒާމަށް ގެންނަވަން އުޅުއްވާ "އިންޤިލާބާ" ދެކޮޅު ހައްދަވައެވެ. މި ބޭފުޅުން ތުހްމަތު ކުރައްވާ ގޮތުގައި މި ކަން ވާނީ އިސްރާއީލުގެ ސަލާމަތީ އިސްތިރާތީޖީ މަޞްލަޙަތުގެ ބޮލުގައި ޖެހޭ ވަރަށް ބޮޑު ތަފާލެކެވެ.
އިސްރާއީލުގެ ސަލާމަތީ ދާއިރާތަކުގެ ކުރީގެ މަސްއޫލުވެރީންގެ ތެރެއިން 400 ޖެނެރަލަކު އިސްރާއީލުގެ ރައީސަށް ވަނީ ބަރްލަމާނުން މި ފާސްކުރާ ބިލް ތަޞްދީޤު ނުކުރެއްވުމަށް ދަންނަވާ ސިޓީއެއް ފޮނުވައިފައެވެ. މި ބޭފުޅުން މި ސިޓީގައި ވިދާޅުވެފައިވާގޮތުގައި ޖުޑީޝަރީއާއި ޤަޟާއީ ނިޒާމު އިޞްލާޙުކުރާ ޤާނޫނުގެ ސަބަބުން އިސްރާއީލުގެ ވަޠަނީ ދަފަރާ (އިމިޔުނިޓީ) ގެ ކަރާމަތް ނެތިގެންދާނެއެވެ. މި ކަން ވާނީ ޤަޟާއީ ނިޒާމަށް ގެނެވޭ "ނުބައި" އިންޤިލާބަކަށެވެ. އަދި މިކަމުގެ މުޞީބާތް ކުރިމަގުގެ ޖީލުތަކަށް ކުރާނެއެވެ.



advertisment