Support Us

"މޯލްޑިވްސް ލީޑަރޝިޕް ޕްރޮގްރާމް" އިފްތިތާޙްކޮށްދެއްވައިފި

"މޯލްޑިވްސް ލީޑަރޝިޕް ޕްރޮގްރާމް" ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމް މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ.

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގެ ޖުމައިރާގައި މިހާރު ކުރިއަށްދާ ވޯލްޑް ގަވަރމަންޓް ސަމިޓް 2023 ގައި އިފްތިތާޙްކޮށްދެއްވި "މޯލްޑިވްސް ލީޑާޝިޕް ޕްރޮގްރާމް" އަކީ ޔޫއޭއީގެ ގަވަމެންޓް އެކްސްޕީރިއަންސް އެކްސްޗޭންޖް ޕްރޮގްރާމް (ޖީއީއީޕީ) ގެ ދަށުން ފެށި ފުރަތަމަ ތަމްރީނު ޕްރޮގްރާމެވެ. މި ތަމްރީނު ޕްރޮގްރާމް ހިންގާނީ ރާއްޖެއާއި ޔޫ.އޭ.އީ އާ ދެމެދު ސޮއިކުރައްވާފައިވާ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) ގެ ދަށުން ރާއްޖޭގެ ސަރުކާރު މުވައްޒަފުންނަށެވެ. މި ޕްރޮގްރާމަކީ އުނގެނުމާއި އިނޮވޭޝަންގެ މުހިންމު ކަންކަމުގެ މައްޗަށް ފަރުމާކޮށް، ސަރުކާރު މުވައްޒަފުން ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ދިނުމުގައި ސަރުކާރުން ދެމެހެއްޓެނިވި ކުރިއެރުމާއި ކާމިޔާބީ ހޯދުމަށް ހަދާފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ޓެކްނޮލޮޖީއާއި އިނޮވޭޝަން، ސަރުކާރުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ހިމެނުމުން، ސަރުކާރުން ދެމުންދާ ޚިދުމަތްތަކުގެ އެފިޝަންސީއާއި، ދެފުށް ފެންނަ އަދި ޒިންމާދާރުކަން އިތުރުވެގެންދާނެ ކަމަށެވެ. އަދި ޓެކްނޮލޮޖީގެ ކުރިއެރުންތަކަށްވުރެ ކުރީގައި ދެމިތިބުމަށްޓަކައި އުނގެނުމާއި އިނޮވޭޝަނަށް މެދުނުކެނޑި އިންވެސްޓްކުރުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

"އެގްޒެކެޓިވް އެންހޭންސްމަންޓް އެންޑް އެންރިޗްމަންޓް ޕްރޮގްރާމް (އީއީއީޕީ)" 2021 ވަނަ އަހަރު އިފްތިތާޙުކުރިކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ ސަރުކާރުގެ މުވައްޒަފުންނަށް އުނގެނުމާއި ތަރައްޤީގެ ފުރުޞަތުތައް އިތުރުކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އީއީއީޕީއަކީ ސިވިލް ސަރވިސްގެ މެނޭޖްމަންޓް މަޤާމުތަކުގައި ސިޔާސީ އަދި އެގްޒެކެޓިވް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޓްރެއިނިންގ ޔުނިޓާއި ދިވެހިރާއްޖޭގެ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ގުޅިގެން ކުރިއަށްގެންދާ ދެ އަހަރު ދުވަހުގެ ޙަރަކާތެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ޔޫއޭއީ ސަރުކާރުން މި ޕްރޮގްރާމް ކުރިއަށް ގެންދެވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އެއަށްފަހު އެމަނިކުފާނު އިތުރަށް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ކެޕޭސިޓީ ބިލްޑިންގ އިން ލީޑަރޝިޕް ޑިވެލޮޕްމަންޓް އިނިޝިއޭޓިވްގެ ދަށުން ކުރިއަށްގެންދާ "މޯލްޑިވްސް ލީޑަރޝިޕް ޕްރޮގްރާމް"ގެ ދަށުން، ޔޫ.އޭ.އީ ސަރުކާރުގެ އެންމެ ރަނގަޅު ޕްރެކްޓިސްތަކާއި ތަޖުރިބާތައް ބައިވެރިންނަށް ވޯކްޝޮޕްތަކާއި، އޮންލައިން ލެކްޗަރ ސެޝަންތަކާއި، ޔޫ.އޭ.އީ ސަރުކާރުގެ ޖަމްޢިއްޔާތަކަށް ފީލްޑް ވިޒިޓްތައް މެދުވެރިކޮށް ލިބިގެންދާނެ ކަމަށެވެ.

ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) އާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ޕޮލިސީ ޑިޒައިނާއި ތަންފީޒްކުރުމާ ދެމެދު އޮތް ފަރަގު ނައްތާލުމާއި، ޕްރޮއެކްޓިވް ވޯކް ކަލްޗާއެއް ބިނާކުރުމާއި، ޑިޖިޓަލައިޒޭޝަން މެދުވެރިކޮށް ރައްޔިތުމީހާއަށް އަމާޒުކޮށްގެން އާންމު ޚިދުމަތަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ލާމަރުކަޒީ ހިންގުމުގައި އެއްބާރުލުން ދޭ ލީޑާޝިޕް ކުރިއެރުވުމާއި، ހަރުދަނާކޮށް ހިންގުމަށް ސޯޝަލް މީޑިއާ ހަރުދަނާ އުސޫލްތަކެއްގެ މަތިން ބޭނުންކުރުމުގައި އެހީތެރިވެދިނުމާއި، އިޖާދީގޮތުންނާއި ޤާބިލުކަމާއެކު ހިންގުމަށް ބޭނުންވާ ޑިޖިޓަލް މައިންޑް ސެޓްތައް ތަރައްޤީކުރުން އަދި ސަރުކާރުތެރޭގައި އެކި މުވައްސަސާތަކުގެ މެދުގައި ގުޅުން އިތުރުކުރުމުގެ ބޭނުމުގައި ހިންގާ ޕްރޮގްރާމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *