ޔުކްރޭނުގެ ރައީސް ޒިލެންސްކީ އިނގިރޭސިވިލާތަށް ވަރަށް ކުއްލި ގޮތަކަށް ކުރެއްވި ޒިޔާރަތުގައި ލަންޑަނުން ކިޔޭވަށް ޢަސްކަރީ ހަތިޔާރުތަކާއި ޢަސްކަރީ ތަމްރީނުތައް ދޭނެކަމުގެ ފޮނި ވަޢުދުތަކެއް ވަނީ ވެފައެވެ. ލަންޑަނުން މި ދޭ އެހީގެ ތެރޭގައި ޔުކްރޭނުގެ ޕައިލެޓުން ހުޅަނގުގެ ހަނގުރާމަމަތީ މަތިނދާބޯޓުތައް ދުއްވުމަށް ތަމްރީނުދިނުން ހިމެނެއެވެ. އެހެންކަމުން އިނގިރޭސިވިލާތް ވާނީ ނޭޓޯގެ މެންބަރުންގެ ތެރެއިން ރަތް ރޮނގު ހުރަސްކުރާ ފުރަތަމަ ޤައުމަށެވެ. ޢަމަލީ ތަމްރީނުގެ ކުރިން ޔުކްރޭނުގެ ޕައިލެޓުންނަށް ފުރަތަމަ ދެވޭނީ އެއާ އެއްފަދަ ހަތިޔާރުތައް ބޭނުންކުރާނެ ގޮތުގެ ތަމްރީނުތަކެކެވެ.
މިތާނގައި އުފެދޭ ސުވާލަކީ މިއީ އިނގިރޭސިވލާތުން އެކަނިމާއެކަނި އޮވެ ކުރާ ކަމެއް ބާވައެވެ؟ އެއީ އެމެރިކާގެ ރުހުން ލިބިގެން ކުރާ ކަމެއް ނޫންބާވައެވެ؟ މިއީ އެމެރިކާއާ އެކު ވިލަރެސްކޮށްގެން ދައުރު ބަދަލުކުރާ އުޞޫލުން ކުރާ ކަމެއް ނޫންބާވައެވެ؟
ޔުކްރޭނަށް ޗެލެންޖަރު ޓޭންކް ދިނުމުގައި އިސްނެގީ އިނގިރޭސި ވިލާތެވެ. ލަންޑަނުގެ މި ފިޔަވަޅާ ވިދިގެން ޖަރްމަނުންނާއި ޔުކްރޭނަށް ލެޕަރޑް ޓޭންކާއި އެމެރިކާއިން އަބްރާމު ޓޭންކް ދޭނެކަން އިޢުލާނު ކުރިއެވެ. ޓޭންކަކީ ވެސް ރަތް ރޮނގެއް ނޫންހެއްޔެވެ؟
ދާރިސުންނާއި މުޙައްލިލުން ވިދާޅުވާ ގޮތުގައި ދައުރު ބަދަލުކުރުމުގެ މަސްއަލައަކީ ވެސް އެތައްއެތައް ހިރާސްތަކެއް ހިމެނޭ ކަމެކެވެ. މިހާރު ހަނގުރާމަ ހިނގަމުންދާ މަސްރަޙަށް ބަލާއިރު ހަނގުރާމަ ހިނގަމުން މި ދަނީ "ރަޝިޔާގެ ބިންތަކެއް"ގައެވެ. ރޫސީ ރައީސް ޕޫޓިންގެ ރިޔާސީ ޤަރާރަކުން ވަނީ މި ސަރަޙައްދުތައް ރޫސީ އިއްތިޙާދަށް ވައްދަވައިފައެވެ. ރޫސީވިލާތުގެ ރައްޔިތުން ޤަބޫލުކުރާ ގޮތުގައި މި ހަނގުރާމައަކީ އެމެރިކާގެ އިސްވާރުކަމުގައި ނޭޓޯއިން ރަޝިޔާއާ ދެކޮޅަށް ކުރާ ހަނގުރާމައެކެވެ. މި ހަނގުރާމައިގެ ބޭނުމަކީ ރަޝިޔާ ގުރުޑުކޮށް ފޮތިފޮތިކޮށް ކުދިކުދިކޮށްލުމެވެ.
ސްޓާރލިންގްރާޑް (މިހާރުގެ ނަމުންނަމަ ވޮލްގޯގްރާޑް) ހަނގުރާމައަށް 80 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް ޕޫޓިން ދެއްވި ޚިޠާބުގައި މިކަން ވަނީ ސާފުކޮށް ވިދާޅުވެފައެވެ. މިހާރު ހިނގަމުންދާ ހަނގުރާމައަކީ އައު ނާޒީންނާ ދެކޮޅަށް ކުރާ ހަނގުރާމައެއް ކަމަށް ރައީސް ޕޫޓިން ވިދާޅުވިއެވެ. މީގެ 80 އަހަރުކުރިން ސޮވިއެޓް ރަތް ލަޝްކަރާއެކު ނާޒީންނާ ދެކޮޅަށް ހަނގުރާމަ ކުރި އެއްބަޔަކީ ޔުކްރޭނުންނެވެ. ނާޒީންގެ ޙަމަލާތަކުގެ ސަބަބުން ޔުކްރޭން ކުދިކުދިވެގެން ދިޔައެވެ. މިއަދު ޔުކްރޭން ފުޑުފުޑުވަމުން މި ދަނީ ރޫސީ ލަޝްކަރުގެ އަތުންނެވެ.
ހުޅަނގުގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް
ޔުކްރޭނުން ބޮޑުބަޑިއަށް އެދުމުން ހުޅަނގުން މި ހަތިޔާރުދިނެވެ. ހުޅަނގުން ހައިމާރސް އަށް އެދުމުން ހުޅަނގުން މި ހަތިޔާރުވެސް ދިނެވެ. އެހެނަސް ހުޅަނގުން ދިނީ 80 ކީލޯމީޓަރު ދުރަށް ފޮނުވާ ލެވޭ އުންޑައިގެ އެއްޗެއްސެވެ. ރަޝިޔާއިން މި ބާވަތުގެ ހައިމާރސަށް އަހްލުވެރިވުމުން ޖީއެލްއެސްއެމްބީ ބޮން 250 ކީލޯމީޓަރު ދުރަށް ފޮނުވައިލަދޭ ހައިމާރސް ނިޒާމު ދިނެވެ.
ޔުކްރޭނުން ހަނގުރާމަމަތީ ބަރު ޓޭންކަށާއި އާޓިލަރީ އުޅަނދަށް އެދުމުން ހުޅަނގުން މި ހަތިޔާރުވެސް ދިނެވެ. މީގެ އިތުރަށް ވައިގެ ދިފާޢީ ނިޒާމުތައް ކަމުގައި ވާ އެމެރިކާގެ ޕެޓްރިއެޓް އާއި ނޯވޭ ގެ ނާސާމު ނިޒާމާއި ޖަރްމަނުގެ އާޔިރަސް ނިޒާމު ވެސް ޔުކްރޭނަށް ދިނެވެ.
ޔުކްރޭނަށް މަދުވަނީ ކޮންއެއްޗެއް
އެއްވެސް ޝައްކެއް ނެތްގޮތުގައި ޔުކްރޭނަށް މަދުވަނީ ޖައްވީ ހަތިޔާރެވެ. އެހެނަސް ހުޅަނގުގެ ތަޖްރިބާކާރުން ވިދާޅުވާ ގޮތުގައި ހަނގުރާމަމަތީ ޖައްވީ ހަތިޔާރުން މި ހަނގުރާމައިގައި ފައިދާއެއް ނުކުރާނެއެވެ. އެތައް ސަބަބުތަކަކާ ހެދިއެވެ.
އެބޭފުޅުން ވިދާޅުވާ ގޮތުގައި ޖައްވީ ހަތިޔާރަށްވުރެ މިނެޓަކު 80 ކީލޯމީޓަރާއި 150 ކީލޯމީޓާރު ބާރުމިނުގައި ދަތުރުކުރާ މިސައިލުގެ ފައިދާ މާ ބޮޑުވެފައި ޚަރަދު ކުޑަވާނެއެވެ.
އެފް-16 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓަށް ބޭނުންވާ އެމެރިކާގެ ޕައިލެޓަކަށް ވެސް މި ބޯޓު ބޭނުންކުރުމަށް ޓަކައި ހަ ހަފުތާގެ ތަމްރީނު ބޭނުންވާނެއެވެ.
އަނެއްކޮޅުން ރަޝިޔާއަށް ބަލާއިރު ރަޝިޔާގެ ވައިގެ ބާރުގައި 1500 ހަނގުރާމަމަތީ މަތިންދާބޯޓު އެބަ އޮތެވެ.އެހެންކަމުން ރަޝިޔާގެ ބާރާ ތަވާޒުނުވެވޭ ވަރުގެ ބާރެއް ޔުކްރޭނަކަށް ނުދެވޭނެއެވެ.
ރަޝިޔާއިން ޔުކްރޭނަށް ވައިގެ ޙަމަލާތައް ދެނީ ރަޝިޔާ ތެރެއިންލައިފައެވެ. ރަޝިޔާގެ ބޯޓުތަކަށް ޙަމަލާދިނުމަށް ޓަކައި ހުޅަނގުގެ ބޯޓުތަކަށް ރަޝިޔާތެރެއަށް ވަންނަން ޖެހޭނެއެވެ. މިއީ އެމެރިކާ ދެކޭގޮތުގައި ރަތް ރޮނގެކެވެ.މީގެ އިތުރަށް ރަޝިޔާގެ އަތުގައި ހުރި ވައިގެ ދިފާޢީ ނިޒާމުތަކަކީ (އެސް– 300 އާއި އެސް 400 މިސައލް ނިޒާމަކީ) އެމެރިކާގެ ނުވަތަ ހުޅަނގުގެ މަތިންދާބޯޓުތަކަށް ހުރި ބޮޑު ނުރައްކަލެކެވެ.
އެފް-16 މަތިންދާބޯޓެއް އެއް ގަޑިއިރު ހަނގުރާމަކޮށްފިނަމަ 16 ގަޑިއިރު އަރާމު ކުރަން ބާއްވަން ޖެހޭނެއެވެ. އެފް 16 ގެ މަތިންދާބޯޓަށް ބޭނުންވާ އަރާމުދިނުމަށް ޓަކައި 18 މަސް ދުވަހުގެ ތަމްރީނަށް ބޭނުންވާނެއެވެ. މީގެއިތުރަށް އެފް -16 ގެ މަތިންދާބޯޓެއް ސަރވިސްކުރުމަށް ޓަކައި 25 ޢުންޞުރަށް ބޭނުން ވާނެއެވެ.
ވީމާ އިނގިރޭސިވިލާތުން ޔުކްރޭންގެ ރައީސަށް ހަނގުރާމަތީ ވައިގެ ބާރުތައް ދިނުމަށް ވަޢުދުވީ ކީއްވެގެން ބާވައެވެ. ޔުކްރޭނުގެ ޕައިލެޓުންނަށް ތަމްރީނު ދިނުން ވަރަށް އަވަހަށް ފެށޭނެކަން އިޢުލާން ކުރީ ކީއްވެގެން ބާވައެވެ؟ އެއީ ޕޫޓިން މައިތިރި ކުރުމަށް ކުރެވޭ މަސައްކަތެއް ހެއްޔެވެ؟ ނުވަތަ އެއީ ޔުކްރޭނުގެ މަސްރަޙު އެންމެ ނުބައި ސީނާރިއޯއަކަށް ތައްޔާރުކުރުން ބާވައެވެ؟
ހަނގުރާމައާއި ސިޔާސަތުގައި އިސްވާރުން ތައްޔާރުވާނީ އަބަދުވެސް އެންމެ ނުބައި ސީނާރިޔޯއަކަށެވެ. ރަޝިޔާއިން މިހާރު ހަނގުރާމައިގެ މައިދާނުގައި ކުރިއަރަމުންދާ ދިޔުމުން މި ސީނާރިއޯ ފާޅުވެގެންދާނެ ކަމަށް ދާރިސުން ވިދާޅުވެއެވެ.



advertisment