މިދިޔަ އަހަރުގެ ޖަނަވަރީން ފެށިގެން އެމެރިކާގެ ދިހައަކަށް ވުރެ ގިނަ ބެލޫނި ޗައިނާގެ ވައިގެ ސަރަޙައްދުތެރޭގައި ދަތުރުކޮށްފައިވާ ކަމަށް ޗައިނާގެ ޚާރިޖިއްޔާއިން މިއަދު ބުނެފިއެވެ.
ޗައިނާގެ ޚާރިޖިއްޔާގެ ތަރްޖަމާނު ވަންގް ވެން ނޫސްވެރީންނާ ބައްދަލު ކުރައްވާ މިއަދު ވިދާޅުވި ގޮތުގައި މި ބެލޫނިތައް ޗައިނާގެ ސަރަޙައްދުތެރެއަށް ވަދެފައިވަނީ ހުއްދަ ނުހޯދައެވެ. "ޗައިނާގެ ބޮލުގައި ތުހްމަތުތައް ނާޅުވާ މި ބެލޫނިތަކުގެ ރާސްތާ ބަދަލުކުރުމަށް" އޭނާ އެމެރިކާއަށް ގޮވައިލެއްވިއެވެ.
އެމެރިކާގެ ބެލޫނިތަކުގެ މަސައްކަތާ ބެހޭގޮތުން ޗައިނާގެ ޚާރިޖިއްޔާގެ ތަރްޖަމާނު އެއްވެސް އެއްޗެއް ވިދާޅެއްނުވެއެވެ.
ޗައިނާގެ ބެލޫނި
ޗައިނާގެ ޚާރިޖިއްޔާއިން އެމެރިކާގެ ބެލޫނިތަކުގެ ވާހަކަ ޚަބަރަށް ދިނީ އެމެރިކާތެރެއަށް ވަން ޗައިނާގެ ބެލޫންޏާ ބެހޭގޮތުން ވާހަކަދައްކަން ޕެންޓަގަނުން އެދުމުން އެކަމާ ޗައިނާ ދެކޮޅު ހެދުމާ ވިދިގެންނެވެ. އެމެރިކާގެ ވައިގެ ސަރަޙައްދުތެރެއަށް ވަން ޗައިނާގެ ބެލޫނި ވައްޓައިލުމަށްފަހު އެމެރިކާގެ ދިފާޢީ ވަޒީރު ލުއިޑް އޮސްޓަން ޗައިނާގެ ދިފާޢީ ވަޒީރާ ބައްދަލުކުރައްވަން އެދިވަޑައިގަތުމުން ޗައިނާއިން ވަނީ އެކަމާ ދެކޮޅު ހަދައިފައެވެ. މި ޙާދިސާއާ ގުޅިގެން އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެންގެ ޗައިނާ ދަތުރުފުޅު ވަނީ ކެންސަލް ކުރައްވައިފައެވެ.
ޗައިނާއިން މި ދިޔަ ބުރާސްފަތި ދުވަހު ހާމަކުރި ގޮތުގައި އެމެރިކާގެ ދިފާޢީ ވަޒީރާ ގުޅުމާ ދެކޮޅުހަދަން ޖެހުނީ ޗައިނާގެ ބެލޫނި ވައްޓައިލުމުގައި އެމެރިކާއިން "ޒިންމާ ކުޑަ ގޮތަކަށް ޢަމަލުކޮށްފައިވާތީއެވެ."
ޗައިނާ ބުނާގޮތުގައި އެ ޤައުމުގެ ބެލޫންޏަކީ މޫސުމާބެހޭ ދިރާސާތައް ކުރުމަށް ޓަކައި އެރުވި މަދަނީ ބެލޫންޏެކެވެ. އެއީ ޖާސޫސީ ބޭނުމަކަށް ޓަކައި ދަތުރުކުރި އެއްޗެއްނޫނެވެ.



advertisment