މި މަހު ހަވަނަ ދުވަހު ތުރްކީއަށާއި ސޫރިޔާއަށް އައި ބާރުގަދަ ދެ ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ ޢަދަދު 34 ހާހަށް އިރުރުވެއްޖެއެވެ. އިތުރު މީހުން ދިރިތިއްބާ ފެނިދާނެ ކަމުގެ އުންމީދު އަދިވެސް ކަނޑައެއް ނުލައެވެ.
ތުރްކީގެ ޣާޒީ ޢަންތާބު ސަރަޙައްދުގައި ވެއްޓިފައިވާ ފަސް ބުރި ޢިމާރާތެއްގެ ދަށުން 40 އަހަރުގެ އަންހެނަކު ވަނީ ރޭ ސަލާމަތް ކުރެވިފައެވެ. އޭނާގެ އިތުރަށް ތުރްކީގެ އަދްޔާމަން ސަރަޙައްދުން ވެސް ރޭ ވަނީ 60 އަހަރުގެ އަންހެނަކު ސަލާމަތް ކުރެވިފައެވެ.
ސަލާމަތީ މަޖިލީހުގެ ސިއްރު ބައްދަލުވުމެއް
ތުރްކީއަށާއި ސޫރިޔާއަށް އައި ބާރުގަދަ ދެ ބިންހެލުމަށް އިޖާބަދިނުމަށް ޓަކައި އދ.ގެ ސަލާމަތީ މަޖިލީހުގައި މިއަދު ސިއްރު ޚާއްޞަ ބައްދަލުވުމެއް ބާއްވަން ހަމަޖެހިއްޖެއެވެ. މި ޒިލްޒާލުތަކުގެ ސަބަބުން އެތައް ހާސް ބަޔަކު މަރުވެ އެތައް ބަޔަކު ވަނީ ޒަޚަމުވެފައެވެ. އަދި އެތައް މިލިއަން ބަޔަކު ގެދޮރު ގެއްލި މަގުމަތިވެ ފޭލިގެތަކުގައި އުޅެން ވަނީ މަޖްބޫރުވެފައެވެ.
ރޮއެޓަރޒް ބުނާގޮތުގައި އެމެރިކާއިން އެދިގެން މިއަދު ބޭއްވޭ ބައްދަލުވުމުގައި ތުރްކީ މަގުން ލައިފާ ސޫރިޔާއަށް އެހީ ފޮނުވުން އިތުރުކުރުމަށް އެމެރިކާއިން ގޮވައިލާނެއެވެ. އދ ގައި ހުންނަވާ އެމެރިކާގެ މަންދޫބާ ވިދާޅުވިއެވެ. "ސޫރިޔާގައި ގެއްލުން ލިބިފައިވާ މީހުން ބަރޯސާ ވަނީ އަޅުގަނޑުމެންގެ އެހީއަށެވެ. ފާއިތުވެގެންދާ ކޮންމެ ހިނދުކޮޅަކީ ވެސް ވަރަށް މުހިއްމު އިރުކޮޅެކެވެ."
ސޫރިޔާގެ އިދިކޮޅު ޖަމާޢަތްތަކުން އދ.ގެ ބޮލުގައި އިހްމާލުވުން އަޅުވާ
ސޫރިޔާގެ އިދިކޮޅު ޖަމާޢަތްތައް ބުނާގޮތުގައި އދ މަޖިލީހުން ސޫރިޔާއަށް އެހީވުމުގެ މަސްއަލަ ވަނީ "ސިޔާސީކޮށްފަ" އެވެ. މި ކާރިސާގައި ގެއްލުން ލިބުނު މީހުންނަށް އަވަސް އެހީ ދިނުމަށް ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ގޮވައިލިއެވެ. މި ޖަމާޢަތުން އާދީއްތަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. "އދ ން ސޫރިޔާއަށް ބޭނުންވާ މުހުތާދުތަކަށް ދޭންޖެހޭ އަހައްމިއްޔަތެއް ނުދެއެވެ." އދ މަޖިލިހާއި ސަލާމަތީ މަޖިލީހަށް ނުގޮސް ސޫރިޔާގައި ޙަލުގައި ޖެހިފައި ތިބި މީހުންނަށް އެހީ ފޮނުވާ ދިނުމަށް އިދިކޮޅު ޖަމާޢަތްތަކުން ދުނިޔޭގެ ޤައުމުތަކަށް ގޮވައިލައެވެ.



advertisment