18:25
ރިޝްވަތު ދިނުމާއި މަނީ ލޯންޑަރިންގެ މައްސަލައެއްގައި ޖަލަށް ލައިފައިވާ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ގޮވާލައި މާލޭގައި ވަރަށް ބޮޑު ހިނގާލުމެއް ޕީ.ޕީ.އެމުން މިއަދު ހަވީރު ބާއްވައިފިއެވެ.

"ބުންވަރު"ގެ ނަމުގައި ބޭއްވި މި ހިނގާލުމުގައި "އިންސާފު ގާއިމްކުރޭ" އާއި "ހަރާން ހުކުމް ބާތިލްކުރޭ!" އާއި "ރައީސް ޔާމީން ދޫކޮށްލާ" ޖަހައިފައިވާ ގިނަ ފޮތިގަނޑުތަކާއި ގައުމީ ދިދަ އާއި ޕާޓީގެ ދިދަތައް އުފުލައިފައިވެއެވެ. އަދި ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި ހަދައިފައި ހުރި ލަވަތަކާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ސަރުކާރަށް ހަޖޫޖަހައި ހަދައިފައި ހުރި ލަވަތައް ވެސް އަޑުގަދަކުރާއިން ދިޔައީ ޖަހަމުންނެވެ.

ފިޔާތޮއްޓާއި ހުދު ޓީޝާޓް ލައިގެން، ޕީ.ޕީ.އެމްގެ ލީޑަރޝިޕުގެ އިސްވެރިންނާއި އާންމުންގެ ވަރަށް ގިނަ ބަޔަކު ބައިވެރިވި މި ހިނގާލުމުގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަނާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ޕީ.އެން.ސީގެ ލީޑަރު އަބްދުއްރަހީމާއި މަޖިލިސް އާއި ކައުންސިލްތަކުގެ ރައީސުންނާއި މެމްބަރުންނާއި "ހޯޕް" ކޮންފަރެންސަށް މާލެ އައިސް ތިބި އަތޮޅުތަކުގެ ގިނަ އަދަދެއްގެ މަންދޫބުން ބައިވެރިވިއެވެ. ޕީ.ޕީ.އެމުން ބުނީ މި ހިނގާލުމުގައި ފަސް ހާހެއްހާ މީހުން ބައިވެރިވި ކަމަށެވެ.

މާލޭ އިރުމަތީކޮޅުން، ޕީ.ޕީ.އެމް އޮފީސް ކުރިމަތިން، ހަވީރު ހަތަރެއްޖެހިއިރު ފެށި މި ހިނގާލުން މަޖީދީމަގު އެންމެ ހުޅަނގަށް ގޮސް ރަސްފަންނު ކައިރިން އަނބުރާލައިފައި އަނެއްކާ ވެސް މަޖީދީމަގުން އައިސް ނިންމާލައިފައި ވަނީ އާޓިފިޝަލް ބީޗަށެވެ. އިރުއޮއްސުނު ފަހުން މި ހިނގާލުން ނިންމާލައިފައި ވަނީ ބީޗުގައި އެންމެން އެކުވެ، ދުއާއެއް ކުރުމަށްފަހުއެވެ.

ހޯޕް ކޮންފަރެންސަކީ މި އަހަރުގެ ރިޔާސީ އިންތިހާބަށް، "ރައީސް ޔާމީން 2023″ އަށް ތައްޔާރުވުމުގެ ގޮތުން އިއްޔެ ފެށި ތިން ދުވަހުގެ ކޮންފަރެންސެކެވެ. މާލެ އާއި އަތޮޅުތަކުން ހާހަކަށްވުރެ ގިނަ މަންދޫބުން ބައިވެރިވާ މި ކޮންފަރެންސްގެ ނިންމުން އޮންނާނީ އާޓިފިޝަލް ބީޗުގައި "ދުއްޕާން" ނަމުގައި މާދަމާ ރޭ ބާއްވާ ޖަލްސާއަކާ އެކުއެވެ.



advertisment