Support Us

ބަދަލުހިފުމުގެ ގޮތުން ޔަހޫދީ އާބާދީއަކަށް ވަރުގަދަ ޙަމަލާއެއް ދީފި

އިސްރާއީލުން ހުޅަނގު އައްސޭރީގެ ޖަނީނަށް ދިން ޢުދްވާނީ ޙަމަލާއަށް ބަދަލުހިފުމުގެ ގޮތުން ފަލަސްޠީނުގެ ޒުވާނަކު ޤުދުސުގެ މެދުތެރޭގައި އޮންނަ ޔަހޫދީ އާބާދީއަކަށް ރޭ ވަރުގަދަ ޙަމަލާއެއް ދީފިއެވެ. މި ޙަމަލާގެ ސަބަބުން އިސްރާއީލުގެ ހަތް މީހަކު މަރުވިއެވެ.

އިސްރާއީލުގެ ބާރުތަކުން މި ޙަމަލާދިން ފަލަސްޠީނުގެ ޒުވާނާ މަރައިލިއެވެ. އިސްރާއީލު ފުލުހުން ސިފަކުރިގޮތުގައި މިއީ ފަހަކަށް އައިސް އިސްރާއީލަށް ދިން އެންމެ ހަރުކަށި ޙަމަލާއެވެ.

އިސްރާއީލު ފުލުހުން ބުނާގޮތުގައި މި ޙަމަލާ ދިން ޒުވާނާ ޙަމަލާ ދިނުމަށްފަހު އެ ތަނުން ފިލައިގެން ދަނިކޮށް އިސްރާއީލު ފުލުހުން އޭނާ ގަޔަށް ބަޑިޖަހައި މަރައިލީއެވެ. އިސްރާއީލުގެ ފުލުހުންގެ  ކަމިޝްނަރ ޖެނެރަލް ހާމަކުރެއްވި ގޮތުގައި މި ޙަމަލާ ދިން ޒުވާނަކީ 21 އަހަރުގެ ޚައިރީ ޢަލްޤަމެވެ. އޭނާއަކީ އިރުމަތީ ޤުދުސުގެ ރަށްވެއްސެކެވެ. ކަމިޝްނަރ ޖެނެރަލް ހާމަކުރެއްވި ގޮތުގައި މި ޒުވާނާ މި ޙަމަލާދީފައިވަނީ އެކަހެރިގޮތަކަށެވެ. އޭނާއާ އެއްވެސް ޖަމާޢަތަކާ ގުޅުމެއް ނެތެވެ. އިސްރާއީލުގެ ރަށްވެއްސެއް ކަމުގައިވާ ޚައިރީ ޢަލްޤަމު މި ޙަމަލާ ދިނީ އޭނާގެ އަތުގައި އޮތް ފިސްތޯލައަކުންނެވެ. އޭނާ މި ޙަމަލާ ދިނީ ޔަޢުޤޫބު ނަބިއްޔާގެ އަވަށުގައި ހުންނަ ޔަހޫދީ ފައްޅިއެއް ކައިރިން ކާރުގައި ދުއްވާފައި ދަމުންނެވެ. 

އިސްރާއީލުގެ ޚާރިޖިއްޔާއިން ބުނިގޮތުގައި މި ޙަމަލާގެ ސަބަބުން އިސްރާއީލުގެ ހަތް މީހަކު މަރުވެ 10 މީހަކު ޒަޚަމުވިއެވެ. މިއީ 2008ވަނަ އަހަރުގެ ފަހުން އިސްރާއީލުން އެންމެ ގިނަ ބަޔަކު މަރައިލި ހާދިސާއެވެ. 

މި ހާދިސާ ހިނގުމުން އިސްރާއީލުން ވަނީ މި ސަރަޙައްދު ބަންދުކޮށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. މީގެއިތުރަށް އިސްރާއީލުން ވަނީ ޤުދުސާ ހުޅަނގު އައްސޭރި ގުޅުވައިދޭ މަގުތައް ބަންދުކޮށްފައެވެ. 

ގެލެންޓް ޒިޔާރަތް ކުރުކޮށްލައްވައިފި

މި ހާދިސާ ހިނގިއިރު އެމެރިކާއަށް ވަޑައިގެން އުޅުއްވާ އިސްރާއީލުގެ ދިފާޢީ ވަޒީރު ޔޫއާފު ގެލެންޓް އޭނާގެ މި ދަތުރުފުޅު ކުރުކޮށްލައްވައިފައި އިސްރާއީލަށް ވަޑައިގަތުމުގެ ދަތުރުފުޅު ފަށްޓަވައިފި ކަމަށް އިސްރާއީލުގެ މީޑިއާތަކުން ބުންޏެވެ. ޔަހޫދީ އާބާދީތަކާ ދެކޮޅަށް އިތުރު ޙަދިސާތައް ހިނގައިފާނެތީ މި ތަންތަން ޙިމާޔަތް ކުރުމަށް ޓަކައި ލަޝްކަރުތައް ތައްޔާރަށް އޮތުމަށް އިސްރާއީލުގެ ވަޒީރު އަމުރުކުރެއްވިއެވެ.  

ހުޅަނގު އައްސޭރިއަށް އިސްރާއީލުގެ އިތުރު ފައުޖުތައް ފޮނުއްވަވާނެ ކަމަށް އިސްރާއީލުގެ ޗީފް އޮފް ސްޓާފް ހަރޓްސީ ހިލެފީ ވިދާޅުވިއެވެ.

އަނެއްކޮޅުން ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވާގޮތުގައި ޤުދުސުގެ ޙަމަލާއަށް ރައްދުދިނުމަށް ޓަކައި އިސްރާއީލުން ފިޔަވަޅުތައް އަޅައިނެއެވެ. މިއަދު ބޭއްވޭ ކުޑަ ކެބިނެޓް ބައްދަލުވުމުގައި މި ފިޔަވަޅުތަކާމެދު ބަހުސްކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ޙާދިސާ ހިނގުމުން އިސްރާއީލުގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު ބިން ޣަފީރާއި ބޮޑު ވަޒީރު ނަތަންޔާހޫ މި ޙާދިސާ ހިނގި ހިސާބަށް ވަޑައިގެން ޙާދިސާގެ ވެށި ބައްލަވައިލެއްވިއެވެ. ބިން ޣަފީރު އިންޒާރު ކުރެއްވި ގޮތުގައި މި ޙާދިސާއަށް ވަރަށް ވަރުގަދައަށް ރައްދު ދޭނެއެވެ. 

ޙަމަލާދިން ޒުވާނާ

މި ޙަދިސާ ހިންގި ޚައިރީ ޢަލްޤަމުގެ ބައްޕަ ތަޙްޤީޤަށް ޓަކައި ފުލުހުންގެ މަރްކަޒަށް މިއަދު ގެންދިޔައެވެ. އޭނާއަކީ ޤުދުސުގެ އައްޠޫރު ނަމަކަށް ރަށުގެ އައްޝައްޔާޙު ސަރަޙައްދުގައި ދިރިއުޅޭ މީހެކެވެ. މި ޙަމަލާދިން ޒުވާނާއަށް ޚައިރީ ކިޔުނީ އޭނާގެ ކާފަގެ ނަމުންނެވެ. މި ނަންދިނީ 1998 ގައި ޔަހޫދީ ވަޒަންވެރީންތަކެއް ޤުދުސުގައި އޭނާ ޝަހީދުކޮށްލައިފައިވާތީ އޭނާގެ ހަނދާނުގައެވެ. 

ފަލަސްޠީނީން އުފާކުރުން

މި ޙާދިސާ ހިނގުމުން ފަލަސްޠީނުގެ ނާބްލަހާއި ޖަނީނު ފަދަ އެތައް ރަށްތަކެއްގައި ފަލަސްޠީނު މީހުން މަގުމައްޗަށް ނުކުމެ އުފާ ފާޅުކުރިއެވެ. ލުބްނާނުގައި ފޭލިގެ އަވަށްތަކުގައި ދިރިއުޅޭ ފަލަސްޠީނު މީހުން ވެސް މިކަމާ އުފާފާޅުކުރިއެވެ.    

ސަލާމަތީ މަޖިލީހުގައި މަޝްވަރާތައް

ފަލަސްޠީނުގެ ހުޅަނގު އައްސޭރިއަށް އިސްރާއީލުގެ ބާރުތަކުން އަރައި ހިންގި ޤަތުލު ޢާންމާވިދިގެން ފަލަސްޠީނުގެ މަސްރަޙު ވަނީ ހޫނުވާން ފަށައިފައެވެ. އިސްރާއީލުން ވަނީ ޣައްޒާއަށް ވައިގެ ޙަމަލާތަކެއް ދީފައެވެ. ފަލަސްޠީނު ސަރުކާރުން ވަނީ ސަލާމަތީ ކަންކަމުގައި އިސްރާއީލާއެކު ވިލަރެސްކުރުން ހުއްޓައިލުމަށް ނިންމައިފައެވެ. މިކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ޓަކައި ސަލާމަތީ މަޖިލީހުގައި ކުއްލި ބައްދަލުވުމެއް ރޭ ބޭއްވުނެވެ. އެމެރިކާގެ މަންދޫބާ ވިދާޅުވި ގޮތުގައި ނުތަނަވަސްކަން ކުޑަކުރުމަށް ޓަކައި މަސައްކަތް ކުރުމަށް އެމެރިކާއިން ދަނީ ފިޔަވަޅުތައް އަޅަމުންނެވެ. އޭނާ ހާމަކުރެއްވި ގޮތުގައި އިސްރާއީލުގެ ޚާރިޖީ ވަޒީރު ބްލިންކެން މެދުއިރުމައްޗަށް ދަތުރުފުޅެއް ކުރައްވާނެއެވެ. އެއަށްފަހު އޭނާ ޤުދުސަށް ދިން ޙަމަލާ ކުށްވެރި ކުރެއްވިއެވެ. އެހެނަސް އިސްރާއީލުން ޖަނީނަށް ދިން ޙަމަލާ ކުށްވެރިއެއް ނުކުރައްވައެވެ.

ސަލާމަތީ މަޖިލީހުގައި ހުންނަވާ ޗައިނާގެ މަންދޫބު ޖަންގް ޖިންގް ވިދާޅުވި ގޮތުގައި ފަލަސްޠީނުގެ މަސްއަލައާ ބެހޭގޮތުން ބާރުގަދަ މެސެޖެއް ދިނުމުގައި ސަލާމަތީ މަޖިލިސް ވަނީ ފޭލްވެފައެވެ. ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވީ ޗައިނާއާއި އިމާރާތުން އެދިގެންނެވެ. ޗައިނާގެ މަންދޫބު ވިދާޅުވި ގޮތުގައި  ބައިނަލްއަޤްވާމީ ޤާނޫނާ އެއްގޮތަށް މަދަނީން ޙިމާޔަތް ކުރުމަކީ އިސްރާއީލުގެ ޒިންމާއެކެވެ. ހަރުކަށި ޢަމަލުތައް ހިންގުމާ ދުރުހެލިވުމަށް އޭނާ އިސްރާއީލަށް ގޮވައިލެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *