Support Us

ސަލާމަތީ ކަންކަމުގައި އިސްރާއީލާއެކު ވިލަރެސްކުރުން ފަލަސްޠީނުން ހުއްޓާލައިފި

ހުޅަނގު އައްސޭރީގެ ޖަނީނަށާއި ޖަނީނު ފޭލިގެ އަވަށަށް އިސްރާއީލުގެ ބާރުތަކުން އިއްޔެ އަރައި ފަލަސްޠީނުގެ 10 މީހަކު މަރައިލައި 20 މީހަކު ޒަޚަމުކޮށްލައި އެތައް ބަޔަކު ހައްޔަރުކުރުމާ ވިދިގެން ސަލާމަތީ ކަންކަމުގައި އިސްރާއީލާއެކު ކުރަމުންދިޔަ ސަލާމަތީ ވިލަރެސްކުރުން ހުއްޓައިލުމަށް ފަލަސްޠީނު ސަރުކާރުން ނިންމައިފިއެވެ.

އިސްރާއީލު ބުނާގޮތުގައި އެމީހުންގެ ޢަސްކަރީ ބާރުތައް ހުޅަނގު އައްސޭރިއަށް އެރީ ޖަނީނު ފޭލިގެ އަވަށުގައި ހަދައިފައިވާ "ހަތިޔާރުއެޅި ހަތައެއް" ތަޅައިލާށެވެ. އެތާނގެ ގެއެއްގައި ހުންނެވި އިސްލާމީ ޖިހާދު ޖަމާޢަތުގެ އިސް ބޭފުޅަކު ހައްޔަރު ކުރާށެވެ.
ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިގޮތުގައި ޖަނީނު ފޭލިގެ އަވަށަށް އިސްރާއީލުން މި ދިން ޢުދްވާނުގެ ސަބަބުން 10 މީހަކު ޝަހީދުވިއެވެ. އޭގެތެރޭގައި މުސްކުޅި އަންހެނަކު ވިއެވެ. މި ޙަމަލާގެ ސަބަބުން 20 މީހަކު ޒަޚަމުވިއެވެ. އޭގެތެރެއިން ހަތަރު މީހެއްގެ ޙާލު ވަރަށް ބޮޑެވެ.

އިސްރާއީލުގެ މި ޢުދްވާނާ ވިދިގެން އިސްރާއީލާއެކު ސަލާމަތީ ކަންކަމުގައި ވިލަރެސްކުރަމުން އައި ވިލަރެސްކުރުން ހުއްޓައިލުމަށް ނިންމައިފިއެވެ. ފަލަސްޠީނުގެ ރިޔާސީ ތަރްޖަމާނު ނަބީލް އަބޫ ރުދައިނާ ނޫސްވެރީންނާ ބައްދަލު ކުރައްވާ ވިދާޅުވިއެވެ. "ފަލަސްޠީނު ސަރުކާރު ދެކޭގޮތުގައި ސަލާމަތީ ކަންކަމުގައި ވިލަރެސްކުރުމަކީ މިހާރު ބޭނުންކަމެއް ނޫނެވެ."

ފަލަސްޠީނު ސަރުކާރުން މި ގޮތަށް ނިންމީ ރައީސް މަޙްމޫދު ޢައްބާސްގެ ރިޔާސަތުގައި ބޭއްވި ކެބިނެޓް ބައްދަލުވުމަށް ފަހުގައެވެ. ނޫސްވެރީންގެ މި ބައްދަލުވުމުގައި އަބޫ ރުދައިނާގެ އަރިހުގައި ޕީއެލްއޯގެ ތަންފީޒީ ކޮމެޓީގެ ބައެއް ބޭފުޅުންނާއި ފަތަޙަ ޖަމާޢަތުގެ މަރްކަޒީ ކޮމެޓީގެ ބައެއް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގަތެވެ. މި ބޭފުޅުން ވިދާޅުވިއެވެ. "ޖަނީނަށް މި ދިން ޙަމަލާއަށްފަހު ސަލާމަތީ ކަންކަމުގައި ވިލަރެސްކުރުމެއް ދެނެއް ނޯންނާނެއެވެ. އެއީ ބޭނުންހުރި ކަމެއްނޫނެވެ."

އަބޫ ރުދައިނާ ވިދާޅުވިއެވެ. "އަހުރެމެން ދެން ދާނީ ހަތްވަނަ މާއްދާގެ ދަށުން ލިބެންޖެހޭ ބައިނަލްއަޤްވާމީ ޙިމާޔަތް ހޯދުމަށް ޓަކައި ސަލާމަތީ މަޖިލީހަށެވެ. އަދި އަހުރެމެން ޖަނީނުގައި މި ހިންގި ޤަތުލުޢާންމު އިސްރާއީލުގެ ޖަރީމާތަކުގެ ލިސްޓަށް އިތުރު ކުރުމަށް ޓަކައި ބައިނަލްއަޤްވާމީ އިންސާފު ކޯޓަށް ވެސް ދާނަމެވެ."

އިސްރާއީލުގެ "ވައްލާ" އޮންލައން ޞަފްޙާ ބުނާގޮތުގައި މެދުއިރުމަތީގެ ޞުލްޙައާ ބެހޭ އދ ގެ މަންދޫބު ވިންސްލޭންޑް މިއަދު ފަލަސްޠީނު ސަރުކާރާ ގުޅުއްވާ ފަލަސްޠީނުގެ މި ނިންމުމުގެ ސަބަބުން ވަރަށް ނުބައި ނަތީޖާތަކެއް ނުކުމެދާނެކަމުގެ އިންޒާރު ދެއްވިއެވެ. އޭނާ އިސްރާއީލާ ގުޅުއްވާ މަސްރަޙު ހޫނުކުރުމާ ދުރުހެލިވުމަށް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ކަންތައްތައް މުޅިން "ބޮއްސުންލައިގެން ހިނގައިދާނެ ކަމަށް" ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިސްރާއީލު ސިފައިން ހުޅަނގު އައްސޭރިއަށް ވަގަށް އެރީ ކިރު ވިއްލާ އުޅަނދެއް ކަމަށް ފެންނަ އުޅަނދެއްގައި ފިލައިތިބެގެންނެވެ. މި އުޅަނދުގައި އެމީހުން ދިޔައީ އިސްރާއީލުން ހައްޔަރުކުރަން ބޭނުންވާ ފަލަސްޠީނުގެ މުޖާހިދުންގެ ގެއަކަށެވެ. އިސްރާއީލު ސިފައިންނަށް އެހީވުމަށް ޓަކައި އިސްރާއީލުން ޑްރޯންތަކެއް ވެސް ފޮނުވިކަމަށް މީޑިއާތައް ބުންޏެވެ. އިސްރާއީލު ސިފައިން މި ގެއަށް ރޮކެޓުން ދިން ޙަމަލާގައި ފަލަސްޠީނުގެ 6 މީހަކު މަރުވިއެވެ.އޭގެތެރޭގައި ޢުމުރުން ދުވަސްވީ އަންހެނަކު ވިއެވެ. އިސްރާއީލު ސިފައިން ޖަނީނު ފޭލިގެ އަވަށަށް އަރާ ޙަމަލާދިނީ އެމީހުން އެ ބުނާ ގެއަކަށް އެކަންޏެއް ނޫނެވެ. އެ ގޭގެ ވަށައިގެންނާއި އެހެން ހިސާބުތަކުގައި ވެސް ކުރިމަތިލުންތައް ހިނގިއެވެ. އިސްރާއީލުގެ ޑްރޯން ޙަމަލާތަކުގެ ސަބަބުން އެތައް ގެއެއް އަނދައިފައި ވެއެވެ. އެތައް ގެއެއް ވެއްޓި ކުދިކުދިވެފައިވެއެވެ. އެތައް ތަނެއްގައި ބާރުގަދަ އެއްޗެހިތައް ގޮވައިފައި ވެއެވެ. ފަލަސްޠީނުގެ އެންބިޔުލަންސްތައް އެހިސާބަށް ވަނުން މަނާކުރިއެވެ. ޖަނީނު ހަސްފަތާލަށް ވަދެ ކަރުނަގޭހުން ހަސްފަތާލަށް ޙަމަލާދިނެވެ.

އިސްރާއީލުގެ މި ޢުދްވާނާ ދެކޮޅު ހެދުމުގެ ގޮތުގައި ފަލަސްޠީނުގެ ޖަމާޢަތްތަކުން މިއަދު ވަނީ ހުޅަނގު އައްސޭރީގައި ޢާންމު ހަޅުތާލެއް ފަށައިފައެވެ.

އިސްރާއީލުގެ މި ޢުދްވާނު ކުށްވެރިކޮށް ޙަމާސުން ރޭ އިސްރާއީލުގެ ޢަސްޤަލާނަށް މިސައިލް ޙަމަލާތަކެއް ދިނެވެ. މި ޙަމަލާއާ ވިދިގެން އިސްރާއީލުން ވަނީ ޣައްޒާއަށް ވައިގެ ޙަމަލާތަކެއް ދީފައެވެ. ޙަމާސުން އިންޒާރުކުރާ ގޮތުގައި އިސްރާއީލުން ޙަމަލާތައް ދޭނަމަ ފަލަސްޠީނުން ރައްދުދޭނެއެވެ.
ފަތަޙަ ޖަމާޢަތުން މިއަދު ވަނީ އައު " އިންތިފާޟާއަކަށް " ގޮވައިލައިފައެވެ. ފަތަޙައިން ނެރުނު ބަޔާނުގައި " ޢަދުއްވުންނާ ކުރިމަތިލުމަށް ޓަކައި ފަލަސްޠީނުގެ ހުރިހާ މަގުތައް ކުރިމަތިލުމުގެ މައިދާނަކަށް " ބަދަލުކޮށްލުމަށް ގޮވައިލިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *