Support Us

އީރާނު ލަނޑުދަނޑިއަކަށް ހަދައިގެން އެމެރިކާއާއި އިސްރާއީލުން ޢަސްކަރީ ބޮޑު ތަމްރީނުތަކެއް ފަށައިފި

އިސްރާއީލާއި އެމެރިކާ ޢަސްކަރީ ޙަމަލާއެއް ދިނުމަށް ތައްޔާރަށް އޮތް މިންވަރު ބެލުމަށާއި ދުޝްމަނުންގެ ޙަމަލާތައް ދިފާޢުކުރުމަށް ލިބިފައިވާ ބާރުގެ ހުޝިޔާރުކަމުގެ މިންވަރު ވަޒަންކުރުމަށް ޓަކައި އިސްރާއީލާއި އެމެރިކާ ގުޅިގެން ޢަސްކަރީ ވަރަށް ބޮޑު ތަމްރީނުތަކެއް ރޭ ފަށައިފިއެވެ.

އިސްރާއީލުގެ ރަސްމީ މީޑިއާތައް ސިފަކުރާގޮތުގައި މިއީ އީރާނަށް މެސެޖެއް ދިނުމަށް ޓަކައި ބޭއްވޭ "އެންމެ މުހިއްމު" ތަމްރީނުތަކެވެ.  

Juniper Oak ގެ ނަން ދީފައިވާ މި ތަމްރީނުތަކުގެ ސަބަބުން ޢަސްކަރީ ޙަމަލާތައް ގުޅިގެން ދިނުމަށް ތަމްރީނު ލިބޭނެއެވެ. 

ކަނޑުގެ ތަމްރީނުތައް

 މި ތަމްރީނުތަކުގައި މަތިންދާބޯޓު އުފުލާ އެމެރިކާގެ  މަނަވަރަކާއެކު އިސްރާއީލުގެ މިސައިލް އުޅަނދުތަކާއި އަޑިންދާބޯޓުތައް ބައިވެރިވާނެއެވެ. އެމެރިކާއާއި އިސްރާއީލުގެ ވަޔާއި ކަނޑުގެ ބާރުތަކުން ކަނޑުގެ އަމާޒުތަކަށް ޙަމަލާދޭ ގޮތަށް ޙަމަލާތަކެއް ދޭނެއެވެ. 

މި ތަމްރީނުތަކުގެ ތެރޭގައި "ސާޢިރު 5″ މަރުކާގެ މިސައިލް އުފުލާ އިސްރާއީލުގެ އުޅަނދުތަކަށް އެމެރިކާގެ ޢަސްކަރީ އުޅަނދުތަކުން އަނދަނަ (ފިއޫލް) އަޅައިދިނުމުގެ މަސައްކަތް ވެސް ކުރާނެއެވެ. މިއީ ތަފާތު ޙާލަތުތަކުގައި އިސްރާއީލުގެ ޢަސްކަރީ މަސައްކަތްތައް ފުޅައުކުރުމަށް ބޭނުންވާ ތަމްރީނު ދިނުމަށް ކުރެވޭ މަސައްކަތެކެވެ. 

އިސްރާއީލުން ބުނާގޮތުގައި މި ތަމްރީނުތަކުގައި އެމެރިކާގެ ޢަސްކަރީ ބިޔަ މަތިންދާބޯޓުތަކާއި އިސްރާއީލުގެ ޑްރޯނާއި ހަނގުރާމަމަތީ މަތިންދާބޯޓާއި ސިފައިން އުފުލާ މަތންދާބޯޓުތައް ބައިވެރިވާނެއެވެ. އިސްރާއީލުގެ ދެކުނު އައްސޭރިއަށް މި ބޯޓުތަކުން ބޮންވެސް އަޅައިނެއެވެ.

އެމެރިކާގެ އެތައް ހާސް ސިފައިންނެއް

އިސްރާއީލުގެ ޢިބްރީ ދުވަހު ނޫހެއްކަމުގައިވާ ބަދީޢޫތު އަޙްރަނޫތު ބުނާގޮތުގައި ޢަސްކަރީ މި ތަމްރީނުތަކުގައި އެމެރިކާގެ 6,400 ސިފައިން ބައިވެރިވެއެވެ. މީގެ ތެރެއިން 450 ސިފައިން ތިބޭނީ އިސްރާއީލުގައެވެ. ދެން ތިބި ސިފައިން ތިބޭނީ މަތިންދާބޯޓު އުފުލާ ޖޯރޖް ބުޝް މަނަވަރުގައެވެ. 

ޖޯރޖް ބުޝް މަނަވަރުގައި ހުރި ހަނގުރާމަމަތީ ބީ–52 މަރުކާގެ މަތިންދާބޯޓާއި އެފް-35 އާއި އެފް-16 އާއި އެފް-15 އާއި އެފް-18 ގެ މަތިންދާބޯޓުތައް މި ތަމްރީނުތަކުގައި ބައިވެރިވާނެއެވެ. މި ބޯޓުތަކުގެ ތެރޭގައި ނިޔުކްލިއަރ ހަތިޔާރު އުފުލުމުގެ ޤާބިލުކަން ލިބިފައިވާ 142 ބޯޓު ވެއެވެ. 

މި ނޫސް ބުނާގޮތުގައި މި ތަމްރީނުގައި އީރާނަށް ދޭންޖެހޭ ޙަމަލާއާ އެއް ވައްތަރުގެ ޙަމަލާއެއް ދެވޭނެއެވެ. މި ތަމްރީނުތަކުގައި ބިމުއަނޑީގައި ހުންނަ އަމާޒުތަކަށާއި ވައިގެ ދިފާޢީ ޒަމާނީ ނިޒާމުތަކަށް ޙަމަލާ ދެވޭނެއެވެ. 

އިސްރާއީލުގެ ރަސްމީ ރޭޑިއޯ ބުނާގޮތުގައި މި ތަމްރީނުތައް 27 ޖަނަވަރީއާ ހަމައަށް ކުރިއަށް ދާނެއެވެ. 

އެމެރިކާއާއި އިސްރާއީލުން ތުހްމަތުކުރާ ގޮތުގައި އީރާނަކީ ނިޔުކްލިއަރ ހަތިޔާރު އުފެއްދުމަށް މަސައްކަތްކުރާ ޤައުމެކެވެ. އެހެނަސް އީރާނު ބުނާގޮތުގައި އެ ޤައުމަކީ އަވަށްޓެރީންނާއެކު ރަނގަޅު ގުޅުމެއް ގެންގުޅުމަށް ކަށަވެތިވެފައިވާ ޤައުމެކެވެ. އަދި އެ ޤައުމުގެ ނިޔުކްލިއަރ ޕްރޮގްރާމަކީ ޞުލްޙަވެރި ބޭނުންތަކަށް ޓަކައި ތަރައްޤީ ކުރެވޭ ޕްރޮގްރާމެކެވެ. 

އީރާނާ ޚިލާފަށް އިސްރާއީލުގެ ނިޔުކްލިއަރ ޕްރޮގްރާމަކީ ބައިނަލްއަޤްވާމި އެއްވެސް ފަރާތެއްގެ ބެލުމުގެ ދަށުގައިވާ ޕްރޮގްރާމެއްނޫނެވެ. އިސްރާއީލާއި އީރާނަކީ އެއް ޤައުމު އަނެއް ޤައުމު ޢަދުއްވުންކަމުގައި ދެކޭ ދެ ޤައުމެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *