އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް އިސްރާއީލީން ކުރަމުންދާ މުޒާހަރާތައް މެދު ނުކެނޑި ކުރިއަށްދާތާ ދެތިން ހަފުތާވީ އިރުވެސް އޭގެ ފޯރިއެއް ނުކެނޑެއެވެ. ރޭ ތައްލު އަބީބުގައި ބޭއްވި މުޒާހަރާގައި އެއްލައްކަ މީހުން ބައިވެރިކަމަށް ދުނިޔޭގެ މީޑިއާތައް ބުންޏެވެ. މި މުޒާހަރާގައި ފުރަތަމަ ފަހަރަށް ކުރީގެ ބޮޑުވަޒީރު މިހާރުގެ އިދިކޮޅު ޒަޢީމު ލެޕިޑް ވެސް ބައިވެރިވެ ވަޑައިގަތެވެ. ތައްލު އަބީބުގެ އިތުރަށް އިސްރާއީލުގެ މުހިއްމު އެތައް ސަހަރުތަކެއްގައި ވެސް އެތައް ހާސް ބަޔަކު މުޒާހަރާ ކުރިއެވެ.
އިސްރާއީލުގެ ޚާއްޞަ ޓީވީ ޗެނެލެއް ކަމުގައިވާ ޗެނެލް 12 ބުނިގޮތުގައި ތައްލު އަބީބުގެ މެދުތެރޭގައި ބޭއްވި މުޒާހަރާގައި އެއްލައްކަ މީހުން ބައިވެރިވިއެވެ. މި މީހުން ތައްލު އަބީބުގެ މުހިއްމު މަގުތަކުގައި ބުރުޖަހާ ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް އަޑު އުފުލައި އިސްތިޢުފާއަށް ގޮވައިލިއެވެ. މުޒާހަރާގެ ބައިވެރީން ބޮޑެތި މައިމަގުތަކުން ލައިފާ ގޮސް ސަރުކާރުގެ އޮފީސްތަކުގެ ސަރަޙައްދާ ހިސާބަށް ދިޔައެވެ.
މި މުޒާހަރާގައި އިދިކޮޅު ދެ ޒަޢީމުން ކަމުގައިވާ ލެޕިޑާއި ގެންޓްސް ބައިވެރިވެ ވަޑައިގަތެވެ. އެ ބޭފުޅުން މި ޗެނެލަށް ވިދާޅުވިއެވެ. "މިއީ ދީމުޤްރާޠީ ނިޒާމާއި ޤަޟާއީ (ޖުޑިޝަރީ) ނިޒާމާއި ޢާންމު ޙަޔާތުގެ ދިފާޢުގައި ބާއްވާ މުޒާހަރާތަކެކެވެ. ކާމިޔާބު ލިބި ނަޞްރު ލިބުމުން ނޫނީ މުޒާހަރާތައް ދެނެއް ނުހުއްޓޭނެއެވެ."
ޤުދުސުގައި ބޭއްވި މުޒާހަރާގައި ދެ ހާސް މީހުން ބައިވެރިވިއެވެ. މި މުޒާހަރާ ބާއްވައިފައި ވަނީ އިސްރާއީލުގެ ރައީސްގެ ގެކޮޅު ކުރިމަތީގައެވެ.
އިސްރާއީގެ މައި ރަށެއް ކަމުގައިވާ ޙައިފާގައި ބޭއްވި މުޒާހަރާގައި ހަތް ހާސް މީހުން ބައިވެރިވިއެވެ.
ބިއުރުއްސަބްޢިގައި ބޭއްވި މުޒާހަރާގައި އެއްހާސް މީހުން ބައިވެރިވިއެވެ. މި މުޒާހަރާ ބާއްވައިފައި ވަނީ އެ ރަށުގެ ސިޓީ ކައުންސިލް ކުރިމަތީގައެވެ.
ތައްލު އަބީބު ކައިރީގައި އޮންނަ ހަރްތަސްލިޔާގައި ވެސް ހާހެއްހާ މީހުން މުޒާހަރާކުރިއެވެ. މި މީހުންނަށް ތައްލު އަބީބަށް ނުދެވުނީ ފުލުހުން ހުރަސްއެޅުމުގެ ސަބަބުންނެވެ.
ސަރުކާރުން ގޮތްދޫނުކުރޭ
މި މުޒާހަރާތައް ބާއްވަމުންދާތާ ތިން ހަފުތާވެއްޖެއެވެ. މުޒާހަރާތައް އިންތިޒާމުކުރާ އިދިކޮޅު ޕާޓީތައް ބުނާގޮތުގައި ކޮންމެ ހޮނިހިރު ދުވަހަކު މުޒާހަރާ ބޭއްވޭނެއެވެ. މިއީ ނަތަންޔާހޫ ސަރުކާރުގެ ކެބިނެޓްގައި ޝާސް ޕާޓީގެ ޒަޢީމު ދިރްޢީއަށް ނުހުންނެވޭނެ ކަމަށް އިސްރާއީލުގެ ސުޕްރީމު ކޯޓުން ޙުކުން ކުރުމުން އެކަމަށް ތާއީދުކޮށް ބާއްވާ މުޒާހަރާތަކެކެވެ. ނަތަންޔާހޫ ވަނީ ދިރްޢީ އެތާނގެ ދާޚިލީ ވަޒީރުކަމަށާއި ޞިއްޙަތާ ބެހޭ ވަޒީރުކަމަށް އިސްކުރައްވައިފައެވެ. ޙައްދުފަހަނަޅައިފައިވާ މި ޕާޓިއަށް ބަރްލަމާނުގައި 11 ގޮނޑި ލިބިފައި ވެއެވެ. ކޯޓުން އަމުރުކޮށްފައި ވަނީ އޭނާ އެ މަޤާމުން ވަކިކުރުމަށެވެ. އެއީ ޓެކްހާ ބެހޭ މަސްއަލަތަކެއްގައި އޭނާ ދެ ފަހަރު ކުށްވެރިވެ ވަޑައިގެންފައިވާތީއެވެ. ޙުކުން ތަންފީޒު ނުކުރާ ގޮތަށް އޭނާ އެއް އަހަރުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ނިޔާ ކަނޑައަޅައިފައެވެ.
ނަތަންޔާހޫ ސަރުކާރުގެ ޤާނޫނީ މުޝީރާ ޣާލީ ބަހަރަވް ވިދާޅުވާ ގޮތުގައި ސުޕްރީމު ކޯޓުގެ އަމުރު ތަންފީޒު ކުރަން ޖެހޭނެއެވެ.
އިސްރާއީލުގެ ސުޕްރީމު ކޯޓުގެ ރައީސާ އިސްތަރު ޙައިވަތު ވިދާޅުވާ ގޮތުގައި ދިރްޢީއަކީ "ފަސާދައިގެ މަސްއަލަތަކެއްގައި ކުށްވެރިވެފައިވާ މީހެކެވެ. މި ކަން ފަހަނަޅައި ދިޔުމަކީ ބުއްދި ޤަބޫލުކުރާ ކަމެއްނޫނެވެ. ދިރްޢީ ވަޒީރުކަމަށް އިސްކުރުމަކީ ޙައްދްފަހަނަޅައިދިޔުމުގެ ޢަމަލެކެވެ. މިއީ ބުއްދި ޤަބޫލުކުރާ ކަމެއް ނޫނެވެ."
އިސްރާއީލުގެ މިހާރުގެ ސަރުކާރުން މަސައްކަތް ކުރަނީ ސުޕްރީމު ކޯޓުގެ އިޚްތިޞާޞުތައް ހަނިކޮށް ބާރު ދެރަ ކުރުމަށެވެ. ކޯޓުގެ ނިންމުންތައް ބާޠިލުކުރުމުގެ ބާރު ބަރްލަމާނަށް ދިނުމަށެވެ. ބަރްލަމާނުން ފާސްކުރާ އެއްވެސް ޤާނޫނެއް ބާޠިލުކުރުމުގެ ބާރު ސުޕްރީމު ކޯޓަށް ނުދިނުމަށެވެ.



advertisment