ދެހާސް ފަންސާހާ ހަމައަށް ދުނިޔެއަށް ދެވޭއިރު ކަނޑުގައި އުޅޭ މަހަށްވުރެ ކަނޑުގައި ޕުލާސްޓިކު ގިނަވާނެ ކަމަށް ރަޝިޔާގެ ބޮޑުވަޒީރުގެ ނައިބާ ވިކްޓޯރިޔާ އަބްރަމްޗިންކޯވް ވިދާޅުވެއްޖެއެވެ. އެއީ އިންސާނުން މިހާރު ބޭނުންކުރަމުންދާ ރޭޓުގައި ޕުލާސްޓިކު ބޭނުންކުރަމުންދާނަމައެވެ.
ރަޝިޔާގެ ނޮވޮސްޓީ ނޫސް އޭޖެންސީއަށް އޭނާ ވިދާޅުވިއެވެ. "ކޮންމެ ދޮންކެޔޮ ވަކެއް ވަކި ޕުލާސްޓިކު ފޮށިގަނޑެއްގައި އަދި ކޮންމެ ހަލުވާކޮޅެއް ޕުލާސްޓިކު ފޮށްޓެއްގައި ބަންދުކޮށްގެން އިސްތިއުމާލުކުރުމަކީ ވަރަށް ބިރުވެރި ކަމެކެވެ. އަޅުގަނޑުމެން އެންމެން އެތައް އަހަރުތަކެއް ވަންދެން މި ގޮތަށް ޢަމަލުކޮށއްފީމެވެ. މި ކަން ކުރަމުން މި ދަނީ ހިތުން ރުހުމުންނެވެ. ސާފުތާހިރުކަމށް ޓަކައެވެ. ނަތީޖާއަކަށް ވަނީ އަހަރަކު 10 މިލިއަން ޓަނުގެ ޕުލާސްޓިކު މާކަނޑުތަކަށް އެއްލާލެވިގެން ދިޔުމެވެ. އެހެންވީމާ އަޅުގަނޑުމެން މި ގޮތަށް ޢަމަލުކުރަމުންދާނަމަ 2050ގައި ކަނޑުގައި އުޅޭ މަހަށްވުރެ ދިރުންނެތް ޕުލާސްޓިކު މާ ގިނަވާނެއެވެ."
އޭނާ ވިދާޅުވިގޮތުގައި އެންމެންވެސް ހިތްވަރުދޭންވީ ޕުލާސްޓިކުތައް އަލުން ބޭނުންކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށެވެ. އެ މައިދާނުގައި ވުނަކުރުމަށް ހިތްވަރުދީގެންނެވެ.
އޭނާ ހާމަކުރެއްވި ގޮތުގައި "ކުނިބުނި ވަކިކޮށް ގިންތިކޮށް ބައިބައި ކުރުމުގެ މައިދާނުގައި ދިރާސަކުރެވިގެން ހިންގޭ މަޝްރޫޢުތައް އެބަހުށްޓެވެ. މީސްތަކުން މިހާރު ވަނީ މިކަން ދަސްކޮށް އުނގެނިފައެވެ. އެހެނަސް ކުނިބުނިތައް ނައްތައިލުމުގެ ޞިނާޢަތަށް ބަލާއިރު އަދިވެސް އުނދަގޫތައް އެބަހުއްޓެވެ. އަޅުގަނޑުމެން އެންމެން މަސައްކަތް ކުރަންވީ ކުނިބުނި ދެ ބައިކުޅަ އެއްބަޔަށް މަދުކުރެވޭތޯއެވެ."
އޭނާ ބަޔާންކުރެއްވި ގޮތުގައި މި އަމާޒުފަތްގަނޑަށް ވާޞިލުވުމަށް ޓަކައި އިސްތިހުލާކީ ސަގާފަތަށް "Culture of consumption" އަށް ބަދަލުގެންނާން ވަނީ ޖެހިފައެވެ.



advertisment