ހުޅަނގުން ޔުކްރޭނަށް ދިނުމަށް ހަމަޖެހެމުންދާ ޒަމާނީ ހަތިޔާރު ލިބުމުގެ ކުރިން ރަޝިޔާއާ ދެކޮޅަށް ބޮޑު ޙަމަލާއެއް ނުފެށުމަށް އެމެރިކާއިން ޔުކްރޭނަށް ނަސޭހަތްތެރިވެއްޖެއެވެ.
އެމެރިކާގެ ރައީސްގެ އިދާރިއްޔަތުގެ އިސް މަސްއޫލުވެރިއަކާ ޙަވާލާދީ ރޮއެޓަރޒް ބުނާގޮތުގައި ޔުކްރޭނަށް ޒަމާނީ ބަރު ހަތިޔާރު ދިނުމާ ބެހޭ ގޮތުން އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުން ހުކުރު ދުވަހު ވަނީ ބަހުސްކޮށްފައެވެ. ޖަރްމަނުގައި އޮންނަ އެމެރިކާގެ ރަމްޝްޓައިން ޢަސްކަރީ ބޭހުގައި ބޭއްވި ބައްދަލުވުމުގައި ހަނގުރާމަމަތީ ޓޭންކް ޔުކްރޭނަށް ދިނުމުގެ މަސްއަލައިގައި ވަނީ އެއްބަސްވުމަކާ ހަމައަށް ނާދެވިފައެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެން ވިދާޅުވާ ގޮތުގައި ރަޝިޔާއާ އިދިކޮޅު ކޯލިޝަން ވަރަށް ވަރުގަދައެވެ. އެތައް ޤައުމުތަކަކުން ޔުކްރޭނަށް އެހީވާން ބޭނުންވެއެވެ.
ބްލިންކެން ވިދާޅުވިއެވެ. "ރޫސީ ރައީސް ޕޫޓިން ދަނީ އޭނާގެ ރައްޔިތުންނަށާއި ޤައުމަށް ބޮޑެތި ގެއްލުންތަކެއް ދެއްވަމުންނެވެ. އޭނާގެ ލަޝްކަރަށް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ."
އެމެރިކާގެ އިސް މަސްއޫލުވެރިޔާ ނަން ހާމަނުކުރުމަށް އެދިވަޑައިގެން ރޮއެޓަރޒަށް ވިދާޅުވި ގޮތުގައި ޔުކްރޭނުން ބަޚްމޫތު ދިފާޢު ކުރުމަށް މަސައްކަތް ނުކުރުން ހުއްޓެވެ. އެއަށްވުރެ ބޮޑަށް ޔުކްރޭނުން އިސްކަންދޭންޖެހޭނީ ރަޝިޔާއާ ދެކޮޅަށް ބޮޑު ޙަމަލާއެއް ދިނުމަށެވެ."
އިސްތިރާތީޖީ ޙަމަލާއެއް
އެމެރިކާގެ މި މަސްއޫލުވެރިޔާ ވިދާޅުވާ ގޮތުގައި ބަޚްމޫތަށް އިސްކަންދިނުމަކީ އިސްތިރާތީޖީ ބޮޑު ޙަމަލާއެއް ދިނުމަށް ކުރެވޭ މަސައްކަތަށް އެޅޭ ހުރަހެކެވެ. މި އަންނަ ރަބީޢު މޫސުމުގައި ރަޝިޔާއާ ދެކޮޅަށް ވަރުގަދަ ޙަމަލާއެއް ދިނުމަށް ޔުކްރޭން ތައްޔާރުވާން ޖެހޭނެކަމަށް އެމެރިކާގެ މި މަސްއޫލުވެރިޔާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ބަޚްމޫތު ހަނގުރާމަ ދިގުލިވަރަކަށް އެކަމުން ފައިދާ ކުރާނީ ރަޝިޔާއަށެވެ.އޭނާ ހާމަކުރެއްވި ގޮތުގައި އެ ނާރެހުގައި ރަޝިޔާ ސިފައިންގެ ޢަދަދުވެސް އަދި ހަތިޔާރު ވެސް މާ ގިނައެވެ.
އޭނާ ވިދާޅުވި ގޮތުގައި ބަޚްމޫތުގައި ރަޝިޔާއަށް ކާމިޔާބު ލިބުމަކުން ހަނގުރާމައިގެ އިސްތިރާތީޖީއަށް ބަދަލެއް ނާންނާނެއެވެ. އަދި ހަނގުރާމައިގެ މިސްރާބަށް ވެސް ބަދަލެއް ނާންނާނެއެވެ. އޭނާ ނަސޭހަތްދެއްވަމުން ގޮވައިލެއްވީ ދިފާޢު ކުރަން ފަސޭހަ މަންޒިލަކަށް ޔުކްރޭން ސިފައިން އެމީހުން ފަހަތަށް ޖެހުމަށެވެ.
އެމެރިކާގެ މި މަސްއޫލުވެރިޔާ ވިދާޅުވި ގޮތުގައި ޔުކްރޭނަށް މި ލިބޭ އައު ހަތިޔާރުތައް ބޭނުންކުރަންވާނީ މި ބޮޑު ޙަމަލާގައެވެ. އެ ހަތިޔާރުތަކުން ޙަމަލާދެނިވި ވަރުގަދަ ލަޝްކަރެއް އެކުލަވައިލެވިދާނެއެވެ. މިހެންވެ އަލަށް ލިބޭ ހަތިޔާރުތައް ކުދިކުދި ޙަމަލާތަކުގައި ބޭނުން ނުކުރުމަށް އޭނާ ވިދާޅުވިއެވެ.
ހަނގުރާމަމަތީ ޓޭންކުތައް
ޔުކްރޭނަށް ޓޭންކްތައް ދިނުމުގެ މަސްއަލައިގައި އެމެރިކާއާއި އެމެރިކާގެ ބައިވެރީންނަށް އެއްބަސްވުމަކަށް ނާދެވުނު ނަމަވެސް އެ ހުރިހާ ޤައުމުތަކަކުން ވެސް ޔުކްރޭނަށް އިތުރު އެހީދޭނެކަމަށް ވަޢުދުވެފައި ވެއެވެ.
މި އެއްބަސްވުމުގެ ރިޔާސަތު ބެލެހެއްޓެވީ އެމެރިކާގެ ދިފާޢީ ވަޒީރު އޮސްޓަނެވެ. މި ބައްދަލުވުމުގައި އިސްކަންދެވުނީ އާޓިލަރީ އުޅަނދުތަކާއި ވައިގެ ދިފާޢީ ނިޒާމުތައް ޔުކްރޭނަށް ދިނުމާ ބެހޭގޮތުންނެވެ. އޮސްޓަން ވިދާޅުވި ގޮތުގައި އެކުވެރި ޤައުމުތަކުން ޔުކްރޭނަށް އެހީވުމަށް ވަނީ ކަށަވެތިވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި "ޔުކްރޭނަށް އެހީވުމަކީ ހަމައެކަނި ޔުކްރޭނުގެ ސަލާމަތަށް ޓަކައި ކުރަންޖެހިފައިވާ ކަމެއްނޫނެވެ." އޭނާ ވިދާޅުވިއެވެ. "އަދި ކިއެއްހެއްޔެވެ؟ އެއީ ޔޫރަޕާއި ދުނިޔޭގެ ސަލާމަތަށް ޓަކައި ކުރަން ޖެހިފައިވާ ކަމެކެވެ."
މި ބައްދަލުވުމުގައި އެމެރިކާއިން ޔުކްރޭނަށް އަބްރާމުސް އެމް-1 މަރުކާގެ ޓޭންކް ދިނުމަށް ވަޢުދެއް ނުވެއެވެ. އަދި ލެޕަރޑް-2 މަރުކާގެ ޓޭންކް ޖަރްމަނުން ދިނުމާ ބެހޭގޮތުން ވެސް ވަކި ގޮތެއް ނުނިންމައެވެ.
ހަނގުރާމައިގެ މައިދާން
ހަނގުރާމައިގެ މައިދާނަށް ބަލާއިރު ރަޝިޔާއިން މިހާރު ދަނީ ހަނގުރާމައިގެ މައިދާން ފުޅައުކޮށް ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ. ޑޮނެސްކްގެ އިރުމަތީ ސަރަޙައްދުގައި ދެކުނު ބަޚްމޫތު ކައިރީގައި އޮންނަ ރަށެއް ރަޝިޔާއިން އިއްޔެ ވަނީ ހިފައިފައެވެ.
ޖަޒީރާގެ ރިޕޯޓަރު ބުނާގޮތުގައި ރޫސީ ސިފައިން ވަނީ ދެކުނު ނާރެހުގައި ޙަމަލާތައް ވަރުގަދަކޮށްފައެވެ.



advertisment