ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއި ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރާއި އާރުޓީއެލް ޚިދުމަތާއެކު އުފެދިގެންދާނީ ދިރުން ހުރި އިގްތިޞޯދެއްގެ ފުރިހަމަ މޮޑެލެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން މިރޭ ހަނިމާދޫގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ރަސްމީގޮތުން އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެއަރޕޯޓް ނިމުމާއެކު ސީދާގޮތުންނާއި ނުސީދާގޮތުން މި ސަރަޙައްދުގެ އިގްތިޞޯދަށް ދިރުން ލިބިގެންދާނެކަމުގައި ވިދާޅުވިއެވެ. އެގޮތުން އެތައްހާސް ވަޒީފާތައް އުފެދުމާއި ގެސްޓް ހައުސްތަކާއި ސިޓީ ހޮޓާތަކާއި ރިސޯޓުތަކުގެ އެނދުތައް އެތައް ގުނައެއް އިތުރުވެގެންދިއުމާއި އެކި ބާވަތްތަކުގެ ވިޔަފާރިތަކާއި އިޤްތިޞާދީ މަސައްކަތްތަކަށް ގިނަ ފުރުޞަތުތަކެއް ހުޅުވިގެން ގޮސް ބޮޑުތިލަދުންމައްޗަކީ އިޤްތިޞާދީ ވަރުގަދަ ހަބަކަށްވުމަށް މަގުފަހިވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ ރާއްޖޭގެ ތާރީޚުގައިވެސް މާލެ ސަރަޙައްދުން ބޭރުގައި ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއެވެ. އިންޑިއާގެ އެގްޒިމްބޭންކުގެ ލޯނު ފައިސާއިން ކުރިއަށްގެންދާ 2.1 ބިލިއަން ރުފިޔާގެ ބިޔަ މި މަޝްރޫޢު ކޮންޓްރެކްޓްކޮށްފައި ވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖްކްޓްސްއާ އެވެ. ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ ވަޞީލަތްތަކާއެކު ބޮޑެތި މަތިންދާބޯޓުފަހަރަށް ޖެއްސޭވަރުގެ 2،460 މީޓަރުގެ އާ ރަންވޭއެއް މި އެއަރޕޯޓުގައި ތަރައްޤީކުރެވޭނެއެވެ. އަދި ދިވެހިވަންތަ ސިފައަކަށް ފަރުމާކޮށްފައިވާ ޒަމާނީ ޓާރމިނަލަކާއެކު އެއަރޕޯޓް ތަރައްޤީކުރެވިގެންދާނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭގޮތަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަރުކާރުން މިހާރު މުޅި ރާއްޖެއަށް ގެންނަ ތަރައްގީގެ ބަދަލު ގެންނަނީ ރަނގަޅަށް ދިރާސާ ކުރެވި "ފެންހިފޭ ފުރިހަމަ ޕްލޭންތަކެއް"ގެ ދަށުންކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ ތަޞައްވުރުގެ ތެރެއިން ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށްދާއިރު އޭގެ ގިނަ ކަންކަން ނިމެމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މިބޮޑު އުތުރުގެ 41 ރަށް އެވަނީ އެނިޒާމުން އަމުނާ ގަތާ ބަނދެވިފައި. މިސަރަޙައްދުގެ އާރުޓީއެލް ޚިދުމަތް ދިނުމުގެ މަސައްކަތް ނިމިއްޖެ. ރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ޔަގީންކަން އަރުވަން. މިދާމަގުން ގޮސްގެން މަގުމައްޗެއް ނުވާނެ. ސާފު ބޯފެނާއި ނަރުދަމާގެ މަސައްކަތް ނުފެށޭ ހަމަ އެންމެ ރަށެއްވެސް މި ސަރަހައްދުގައި އަމުދުން ނެތް،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ހޯރަފުށީ އެއަރޕޯޓާއި ފަރެސްމާތޮޑާ އެއަރޕޯޓުވެސް އަޅައި ނިމިފައިވާކަމާއި މާފަރު ބައިނަލްއަޤްވާމީ އެއަރޕޯޓްގެ އެކްސްޕޭންޝަން މަސައްކަތްކުރުމަށް މޮބިލައިޒްކޮށްފައިވާކަމާއި މަކުނުދޫ، ބިލެއްފަހި، ތުޅާދޫ، އަދި ވިލުފުށީ އެއަރޕޯޓް އަޅާނެ ފައިސާ ހަމަޖެހި ބީލަމަށް ހުޅުވާލާފައިވާކަން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މީގެތެރެއިން ބައެއް މަޝްރޫޢުތަކަކީ، އިންޑިއާގެ އެހީތެރިކަމާއެކު ސަރުކާރުން ހިންގާ މަޝްރޫޢުތަކެއްކަން ފާހަގަކުރައްވައި އިންޑިއާ އަކީ ރާއްޖޭގެ އިޤްތިސާދީ، އިޖްތިމާއީ އަދި އުމްރާނީ ތަރައްޤީގެ އެންމެ މުހިންމު އެއް ބައިވެރިޔާކަމުގައި ވިދާޅުވިއެވެ.
މި ޖަލްސާގައި، ފެލިވަރު ކޯލްޑް ސްޓޯރޭޖް ކޮމްޕްލެކްސް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުންވެސް އޮތެވެ.
މި ޖަލްސާގައި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރު ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ވަޒީރުންނާއި ސަރުކާރުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.



advertisment