Support Us

ޤައުމީ އިނާމު ދެއްވުން ޖުލައި 26ގައި، އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލައިފި

މިއަހަރު ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ޤައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުއްވައިލައްވައި، އިނާމާބެހޭ އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވައިފިއެވެ. މިއަދުން ފެށިގެން މިއަހަރުގެ މާރިޗު މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށް ޤައުމީ އިނާމަށް ނަން ހުށަހެޅުއްވޭނެއެވެ.

މި އަހަރު ޤައުމީ އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ، މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

ޤައުމީ އިނާމު ދިނުމުގެ އުޞޫލަށް ބައެއް ބަދަލުތައް ޤައުމީ އިނާމާބެހޭ ކޮމިޓީން މިއަހަރު ވަނީ ގެންނަވައިފައެވެ. ޤައުމީ އިނާމު ދިނުމުގެ އުޞޫލަށް ގެންނެވި މައިގަނޑު އެއް ބަދަލަކީ، ހިތްވަރު ދިނުމުގެ އިނާމަށް، އުމުރުން 60 އަހަރު ވުމުން ނަން ހުށަނޭޅޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރައްވައި، 60 އަހަރުވި ކަމުގައިވިޔަސް، ހިތްވަރު ދިނުމުގެ އިނާމަށް ނަން ހުށަހެޅޭ ގޮތަށް އުޞޫލު ބަދަލުކުރެއްވުމެވެ. އަނެއް ބަދަލަކީ، ކުރިން އުޞޫލު އޮންނަ ގޮތުން ކުންފުނި، ޖަމުޢިއްޔާ، ޖަމާޢަތްތަކަށް ޝަރަފުވެރިކަމުގެ ޤައުމީ އިނާމަށް ހުށަހެޅުމުގެ ފުރުޞަތު ނޯންނާތީ، ކުންފުނި، ޖަމުޢިއްޔާ، ޖަމާޢަތްތަކަށްވެސް، ޚިދުމަތުގައި 35 އަހަރުވުމުން، ޝަރަފުވެރިކަމުގެ އިނާމަށް ނަން ހުށަހެޅޭ ގޮތަށް ގެންނެވި ބަދަލެވެ.

މީގެ އިތުރުން، މިހާރު އިނާމު ދެއްވަމުން ގެންދަވާ ދާއިރާތަކުގެ ތެރެއަށް އިތުރު ދެ ދާއިރާއެއްވެސް ވަނީ އިތުރު ކުރައްވައިފައެވެ. އެއީ، ކަލިނަރީ އާޓްސްގެ ދާއިރާއާއި، އިންޖިނިއަރިންގގެ ދާއިރާއެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ، ހިތްވަރު ދިނުމުގެ އިނާމު ލިބިފައިވާ ވަކި ފަރުދަކު ނުވަތަ ކުންފުންޏެއް ނުވަތަ ޖަމާޢަތެއްނަމަ، އެ އިނާމު ލިބުނުތާ 10 އަހަރުވެފައި، ޚިދުމަތްކުރި މުއްދަތުގެ ޖުމުލަ 35 އަހަރު ވުމުންނެވެ. އަދި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދެއްވުމުގައި، އެ ފަރާތަކުން ނުވަތަ ޖަމުޢިއްޔާ ޖަމާޢަތަކުން ދިވެހި ޤައުމަށާއި މުޖުތަމަޢަށް ފައިދާހުރި ގޮތެއްގައި ވަރަށް ފުޅާ ދާއިރާއެއްގައި ޤައުމީ ފެންވަރެއްގައި ފޯރުކޮށްދީފައިވާ ފެންވަރު ރަނގަޅު ޚިދުމަތްތަކަށާއި އަދި ހޯދާފައިވާ ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކަށް ކޮމިޓީން ބައްލަވާގޮތަށް ވަނީ ނިންމަވާފައެވެ. ހިތްވަރު ދިނުމުގެ އިނާމު ދެއްވާނީ، އެ ދާއިރާއެއްގައި މަދުވެގެން ހަތް އަހަރު ޚިދުމަތް ކުރުމުންނެވެ. އަދި ކުންފުނި ޖަމުޢިއްޔާ ޖަމާޢަތެއް ނަމަ ޚިދުމަތުގައި މަދުވެގެން 10 އަހަރު ވުމުންނެއެވެ.

މިއަހަރު ވެސް އިނާމަށް ނަން ހުށަހެޅުއްވުމަށް ހަމަޖައްސަވައިފައިވަނީ، އިނާމަށް ނަން ހުށަހަޅާ "ފޯމު ހުށަހެޅުން" http://apply.presidency.gov.mv ޕޯޓަލް މެދުވެރިކޮށްގެންނާއި، [email protected] އީމެއިލް މެދުވެރިކޮށްގެންނާއި، ރައީސް އޮފީހަށް ފޯމު ހުށަހަޅުއްވައިގެންނެވެ.

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް