Support Us

ރަސްމީ ދަތުރުފުޅެއްގައި ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ. މިއީ އެމަނިކުފާނު ރާއްޖެއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ކެމްބޯޑިއާގެ ބޮޑު ވަޒީރަށާއި އެމަނިކުފާނުގެ އަރިހުގައި ރާއްޖެ ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މަރުޙަބާ ވިދާޅުވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބުދުﷲ ޝާހިދެވެ. ކެމްބޯޑިއާގެ ބޮޑުވަޒީރަށް ރަސްމީ މަރުޙަބާ ދެންނެވުމުގެ ޙަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާއެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ރަސްމީ މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވާނެއެވެ. މީގެ އިތުރުން މިދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ސަރުކާރުގެ މެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވައި، ދެޤައުމުގެ ގުޅުން ހަރުދަނާކުރެވިދާނެ ބައެއް ދާއިރާތަކުން ފަހުމްނާމާތަކުގައި ސޮއެކުރައްވާނެއެވެ. އަދި ރަސްމީ ވާހަކަފުޅުތަކަށް ފަހުގައި، ރައީސުލްޖުމްހޫރިއްޔާ އާއި ކެމްބޯޑިއާގެ ބޮޑުވަޒީރު ގުޅިފައިވާ ބަޔާނެއް ދެއްވާނެއެވެ.

ދިވެހިރާއްޖެއިން ކެމްބޯޑިއާ އާއެކު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ، 21 ސެޕްޓެމްބަރު 1995 ގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *