Support Us

އެޅިގަލުގައި ހޮއި ހުންނަނީ ކީއްވެ؟

ކޮންމެ ކަމެއް ކުރާއިރު ވެސް އެކަމެއް ކުރާ ގޮތް ބިނާ ވާނީ ކޮންމެ ވެސް ސަބަބެއް ނުވަތަ ސަބަބުތަކެއްގެ މައްޗަށެވެ. ކަމެއް ކުރާ ސަބަބާއި މަގުސަދު އެންމެންނަށް ނޭނގި އޮވެދާނެއެވެ. ނުވަތަ އެކަމާމެދު ކުރިން ވިސްނާނުލެވި އޮވެދާނެއެވެ. އެކަމަކު ކަންކަމާމެދު ފުންކޮށް ވިސްނުމަކީ އާންމު ކަންކަމާމެދު ވެސް ވިސްނުމުގެ ނަޒަރިއްޔާތެއް ދިނުމެވެ. އާންމު އާދައިގެ ކަންކަމާމެދު ވެސް ސުވާލު އުފައްދައި އެ ސުވާލުތަކަށް ޖަވާބު ހޯދުމެވެ. އޭރުން ވިސްނުމުގެ ބާރު ގަދަވެ، ކަންކަމާމެދު ފުންކޮށް ވިސްނާ ފިކުރުކުރަން ދަސްވާނެއެވެ.

އެޅިގަލަކީ ވަރަށް އާންމު އާދައިގެ އެއްޗެކެވެ. އެކި ސައިޒަށް އެކިގޮތަށް ގާ އަޅައި އުޅެއެވެ. ގެދޮރު ބިނާކުރުމަށް ބޭނުންކުރާ ގާ އަޅާއިރު އެތެރޭގައި ހޮއި ނުވަތަ ލޯވަޅުތަކެއް ހުންނަގޮތަށް ގާއަޅައެވެ. އަދި ހޮއި ނުވަތަ ލޯވަޅު އެއްކޮށް ފޫދުއްވައި ނުލާގޮތަށް ވެސް ގާ އަޅައެވެ. ރާއްޖޭގައި އާންމުކޮށް އަޅަނީ މި ބާވަތުގެ ގަލެވެ.

އެޅިގަލުގައި ހޮއި ނުވަތަ ލޯވަޅު ހުންނަގޮތަށް އެ ގާ އަޅަނީ ކީއްވެގެންބާވައެވެ؟ މި ސުވާލު އުފެދިގެން އިންޓަނެޓް ހާވާލިއިރު އަސްތާ! މިއީ އާދައިގެ ސުވާލެއް ނޫނެވެ. ބޮޑު ސުވާލެކެވެ. އެތައް ފޯރަމްތަކެއްގައި ކަމާބެހޭ ފަންނީ ބޭފުޅުން ޚިޔާލު ފާޅުކުރައްވާފައިވާ ފުޅާ މައުލޫއެކެވެ. އެތައްއެތައް ލިޔުންތަކަކާއި ވީޑިއޯ ރިޕޯޓްތަކެއް ވެސް ހަދާފައިވާ ބޮޑު ސުރުހީއެކެވެ.

ސިމެންތި ގާ އަޅާއިރު ހޮއި ނުވަތަ ލޯވަޅު ހުންނަ ގޮތަށް ގާ އެޅުމުގެ ބޭނުމެއް ކަމަށް އެންމެ ކުރިއްސުރެ ވިސްނިފައި އޮންނަނީ ރާނާ މީހުންނަށް ހިފައި ގެންގުޅެން އަތްމައްޗަށް ފަސޭހަކުރުމާއި ޚަރަދު ކުޑަކުރުން ކަމަށެވެ. އެކަމަކު އެހެން ފައިދާތަކެއް ވެސް އެ ކަމުގައިވެއެވެ.

ގާ އަތްމައްޗަށް ލުއިވި ވަރަކަށް ހިފާގެންގުޅެން ފަސޭހަވެއެވެ. އަދި ލޯވަޅު ނުވަތަ ހޮއި ހުންނަ ގޮތުން ވެސް ހިފަން ފަސޭހަވެއެވެ. އެކަމަކު އެ ހޮއިތަކުގެ ސަބަބުން ގާ ތަޅައިގެން ދިއުމަށް ފުރުސަތު ބޮޑުވެއެވެ. އަދި ހޮއިތައް މައްޗަށް ބަހައްޓައިގެން އެތަންތަނަށް ސިމެންތި އެޅުމުން ގާ ގަންނަން ކުރާ ޚަރަދު ކުޑަވިޔަސް ރާނަންދާ ޚަރަދު ބޮޑުވެއެވެ. އެކަމަކު އޭގެ ސަބަބުން ފާރުގެ އެންމެ ތިރިއާއި މައްޗާ ވެސް ސިމެންތިން ގުޅި ފާރު ގަދަކޮށްދެއެވެ.

ދިވެހިރާއްޖޭގައި އެޅިގަލުން އާންމުކޮށް ރާނަނީ ގާ ބަންޑުން ބާއްވައިގެން ދެގާ ދޭތެރެއަށް ސިމެންތި އަޅާނެ ޖާގައެއް ލައިގެންނެވެ. މި ގޮތަކީ ރޭނުމުގެ ޚަރަދު ކުޑަ ގޮތެކެއެވެ. މިގޮތަށް ރާނާއިރު ފާރުގެ ހިފެހެއްޓުންތެރިކަމާއި ގަދަކަން ބިނާވަނީ ކޮންކްރީޓްކޮށްގެން އަޅާ ތަނބުތަކާއި ބެރިތަކުގެ މައްޗަށެވެ. އެޅިގާތަކުން ކުރާ ބޭނުމަކީ ދޭތެރެތައް ބައްދައި ފުރިހަމަކޮށްދިނުމެވެ. އެ ބެރިތަކާއި ތަނބުތަކާ ނުލައި ފާރު ބަލިކަށިވެއެވެ.

އެޅިގަލުގައި ހޮއި ނުވަތަ ލޯވަޅު ހުރުމުން ރާނާ މީހުންނަށް ފަސޭހަވުމާއި ޚަރަދު ކުޑަވުމާއި ފާރު ގަދަވުމުގެ އިތުރުން އެންމެ ބޮޑު ފައިދާއަކީ ބޮޑެތި އުސް އިމާރާތްތައް ލުއިވުމެވެ. އަދި ހޫނާއި އަޑު މަޑުކޮށްދިނުމެވެ. ރާނާއިރު ތެތްބޮޑުވުން ކުޑަކޮށްދީ އަވަހަށް ފާރު ހިއްކައިދެއެވެ. އެކަމުގެ ސަބަބުން މަސައްކަތް އެތައް ގުނައެއް އަވަސްވެ ހަލުއިވުމެވެ. އެޅިގަލަކީ އިމާރާތްކުރުމުގެ ސިނާޢަތަށް ބޮޑު އިންގިލާބެއް ނެގައި އެއްޗެކެވެ.

* މައުލޫމާތު: އަބްދުﷲ ސައީދުގެ ލިއުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް