Support Us

ފޭދޫ ސްކޫލަށް 50 އަހަރުފުރޭ މުނާޞަބާ ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވަނީ -ފޮޓޯ: ރައީސް އޮފީސް

އަމާޒަކީ ކުދިންނަށް ތަޢުލީމު ދިނުމުގައިވެސް އެއްވެސް ފަރުދެއް ބާކީނުކުރުން: ރައީސުލްޖުމްހޫރިއްޔާ

ސަރުކާރުގެ އަމާޒަކީ ކުދިންނަށް ތަޢުލީމު ދިނުމުގައިވެސް އެއްވެސް އަތޮޅެއް، ރަށެއް އަދި ފަރުދެއްވެސް ބާކީ ނުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އައްޑޫސިޓީގެ ފޭދޫ ސްކޫލަށް 50 އަހަރުފުރޭ މުނާޞަބާ ފާހަގަކުރުމުގެ ގޮތުން ފޭދޫ ސްކޫލުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފޭދޫ ސްކޫލުގެ ތާރީޚްގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ. އަދި އެމަނިކުފާނު ވަނީ ފޭދޫ އައު ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ފެށުމުގެ އިންތިޒާމުތައް ވީއެންމެ އަވަހަކަށް ހަމަޖައްސައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ނިމިގެންދިޔަ އަހަރުން ފެށިގެން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލްތައް ހުންނާނެ ކަމަށާއި އެއީ ރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި ޙާޞިލުކުރެވުނު ވަރަށް ތާރީޚީ ކާމިޔާބެއްކަން ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވަނީ މިދިޔަ އަހަރާ ޖެހެންދެން ވ. އަތޮޅުގައި މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލެއް ނެތްކަން ފާހަގަކުރައްވައި އެ އަތޮޅުގައި މުޅިން އަލަށް މަތީ ސާނަވީއަށް ކިޔަވައިދޭން ފެށީ މި ސަރުކާރުންކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދަރިންނަށް ތަޢުލީމުދިނުމާއި މުޅި ރާއްޖޭގެ އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންގެންދާ މުހިންމު މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ސަރުކާރުން ފަހިކޮށްދެއްވާފައިވާ ހިލޭ ޑިގްރީ ޕްރޮގްރާމާއި ސްޓޫޑެންޓް ލޯނަށް ނަގަމުން އައި އިދާރީ ފީ ކުޑަކުރުމާއި އަދި ލޯނު ދައްކަންޖެހޭ މުއްދަތު، 25 އިންސައްތަ އިތުރުކޮށްދިނުން ފަދަ ކަންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަޢުލީމުގެ ޤާނޫނެއް އެކުލަވާލައި 2021 ވަނަ އަހަރު ތަންފީޒުކުރަން ފެށުމާއި ބައެއް ސްކޫލުތަކަށް ސެޓެލައިޓް ސްކޫލް ނިޒާމު ތަޢާރަފު ކުރުމާއި ޕްރިންސިޕަލުންނާއި ޑެޕިޔުޓީ ޕްރިންސިޕަލުންނާއި ޓީޗަރުން، އަދި އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރުންގެ މުސާރައަށް ގެނެސްދިން ހެޔޮބަދަލާއި އަދި ތަޢުލީމީ ދާއިރާގެ އެހެނިހެން މުވައްޒަފުންނަށް، އަސާސީ މުސާރައިގެ 35 އިންސައްތަ، ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި ހަމަޖައްސައިދިނުން ފަދަ އަދި މީގެ އިތުރުން ޓީޗަރުންނާއި ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ހުޅުވާލި ފުރުޞަތުތައް ފަދަ ތަޢުލީމީ ދާއިރާއަށް ސަރުކާރުން ގެނެސްދެއްވާފައިވާ ކުރިއެރުންތަކަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފޭދޫ ސްކޫލުގެ މުވައްޒަފުންގެ ތެރެއިން މެދުނުކެނޑި 15 އަހަރު ޚިދުމަތުގައި ދެމިތިބި މުވައްޒަފުންނަށް ރަންޔޫބީލްގެ ފިލާ ހަވާލުކޮށްދެއްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *