ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ކ. ބޮލިދުއްފަރު ގޮނޑުދޮށާ ކައިރިން އިއްޔެ ފެނުނު 14 ފޫޓުގެ ބިޔަ ކިނބުލެއް އެމްއެންޑީއެފް ކޯސްޓްގާޑުން މިއަދު ހިފުމަށްފަހު ދުރު ސަރަހައްދަކަށް ދޫކޮށްލައިފިއެވެ.
ދިގުމިނުގައި 14.4 ފޫޓު ހުރި މި ކިނބޫ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ކުރަމުންދަނިކޮށް، އެ ސޮރު ފެނިފައިވަނީ މިއަދު ހެނދުނު 08:30 ހާއިރު އެރަށުގެ ފަރުމަތިން މޫދުން ކަމަށާއި ކިނބޫ ހިފިފައިވަނީ 45 މިނިޓުގެ މަސައްކަތުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
"މި ކިނބޫ ހިފުމަށްފަހު ކ. ބޮލިދުއްފަރުގެ އިރުން 24 ނޯޓިކަލް މޭލު ބޭރަށް މިހާރުވަނީ ދޫކޮށްލާފައެވެ." އެމްއެންޑީއެފުން ބުންޏެވެ.
ރާއްޖެއިން މިހާތަނަށް ފެނުނު އެންމެ ބޮޑު ކިނބޫ ކަމަށް ބެލެވޭ މި ކިނބޫ ހިފުމަށް މަސައްކަތްކުރި ކޯސްޓްގާޑުގެ 11 މީހުން، ވަށައިގެން ބަނދެފައިވާ ކިނބުލާއެކު ނަގައިފައިވާ ފޮޓޯއަކާއި ކޯސްޓްގާޑުތެރޭގައި އެ ސޮރު ބާއްވާފައި އޮތް ފޮޓޯއެއް އެމްއެންޑީއެފުން ވަނީ ޓްވީޓްކޮށްފައެވެ.