މި ހަފުތާގައި ޗައިނާއިން ވަނީ ތައިވާން އައްސޭރިފަށުގައި ޢަސްކަރީ ވަރަށް ބޮޑު ތަމްރީނުތަކެއް އަލުން ފަށައިފައެވެ. މިއީ މަހެއްހާ ދުވަހުގެ ތެރޭގައި ޗައިނާއިން ބާޢްވާ ޢަސްކަރީ ދެވަނަ ތަމްރީނު ބުރެވެ. ޗައިނާއިން މި ތަމްރީނު ބުރު ފެށީ ނޭޓޯގެ ކުރީގެ އަމީން ޢާންމު ރަސްމުސަން ތައިވާނަށް ދަތުރުފުޅެއް ކުރެއްވުމާ ވިދިގެންނެވެ. ރަސްމުސަން މި ދަތުރުފުޅު ކުރެއްވީ ތައިވާނުގެ ރައްޔިތުންނަށް އެމީހުންގެ ކުރިމަގު ކަނޑައެޅުމުގެ ފުރިހަމަ މިނިވަންކަން ލިބިފައިވާކަން ދުނިޔެއަށް ދެއްކެވުމަށް ޓަކައެވެ. އެމެރިކާއާއި ހުޅަނގުން ތައިވާނުގެ މަސްއަލައިގައި ޗައިނާއަށް ޖެއްސުންކުރުމާއި ބިރުދެއްކުމުގެ ޙަމަލާތައް ތަފާތު ސިފަސިފައިގައި ދައްކަމުންދާކަށް ފާހަގަކުރެވެއެވެ.
އެމެރިކާއާއި ހުޅަނގުން ޗައިނާއަކީ އެއް ޗައިނާކަން ވަނީ ޤަބޫލުކޮށްފައެވެ. އެހެނަސް ތައިވާނާމެދު ގެންގުޅޭ ދެ މިންގަނޑުގެ ސިޔާސަތުގެ ސަބަބުން އެމީހުން ދައްކާ ވާހަކަޔާއި ސިޔާސަތު ފުށުއަރާކަން ދަނީ ފާޅުވަމުންނެވެ.
ރަސްމުސަން އިނގިރޭސިވިލާތުގެ ފައިނަންޝަލް ޓައިމްޒްގައި ލިޔުއްވި މަޒުމޫނެއް ބުނާގޮތުގައި ޔުކްރޭނާއި ތައިވާނުގެ ޙާލަތު ވަރަށް އެއްގޮތްކަން ހަނދާންނައްތައިލައިގެން ނުވާނެއެވެ. އޭނާ ވިދާޅުވިގޮތުގައި "ދީމުޤްރާޠީ ދުނިޔެ" ވަނީ ރަޝިޔާއިން ޔުކްރޭނަށް ދެމުންގެންދާ "ޢުދްވާނު" މައިތިރި ކުރުމުގައި ނާކާމިޔާބުވެފައެވެ. ތައިވާނުގެ މަސްއަލައިގައި އެ ކުށްތައް ހަދައިގެން ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ. ތައިވާން ކަނޑުއޮޅީގައި އެފަދަ ކަމެއް ހިނގިޔަ ނުދިނުމަށް ޓަކައި ޔުކްރޭން ހަނގުރާމައިން ފިލާވަޅުތައް ދަސްކުރާން ޖެހިފައިވާ ކަމަށް ނޭޓޯގެ ކުރީގެ ވެރިޔާ ރަސްމުސަން ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި ޔުކްރޭނަކީ މިނިވަން ޤައުމެކެވެ. އެ ޤައުމުގެ ރައްޔިތުން ތިބީ އެ ޤައުމުގެ މިނިވަންކަމަށް ޓަކައި ހަނގުރާމަކުރާން ތައްޔާރުވެގެންނެވެ. ހުޅަނގުން ޔުކްރޭނަށް ދެމުންގެންދާ އެހީއާއި ހަތިޔާރުން ފައިދާކުރަމުންދަނީ ޔުކްރޭނުގެ ރައްޔިތުންގެ ހިތްވަރުގަދަކަމުންނެވެ. އޭނާ ވިދާޅުވިގޮތުގައި ޗައިނާ މައިތިރި ކުރެވޭނީ ވަރަށް ބޮޑު ބުރަތަކަކާއި ހޭދަތަކެއްކޮށްގެންނެވެ.
ރަސްމުސަން ފާހަގަ ކުރެއްވި ދެވަނަ ނުކުތާ ބުނާގޮތުގައި "ދީމުޤްރާޠީ ދުނިޔޭ"ގެ ޒަޢީމުން ޔުކްރޭނާ އެއްގޮތަށް ތައިވާނުގެ މަސްއަލައިގައި ޗައިނާއާ ދެކޮޅަށް އެއްގަލަކަށް އަރައިވަޑައިގެން ތައިވާނަށް އިޖާބަދެއްވާން ވާނެއެވެ. ބާރުގެ ބޭނުންކޮށްގެން ތައިވާނުގެ މިހާރުގެ ޙާލަތު ބަދަލުކުރާން ބޭޖިންގަށް ފުރްޞަތު ދެއްވައިގެން ނުވާނެއެވެ. މި ކަމުގައި އަރާރުންވާ އިޝާރާތްތަކެއް ދެއްވައިގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ތިންވަނަ ނުކުތާއަކަށް ރަސްމުސަން ފާހަގަކުރެއްވި ކަމަކީ ޔުކްރޭނުގައި ރަޝިޔާއަށް ކާމިޔާބު ލިބުނަނުދިނުމަށްޓަކައި ހުޅަނގުން މަސައްކަތް ކުރާން ޖެހިފައިވާ ކަމެވެ. އޭނާ ވިދާޅުވި ގޮތުގައި ޔުކްރޭނުގައި ރަޝިޔާއަށް ކާމިޔާބު ލިބިއްޖެނަމަ އެކަމުން ޗައިނާއަށް ތައިވާނަށް އެރުމަށް ހިތްވަރު ލިބޭނެއެވެ. އެހިނދު ޗައިނާއަށް "ދީމުޤްރާޠީ ދުނިޔޭގެ" ނިކަމެތިކަން ހާމަވެގެންދާނެއެވެ. އަދި ޢަސްކަރީ ޙަމަލާތަކުން އަމާޒުފަތްގަނޑު ޙާޞިލުކުރެވިދާނެކަން އެނގޭނެއެވެ.
ރަސްމުސަން އޭނާގެ މަޒުމޫން ނިންމައިލައްވަމުން ވިދާޅުވެފައިވަނީ ތާރީޚުން ފިލާވަޅުތައް އުނގެނެން ޖެހޭނެކަމަށް ވިދާޅުވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި "ޙައްދުފަހަނަޅައިފައިވާ ވެރީންނަށް" ދޫދީގެން ޞުލްޙަ ޤާއިމެއް ނުކުރެވޭނެއެވެ. އޭނާ ވިދާޅުވިގޮތުގައި ތައިވާނަކީ ދީމުޤްރާޠީ ނިޒާމެއްގެ މަތީގައި އޮތް ތަނެއް ކަމަށް ޤަބޫލުކުރާ މީހުން ޔުކްރޭނުގެ ސިޔާދަތު ޖާމިނުކޮށްދިނުމަށް މަސައްކަތް ކުރަންވާނެއެވެ.
އޭނާ ވިދާޅުވިއެވެ. "ޔުކްރޭނާއި ތައިވާނަކީ އެއް ޙާލަތެއްގައި އޮތް ދެ ޤައުމެވެ. އެއީ އެއް ކުރިމަގެއް ލިބިފައިވާ ދެ ރަށެކެވެ."



advertisment