Support Us

ޤައުމުތައް އިޤްތިޞާދީ ވަޅިން ކަތިލުން

އެމެރިކާގެ ދެވަނަ ރައީސް ޖޯން އެޑަމްސް ވިދާޅުވިއެވެ. "ޤައުމެއް ދެ ގޮތަކަށް އަޅުވެތި ކުރެވިދާނެއެވެ. ފުރަތަމަ ގޮތަކީ ކަނޑިންނެވެ. ދެވަނަ ގޮތަކީ ދަރަނިންނެވެ."

ޤައުމުތައް އިޤްތިޞާދީ ވަޅިން ކަތިލުން Economic Assassination Of Nations މި ފޮތުގައި މުއައްލިފު ޖީން ޕަރކިންސް ވިދާޅުވާ ގޮތުގައި ދުނިޔޭގެ ޤައުމުތައް އިނދަޖެއްސުމަށާއި އެ ޤައުމުތަކުގެ މުއްސަނދިކަން ދަވައިލުމަށާއި ތަނަވަސްކަމުގެ މައްޗަށް ވެރިވެގަތުމަށް ޓަކައި އެމެރިކާ ސަރުކާރާއި ގިނަ ޤައުމުތަކަށް ނިސްބަތްވާ ކުންފުނިތަކާއި ބައިނަލްއަޤްވާމީ މުއައްސަސާތައް ބޭނުންކުރެއެވެ. މުއައްލިފު ވިދާޅުވާގޮތުގައި އެމެރިކާއިން މި ކަންތައް ކުރަނީ އެ ޤައުމުތައް ދަރަނީގެ މަޅީގައި ޖައްސައިގެންނާއި އެމެރިކާގެ ސިޔާސަތާ ދެކޮޅު ހައްދަވާ ސިޔާސީ އިސްވާރުން އަވަހާރަކޮށްލައިގެންނާއި އިންޤިލާބުތައް ގެނެސްގެންނެވެ.

މި ފޮތުގެ މުއައްލިފަކީ އެމެރިކާއިން މި މަސައްކަތުގައި ގެންގުޅުނު އިޤްތިޞާދީ ކެޔޮޅެކެވެ. މި ފޮތުގައި އޭނާ ވާހަކަފުޅު ދައްކަވައިފައި ވަނީ އޭނާގެ ތަޖްރިބާގެ މައްޗަށް ބައްލަވައިގެންނެވެ.

ފެށުމުގެ އެއްބަސްވުން

އޭނާ ވިދާޅުވާގޮތުގައި މި ކަން ފެށުނީ ބްރިޓަން ވުޑްސް އެއްބަސްވުމުން (Bretton Woods Agreement) ނެވެ. މި އެއްބަސްވުމަކީ ދެވަނަ ބޮޑުހަނގުރާމައަށް ފަހު ޢާލަމީ އިޤްތިޞާދަށް ހަމަޖެހުން ގެނައުމަށް ޓަކައި އުފެއްދި އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން ޑޮލަރު މާރުކުރާ އަގު ރަނާ ގުޅުވައިލެވުނެވެ. ނަތީޖާއަކަށް ވީ ޑޮލަރު އެމެރިކާގެ ޤައުމީ ފައިސާއަކުން ބައިނަލްއަޤްވާމީ ރިޒަރވް ފައިސާއަކަށް ބަދަލުވެގެން ދިޔުމެވެ. މި އެއްބަސްވުމުގެ ދަށުން ޤައުމުތަކުގެ ރަންތައް އެމެރިކާއިން ޑޮލަރަށް ގަންނަން ފެށިއެވެ. އެމެރިކާއިން ރަން އައުންސަކަށް ދިނީ 35 ޑޮލަރެވެ. އަދި އެމެރިކާއިން ދުނިޔޭގެ ތަފާތު ޤައުމުތަކުގެ ފައިސާތައް ޑޮލަރަށް މާރުކުރުމަށް ސާބިތު އަގުތަކެއް ކަނޑައެޅިއެވެ.

މި އެއްބަސްވުމުގެ ސަބަބުން ޢާލަމީ ބޭންކާއި (ވަރލްޑް ބޭންކް) ބައިނަލްއަޤްވާމީ ފައިސާ ފަންޑު (އިންޓަރނޭޝްނަލް މަނިޓަރީ ފަންޑު) ޤާއިމުވެގެން ދިޔައެވެ.

ނަތީޖާއަކަށްވީ ޢާލަމީ ބާޒާރުތައް ޑޮލަރުން ޣަރަޤުވެގެން ދިޔުމެވެ. ދުނިޔޭގެ ބާޒާރުގައި ޑޮލަރުގެ އަގުގެ ހަމަޖެހުމާއި ސާބިތުކަމާމެދު ބިރުގަންނާން ފެށުމާ ވިދިގެން ދުނިޔޭގެ ޤައުމުތަކުން ޑޮލަރުގެ ބަދަލުގައި ރަނަށް އިޢާދަވާން މަސައްކަތް ފެށިއެވެ. މި ކަމުގެ ސަބަބުން އެމެރިކާގެ ރަނުގެ ރިޒަރވަށް ބޮޑެތި ގެއްކުންތަކެއް ލިބިގެން ދިޔައެވެ. އަދި 1971 ގައި ގިނަ ޤައުމުތަކަކުން އެ ޤައުމުތަކުގައި ހުރި އެތައް މިލިއަން ޑޮލަރުތަކެއް ރަނަށް ބަދަލު ކުރަން ފެށިއެވެ. މިކަމާހެދި އެމެރިކާގެ އޭރުގެ ރައީސް ރިޗަރޑް ނިކްސަން ޑޮލަރާ ރަނާ ދެމެދުގައި އޮތް ކާވެނި ފަސްޚު ކުރެއްވިއެވެ.

މި ހިސާބުން އެމެރިކާއިން ސިޔާސަތު ބަދަލުކޮށް ތިންވަނަ ދުނިޔެ ކުރިއެރުވުމަށާއި އެ ޤައުމުތަކުން ފަޤީރުކަމާއި ބަނޑުހައިހޫނުކަން ނައްތައިލުމަށޭ ކިޔައިފާ އެ ޤައުމުތައް ދަރަނީން ޣަރަޤުކުރާން ފެށިއެވެ. މި ކަން ޤަބޫލުނުކުރާ ޤައުމުތަކުގެ ވެރިކަން ގަދަކަމުން ބަދަލުވެސް ކުރިއެވެ. ރައީސް ނިކްސަން ވިދާޅުވިއެވެ. "ތިބާއަށް ގެއްލުން ލިބޭނަމަ ކުޅިގަނޑުގެ ޤަވާޢިދު ބަދަލު ކުރާން ޖެހޭނެއެވެ."

ޖޯން ޕަރކިންސް މި ފޮތުގައި ވިދާޅުވެފައިވާ ގޮތުގައި އޭނާއަކީ އިޤްތިޞާދުގެ ކެޔޮޅެކެވެ. އިޤްތިޞާދުގެ ކެޔޮޅުންނަކީ އެކަމުގައި ތަޖްރިބާކާރު މީހުންނެވެ. އެމީހުންގެ މަސައްކަތަކަށް ވެފައިވަނީ ދުނިޔޭގެ ޤައުމުތަކުން މިލިއަނުންމިލިއަނުން ޑޮލަރު ހޯދުމެވެ. މި ގޮތަށް ހޯދާ ފައިސާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި މަރްކަޒުތައް (ޢާލަމީ ބޭންކާއި ބައިނަލްއަޤްވާމީ ފައިސާ ފަންޑުފަދަ ތަންތަން) މެދުވެރިކޮށް ތިންވަނަ ދުނިޔޭގެ ޤައުމުތަކަށް ދަރަނީގެ ގޮތުގައި ދިނުމެވެ.މި މަސައްކަތުގެ ސަބަބުން ބޮޑެތި ކުންފުނިތައް ދިރި މުއްސަނދިވެގެން ދިޔައެވެ.

ކޯޕަރެޓޯކްރެސީ އުފަންވީ މި ހިސާބުންނެވެ. ސިޔާސީ އިޤްތިޞާދީ މި ނިޒާމުގައި ބާރުވެރީންނަކީ ބޮޑެތި ކުންފުނިތަކެވެ. ނުވަތަ މި ކުންފުނިތަކުގެ މަޞްލަޙަތުތަކެވެ.އިޤްތިޞާދުގެ ކެޔޮޅުން ޙަރަކާތްތެރިވާނީ ތިންވަނަ ދުނިޔޭގެ ޤައުމުތަކާއި ފަޤީރު ޤައުމުތައް ހުރިހާ ކަމެއްގައި އެމެރިކާއަށް ބޯލެންބުވުމަށެވެ. މި ޤައުމުތަކުގެ އާމްދަނީ އިތުރުވަމުން ދިޔަވަރަކަށް އެ ޤައުމުތަކުގެ މައްޗަށް ދަރަނި އިތުރު ކުރުމަށް މަސައްކަތް ކުރުމެވެ. އެމެރިކާއިން މި ފަދަ ޤައުމުތަކުން ފައިދާ ޙާޞިލުކުރުމަށާއި މި ޤައުމުތައް އެމެރިކާގެ ފަލަކުން ބޭރަށް ދިޔަނުދިނުމަށް ޓަކައި ތަފާތު އެތައް ވަސީލަތްތަކެއް ބޭނުންކުރެއެވެ. އޭގެތެރޭގައި ދަރަނީގެ ތެރެއަށް ގެންބުވުމާއި އެމެރިކާގެ ސިޔާސަތާ އިދިކޮޅު ޒަޢީމުން ނައްތައިލުމާއި އިންޤިލާބުތައް ގެނައުމާއި އެމެރިކާއަށް ތާއީދު ކުރާ ޚުދްމުޚްތާރު ވެރީން ވެރިކަމުގައި ދެމެހެއްޓުން ވެއެވެ. ދެކުނު އެމެރިކާއާއި މެދުތެރޭ އެމެރިކާއާއި މެދުއިރުމަތިން މި ކަމުގެ މިސާލުތައް ފެނިފައި ވެއެވެ.

މި މަސައްކަތް ކުރަނީ ދެ ފިޔަވައްސެއްގެ ތެރެއިންނެވެ.

ފުރަތަމަ ފިޔަވަހީގެ އަމާޒަކީ ތަރައްޤީއަށް ބޭނުންވާ މަޝްރޫޢުތައް ހިންގުމަށް ޓަކައި ދަރަނި ނަގަން ޖެހޭކަން ޤަބޫލުކުރުވައި ދަރަނި ނެންގެވުމެވެ. އެ ކަންތައް ކުރާނީ ދިރާސާތަކާއި ރިޕޯޓުތައް ހަދައި އޮޅުވައިލައިގެންނެވެ. މި ރިޕޯޓުތަކުގައި ވެސް ހުންނާނީ ޙަޤީޤަތާ ޚިލާފު މަޢުލޫމާތެވެ. އެއަށްފަހު އަސާސީ ބިނާރުތަކާއި ތަޢުލީމާއި ޞިއްޙަތާ ބެހޭ މަޝްރޫޢުތަކަށް ޓަކައި މި ޤައުމުތަކަށް ދަރަނި ދޭނެއެވެ. ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި މަރްކަޒުތައް މެދުވެރިކޮށް މި ޤައުމުތައް ކުރިއަރަމުންދާ ކަމަށް ބުނެ ދޮގު މަޢުލޫމާތާއި އިންޑެކްސްތައް ނެރެ ޝާއިޢު ކުރާނެއެވެ. މި ދަރަނިތައް ދިނުމަށްފަހު މި މަޝްރޫޢުތައް ހިންގަން ޙަވާލު ކުރާނީ އެމެރިކާގެ ބޮޑެތި ކުންފުނިތަކާއެވެ. މި ދަރަނިތަކަށް ދައްކަން ޖެހޭ ރިބަވީ ފައިދާގެ ސަބަބުން ދަރަނި ވަރަށް އަވަހަށް ނޫފުއްލޭވަރުގެ ބަރު އެއްޗަކަށް ވެގެންދާނެއެވެ. މި ދަރަނިތައް އަދާކުރުމަށް ޓަކައި ޖެހޭނީ ޓެކްސް ނަގާށެވެ. މި ޓެކްސް ދައްކާ ބަޔަކީ ޤައުމުގެ ފަޤީރު ރައްޔިތުންނެވެ.

ދެން އަންނާނީ ދެވަނަ ފިޔަވައްސެވެ. އެއީ ނެގި ދަރަނި އަދާކުރުމަށް ނުކުޅެދުންތެރިވުމުން ކުރިމަތިލާން ޖެހޭ ފިޔަވައްސެވެ. މިޙާލަތުގައި ޖެހޭނީ އެމެރިކާއިން ބޭނުންވާ ޤައުމުގެ މުހިއްމު ބިންތަކުން ބިންކޮޅެއް ވިއްކާލާށެވެ. އެމެރިކާއިން އެމެރިކާގެ އަމްނަށާއި އިޤްތިޞާދަށް ފައިދާ ހުރި މަޝްރޫޢުތައް ހިންގުމަށް މި ބިން ބޭނުން ކުރުމަށެވެ. ނުވަތަ ޖެހޭނީ ޤައުމުގެ ތަނަވަސްކަމާއި އާމުދަނީ ލިބޭ މަޞްދަރުތަކުން މަޞްދަރެއް އެމެރިކާއަށް ދޭށެވެ.

ތަރައްޤީ ވުމަށް މަސައްކަތް ކުރާއިރު ވިސްނައިލަމާތޯއެވެ؟

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *